ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު، ރައީސްއަށް: ފަހަތަށް ނުޖެހި، މައްސަލަ އަވަހަށް ބައްލަވާ ދެއްވާ!

އެމްޑީޕީ ޕްރައިމެރީއަށް ފަހު އެ ޕާޓީގެ ހަރުގޭގައި ބޭއްވި ހަރަކާތުގައި ރައީސް ސޯލިހު އަދި ރައީށް ނަޝީދު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި، ދިން ޓެރަރިސްޓު ހަމަލާގެ މައްސަލަ ވީހާވެސް ގާތުން ބައްލަވައި ފަހަތަށް ޖެހިވަޑައި ނުގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މުޅި މަޖިލިސް އިގުރާރުވެގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީން) ވަނީ ސެކިއުރިޓީ ބްރީޗްވި ގޮތުގެ ޕާލިމަންޓު އިންކުއަރީއެއް ކުރިޔަށް ގެންގޮސްފަ އެވެ. އަދި ކޮމިޓީގެ އެ ރިޕޯޓް މަޖިލީހުން ފާސްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ހާދިސާ ހިނގައިދިޔަ ގޮތާއި، ރައީސް ނަޝީދުގެ ސެކުއުރިޓީ ފޯރުކޮށް ދިނުމުގައި އަމަލު ކުރަމުން ދިޔަ އުސޫލުތައް ހިމަނާފައި ވެއެވެ. އަދި މިއީ ސެކިއުރިޓީ ވަރުގަދަކޮށް އެކަމަށް ސަމަލުވެ ތިބި ނަމަ ހުއްޓުވޭނެ ހަމަލާއެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ރޭ ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހިމަނާފައިވެ އެވެ.

241 ކޮމިޓީގެ ރިޕޯޓުގައި، ސެކިއުރިޓީ ބެލެހެއްޓުމުގައި ގެންގުޅޭ ފަރުވާކުޑަ ނިޒާމުތަކާއި، އަދި އިންޓެލިޖެންސް މައުލޫމާތު އެއްކުރުމުގައި އުފެދިގައިވާ ނިޒާމީ ބާގަނޑު އަދި މައުލޫމާތެއް ލިބުމަށްފަހު އެމްއެންޑީއެފްއިން އަމަލު ކުރާ ގޮތްތަކުގައި ހުރި ފުށު އެރުން ފަހަގަކޮށް އެކަންކަން އިސްލާހު ކުރުމަށް ލަފާ ދީފައި ވެއެވެ.

ރިޕޯޓުގައި 45 ލަފައެއް ހުށަހަޅާފައި ވެއެވެ. އަދި މިފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އެޅިދާނެ އަވަސް ފިޔަވަޅުތަކަށް ގާނޫނީ ގޮތުން ކުރެވޭނެ މަސައްކަތް ހިމެނި އެވެ.

ރައީސް މުހައްމަދު ނަޝީދުއަށް މި ރިޕޯޓު އަރުވަމުން، 241 ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް އަރުވާ ރިޕޯޓުގައި އާއްމުކުރި ރިޕޯޓުން އުނިކުރި ބައިތައް ވެސް ހިމެނޭނެ ކަމަށެވެ. އަދި ބައްދަލުވުންތަކުގައި މެމްބަރުން ކުރި ސުވާލުތައް ހިމެނޭ، ޔައުމިއްޔާތަކުގެ ތިން ވޮލިއުމްވެސް ވަނީ ރައީސް ނަޝީދަށް ދެއްވާފަ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިއީ މަޖިލީހުގެ ތާރީހުގައި މުހިންމު ދުވަހެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޔަކު ގަސްތުގައި މަސައްކަތް ކުރީ އެމަނިކުފާނު މަރުގެ ތުންފަތްމައްޗަށް ގެނައުމަށް ކަމަށެވެ. އަދި އެކަން އެމީހުންނަށް ކާމިޔާބު ކުރުމާއި ވަރަށް ގާތް ކުރެވުނުކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މައްސަލަ ނުބެލި ލަސްވާކަމުގައި ވާނަމަ އޭގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުން އަދި މާބޮޑުވާނެކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ މީގެ ސަބަބުން އިގްތިސޯދަށް ވެސް ކުރާނެ ނޭދެވޭ އަސަރުތައް އެބަހުރި ކަމަށެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ އާމްދަނީގެ ވަސީލަތް އެންމެ ބޮޑަށް ފަތުރުވެރިކަމަށް ބިނާވާއިރު، އެ ސިނާއަތް ކުރިއަރުވަނީ ރާއްޖެ މިއީ އަމާން ރައްކާތެރި ތަނެއްގެ ގޮތުގައި އިޝްތިހާރުކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އޭގެ ބަދަލުގައި ދިވެހިރާއްޖެއަކީ ބޮން ގޮއްވައި، ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް އަމަޒުކޮށް ހަމަލާ ދޭ ގައުމެއްގެ ގޮތުގައި ދުނިޔެއަށް ފެންނަން ފަށައިފިނަމަ އެތައް ބަޔަކު ނިކަމެތިވެގެންދާނެކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

“އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން ވަރަށް އަދަބުވެރިކަމާއި އެކު އެދެން، މައްސަލަ އަވަހަށް ބައްލަވާށޭ… އެއްވެސް ހާލެއްގައި ކުޑަކޮށް ވިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ… އަޅުގަނޑަށް އެނގޭ ރައީސް ފަސްޖެހިވަޑައި ނުގަންނަވާނެކަން… އެއީ އަޅުގަނޑުގެ ހިތުގައި މިވަގުތު ޝައްކު ހިނގާކަމެއް ނޫން..” ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އިލްތިމާސަކީ ފިޔަވަޅުތައް ވީހާވެސް އަވަސް ކުރުން ކަމަށެވެ. އަދި ބަލަންޖެހޭ ކަންކަމަށް ވީހާވެސް އަވަހަށް އެޓެންޑު ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ސަލާމަތީ ހިދުމަތްތަކުގެ ތެރޭގައި ކަންބޮޑުވާ ކަންތަކެއް ހުރިކަން ރިޕޯޓުން ވެސް ހާމަވާ ކަމަށެވެ. މިއީ އިސްލާހު ކުރަންޖެހޭ ކަންތައްކަން ފާހަގަކޮށް ރައީސް ނަޝީދު ވިދާޅުވީ، ރިޕޯޓުގައި ވާ ލަފާތަކާއި އެއްގޮތަށް އަމަލު ކުރަން ރައީސް ސޯލިހަށް ގޮވާލާ ކަމަށެވެ.

މިއީ އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއެއް ނަމަވެސް، މިއީ ވަކި ބޭފުޅެއްގެ ޒާތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ދެކުން ރަނގަޅެއް ނޫންކަމަސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މި ރިޕޯޓު ހިއްސާ ކުރަން ނިންމާފައި ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިން ކަމުގައިވާ ރައީސް  ސޯލިހްއާއި، މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: