ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި ފިކުރަކީ މީހުން މަރަން ގޮވާ މީހުން، އެއީ ދީނީ ހައްދުފަހަނެޅި މީހުންނެއް ނޫން: އަފީފް

ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް/ ފޮޓޯ: އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފަތުރާ މީހުންނަކީ އެއްގޮތަކަށް ވެސް ދީނީ ގޮތުން ހައްދުފަހަނެޅި މީހުންނެއް ނޫން ކަމަށާއި، އެ މީހުންނަކީ އެއީ “މީހުން މަރަން ގޮވާ މީހުން” ކަމަށް އެމްޑީޕީގެ “މޭއި 06 ކޮމިޓީން” ބުނެފިއެވެެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ބަޔަކު މަސައްކަތް ކުރީ މިދިޔަ މޭއި މަހުގެ 06 ވަނަ ދުވަހު އެވެ. އެ ހަމަލާގައި ރައީސް ނަޝީދަށް ސީރިއަސް ބޮޑެތި ޒަހަމްތަކެއް ލިބުނުއިރު އެމަނިކުފާނު ގެންދަަވަނީ އޭޑީކޭގައި ކުރެއްވި ސާޖަރީތަކަށްފަހު ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް ރައީސް ނަޝީދުގެ ސާޖަރީތަކެއް ކުރިޔަށް ގެންގޮސްފައި ވެއެވެ.

އެމްޑީޕީގެ “މޭއި 06 ކޮމިޓީ” އަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭހެން އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު ކޮމިޓީން ގައުމީ މަޖިލީހަށް، ކޮމިޓީގެ ހޯދުންތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެ އެވެ.

މައްސަލައިގައި މޭއި 06 ކޮމިޓީން ވަނީ މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކޮށް ފައެވެ. އަދި އެކަމުގެ މައުލޫމާތުތައް ދިނުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ މާލޭގެ އެންމެ ކާރޫބާރު ބޮޑު މަޖީދީ މަގުގައި ބޮމެއް ގޮއްވާލުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި އެއްވެސް ބަޔަކު ދެކިގެން ނުވާނެ ކަމަށެވެ. އަދި މައްސަލައިގެ ތަހުގީގު މަރުހަލާ ބޮމުގެ ހަމަލާގައި ޝާމިލްވި އެންމެން ހޯދެންދެން ކުރިޔަށް ގެންދަންޖެހޭނެ ކަމަށް އަފީފް ވިދާޅުވި އެވެ.

ރާއްޖޭގެ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުގައި ހޭޓް ސްޕީޗު ފެތުރުން އާއްމުކަމަކަށް ވެފައިވާއިރު، އެފަދަ މީހުންނާއި މެދު ފިޔަވަޅު ނޭޅޭ ސަބަބާއި މެދު އަފީފް ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ ފިޔަވަޅު ނޭޅުމުގެ ނަތީޖާއަކީ ރުޅިވެރިކަމުގެ ހާލަތު ނަފްރަތަށް ބަދަލުވެ ހަމަލާތައް ދީ، އަނިޔާ ދޭން މަސައްކަތް ކުރުންކަމަށެވެ. މި ކަންބޮޑުވުންތައް ހޯމް މިނިސްޓަރު އިމްރާނާއި، ކޮމިޓީގެ ފަރާތުން ބައްދަލުކޮށް ހިއްސާކުރެއްވިކަމަށް އަފީފް ވިދާޅުވި އެވެ.

ކުށްވެރިން ނުވަތަ ކުށުގެ ތުހުމަތުގައި ބަންދު ކުރެވޭ މީހުންގެ މެދުގައި ހަރުކަށި ފިކުރު ފެތުރެމުންދާތީ އަފީފް ވަނީ އެކަމުގެ ކަންބޮޑުވުން އިމްރާނާއި ހިއްސާ ކުރައްވާފަ އެވެ. އަދި ޖަލުތަކުގައި ތިބޭ މީހުން، އެ މީހުންގެ ބާރުގެ ބޭނުންކޮށް ތަނުގެ ތެރެއަށް ފޯނާއި، އެ ނޫންވެސް ޑިވައިސްތަކެއް ވައްދައި ބޭރުގައި ތިބޭ މީހުންނާއި މުއާމަލާތް ކުރަމުން ދާއިރު އެކަން ހޯމް މިނިސްޓްރީއަށް ނުހުއްޓުވިގެން އުޅޭ ސަބަބާއި މެދު ސުވާލު ކުރި ކަމަށެވެ.

އެ ވާހަކަތަކަށް އިމްރާން ދެއްވި ޖަވާބެއްގެ ގޮތުގައި އަފީފް ވިދާޅުވީ ޖަލުތަކުގައި ޖޭމަރު ހަރު ކުރިނަމަވެސް ވަރަށް ފަސޭހައިން އެތަކެތި ހަލާކުވުމެވެ. އަދި މިއީ އަގުބޮޑެތި ސާމާނުތަކެއް ކަމުން މާލީ ގޮތުން ދަތިތަކެއްވާކަމަށް އިމްރާން ވިދާޅުވި ކަމަށެވެ.

“މިނިސްޓަރު ވިދާޅުވީ ޖޭމަރުތައް ޖަލުތަކުގައި ހަރުކުރި ވާހަކަ. އެހެން ނަމަވެސް ވަރަށް ފަސޭއިން އެ އެއްޗިސްތަކަކީ ހަލާކުވާ އެއްޗެހި ކަމުން އަދި އަގު ބޮޑުކަމުން އެކަންކަން ނުކުރެވެނީ ކަމަށް. އެހެން ނަމަވެސް އަޅުގަނޑުމެން ދެންނެވިން މިފަދަ ރަނގަޅު ވަސީލަތްތައް ދުނިޔޭގެ ގައުމުތަކުގައި ލިބެން އެބަހުރިކަމަށް” އަފީފް

އަފީފް ވިދާޅުވީ މިނިސްޓަރުގެ މި ޖަވާބާއި އެކު، މިއީ އަގު ބޮޑު ނަމަވެސް މުހިންމު މަސައްކަތެއްގެ ގޮތުގައި ދެންނެވިކަމަށެވެ. އަދި ޖަލުތަކުގައި ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުން މުހިންމުކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ.

މިނިސްޓަރު އިމްރާނާއި ހަވާލާދީ އަފީފް ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓަރެރިސްޓު ހަމަލާގައި އާއްމުކޮށް ކުޑަ ކުށްތަކުގައި ޝާމިލުވާ މީހުން ބައިވެރިއެއް ނުވާ ކަމަށެވެ. އަދި މި ހަމަލާގައި ހިމެނެނީ ހަރުކަށި ފިކުރުގެ، އެންމެ މަތީ ލެވެލް ކަމަށެވެ.

އަފީފް ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުންނަކީ މީހުން މެރުމަށް ގޮވާ މީހުން ކަމަށެވެ. އެހެން ކަމުން މި މީހުންނަކީ ދީނީ ގޮތުން ހައްދުފަހަނެޅި މީހުންގެ ގޮތުގައި ބުނުމަށްވުރެ، މީހުން މަރަން ގޮވާ މީހުން ކިއުން މާ ރަނގަޅުކަމަށް އަފީފް ވިދާޅުވި އެވެ.

“ހަރުކަށި ފިކުރޭ ކިޔާއިރު އަޅުގަނޑުމެން އެބަޖެހޭ މިއީ ކޮން ބައެއްތޯ ބަލަން… އަޅުގަނޑުމެންނަށް ފާހަގަވަނީ މިއީ މީހުން މަރަން ގޮވާ މީހުންނޭ…. އެހެންވީމާ ހަރުކަށި ފިކުރޭ، ނޫނިއްޔާ ދީނީ ހައްދުފަހަނާ ދިއުމޭ…. މީގެ ބަދަލުގައި އަޅުގަނޑުމެންނަށް މި ފެންނަނީ މީހުން މަރަން ގޮވާ މީހުންގެ ގޮތުގައި” އަފީފް

ރައީސް ނަޝީދަށް ދިން ހަމަލާގެ އެއްވެސް އިންޓެލް މައުލޫމާތެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަން އެމްއެންޑީއެފްއިން ވެސް ތަކުރާރުކޮށް ބުނީ މިފަދަ އެއްވެސް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

“މޭއި ހައެއް ކޮމިޓީގެ” ބައްދަލުވުންތައް އަދިވެސް ކުރިޔަށްދާއިރު، ރައީސް މުޙައްމަދު ނަޝީދަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތުގެ އިންކުއަރީ ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ވަނީ އާއްމުކޮށްފަ އެވެ.

ގާތްގަނޑަކަށް 270 ސަފުހާގެ ރިޕޯޓުގައި ހާދިސާ ހިނގައިދިޔަ ގޮތާއި، ރައީސް ނަޝީދުގެ ސެކުއުރިޓީ ފޯރުކޮށް ދިނުމުގައި އަމަލު ކުރަމުން ދިޔަ އުސޫލުތައް ހިމަނާފައި ވެއެވެ. އަދި މިއީ ސެކިއުރިޓީ ވަރުގަދަކޮށް އެކަމަށް ސަމަލުވެ ތިބި ނަމަ ހުއްޓުވޭނެ ހަމަލާއެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. ރިޕޯޓުގައި ނަޝީދަށް ހަމަލާ ދިނުމުގެ ކުރިންނާއި ހަމަލާދިން ރޭ ކަން ހިނގާފައިވާ ގޮތުގެ ވަރަށް ތަފްސީލީ މައުލޫމާތުތައް ހިމަނާފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: