ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުން މިނިސްޓްރީގެ ޒިންމާއަކީ ރިހެބިލިޓޭޓު ކުރުން ކަމަށް!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ޕޮލިސް ކޮމިޝަނަރު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ހޯމް މިނިސްޓްރީގެ ޒިންމާއަކީ، އެފަދަ އަމަލުތައް ހިންގާ މީހުންނަށް އަމަޒުކޮށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ހަވާލާދީ އެމްޑީޕީގެ މޭއި 06 ކޮމިޓީން ބުނެފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް 2019 ވަނަ އަހަރު ގެނެވުނު އިސްލާހުތަކުގައި ޓެރެރިޒަމްގެ ކުށްތައް ވަރަށް ފުޅާކޮށް، ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނެވެ. ނަމަވެސް އަނެއްކާވެސް ޓެރަރިޒަމްގެ ތުހުމަތުތަކާއި، ހަރުކަށި ފިކުރު ފަތުރާކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫވާތީ ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތައް މަސައްކަތް ރައްޔިތުންގެ މަޖިލީހުން ދަނީ ކުރަމުންނެވެ.

ހައްދުފަހަނެޅި ވިސްނުމާއި، ނުރައްކާތެރި ޓެރަރިޒަމްގެހަމަލާތައް ދިނުމުގެ ތަމްރީނާއި ގާބިލުކަން ހުރި 1،400 އެއްހާ މީހުން މުޖުތަމައު ތެރޭގައި އުޅެމުންދާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވާއިރު، އެ މީހުން މުޖްތަމައުއަށް ދޫވެފައި ތިބޭންޖެހޭ ސަބަބާއި މެދު ސަނީ ސުވާލު ކުރަމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެކަމާއި ގުޅޭގޮތުން މެމްބަރުން ސުވާލު އަމާޒު ކުރުމުން އިމްރާން ވިދާޅުވީ، ޓެރަރިޒަމްގެ ގާނޫނު އިސްލާހު ކުރެވިފައިވާކަން އޭނާ ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް، އެ ގާނޫނުގެ ދަށުން އަދިވެސް މީހުން ހައްޔަރުގައި ބޭތިއްބުމުގެ ހައްލެއް ލިބިފައި ނުވާކަމަށް ވިދާޅުވި އެވެ.

އިމްރާން ވަނީ ދިވެހި މި މުޖްތަމައުގެ ތެރޭގައި އައިއީޑީތައް ހަދައި، ޓެރަރިޒަމްގެ ހަމަލާތައް ދިނުމުގެ ތަމްރީނާއި އެ ގާބިލުކަން ހުރި މީހުން ތިބިކަން ފާހަގަ ކޮށްފައެވެ. މިފަދަ މީހުންނަކީ މިއީ އެ ގާބިލުކަން ހުރި މީހުންނަކަސް، އެ މީހުން ހަމައެކަނި ގާނޫނެއް އޮވެގެން ހައްޔަރެއް ނުކުރެވޭނެކަމަށް އިމްރާން ވިދާޅުވި އެވެ. އެފަދަ މީހުން ހައްޔަރުކޮށް ބަންދުގައި ބޭތިއްބޭނީ، ލިބޭ އިންޓެލް މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނުވަތަ ހަމަލާއެއް ދޭން ރާވަމުންދާ ނަމަކަމަށް އިމްރާން ވިދާޅުވި އެވެ.

އެމްޑީޕީގެ “މޭއި 06 ކޮމިޓީ” އަކީ ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާ އާއި ގުޅިގެން ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން ގެންދާ ގޮތް ބެލުމަށް ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރުން ހިމެނޭހެން އެކުލަވާލާފައިވާ ފަސް މެމްބަރުންގެ ކޮމިޓީއެކެވެ. ކޮންމެ ހަފްތާއެއްގެ ވެސް ބުރާސްފަތި ދުވަހު ކޮމިޓީން ގައުމީ މަޖިލީހަށް، ކޮމިޓީގެ ހޯދުންތަކާއި ބެހޭ މައުލޫމާތު ހިއްސާ ކުރެ އެވެ.

މައްސަލައިގައި މޭއި 06 ކޮމިޓީން ވަނީ މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލުކޮށް ފައެވެ. އަދި އެކަމުގެ މައުލޫމާތުތައް ދިނުމަށް ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވީ، ރާއްޖޭގައި ހިނގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި ހޯމް މިނިސްޓްރީއާއި ހަވާލު ކުރެވިފައިވާ ޒިންމާއަކީ ކޮބައިތޯ އިމްރާނާއި ސުވާލު ކުރިކަމަށެވެ. ނަމަވެސް އިމްރާން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެކި ޒިންމާތައް ހަވާލު ކުރެވިފައިވަނީ އެކި މުވައްސަސާތަކާއިކަމަށް ވިދާޅުވެފައިވާކަމަށް އަފީފް ވިދާޅުވި އެވެ.

“މިނިސްޓަރު މި ވިދާޅުވަނީ ޓަރަރިޒަމްގެ ގާނޫނު އޮތީ އެކި މުވައްސަސާތަކަށް އޭގެ މަސްއޫލިއްޔަތު ދެވިފައިކަމަށް. އަދި ހޯމް މިނިސްޓްރީގެ މެންޑޭޓުގައި އޮތީ ޓެރަރިސްޓުން ރިހިބިލިޓޭޓު ކުރުން ކަމަށް” އަފީފް

އަފީފް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމާއި، އިންޓެލް މައުލޫމާތުތައް އެއްކުރުން އެއީ މި ގަނޫނުގެ ދަށުން ފުލުހުންނާއި އެމްއެންޑީއެފްގެ ޒިންމާއެއް ކަމަށެވެ. އަދި ފުލުހުންގެ މުވައްސަސާ އެއީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގާ މިނިސްޓްރީއަކަށްވާއިރު ޓެރަރިޒަމް ހުއްޓުވުމުގައި ހޯމް މިނިސްޓްރީގެ ޒިންމާއަކީ ހަމައެކަނި ޓެރަރިސްޓުންގެ ރިހިބިލިޓޭޝަންކަމަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާކަމަށް އަފީފް ވިދާޅުވި އެވެ.

އަފީފް ވިދާޅުވީ ހޯމް މިނިސްޓްރީން ބުނާ ގޮތުންގައި، ނޭޝަނަލް ކައުންޓާރ ޓެރަރިޒަމްގެ ކަންކަން ބަލަހައްޓަނީ އެމްއެންޑީއެފްއިންނެވެ. އެހެން ނަމަވެސް އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުން މިހާރު އެ މަސައްކަތް ކުރިޔަށް ގެންދަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންކަމަށް އަފީފް ވިދާޅުވި އެވެ.

“އެހެންވީމާ އަދި އަޅުގަނޑުމެންނަކަށް ފުރުސަތެއް ނުލިބޭ، އެބޭފުޅުންނާއި ބައްދަލު ކުރާކަށެއް. އިރާދަކުއްރެއްވިއްޔާ އަޅުގަނޑުމެން އެ ބޭފުޅުންނާއި ވެސް ބައްދަލުކުރުމަށް އެދޭނަން. އަދި އެ ބޭފުޅުންގެ މަސައްކަތް ކުރިޔަށް ގެންދާ ގޮތް އަޅުގަނޑުމެން ވެސް ސާފު ކުރާނަން” އަފީފް

މިނިސްޓަރު އިމްރާނާއި ހަވާލާދެއްވައި އަފީފް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހިންގޭ އޯގަނައިޒްޑް ބޮޑެތި ކުށްތައް އަމާޒުކުރަނީ ހައި ލެވެލްގެ ބޭފުޅުންނަށް ކަމަށެވެ. އެކަމަށް އިޝާރާތްކޮށް އަފީފް ވިދާޅުވީ “އޯގަނައިޒްޑް ކްރައިމް” ހައި ލެވެން ނުވަތަ އެހެން މީހަކަށް އަމާޒު ކުރިޔަސް ހުއްޓުވަން ޖެހޭނެ ކަމަށެވެ. އަދި އެންމެން ވެސް ގަބޫލު ކުރާނެ ހަމައަކީ އެއީކަން އަފީފް ފާހަގަ ކުރެއްވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަޝްވަރާތައް ދެވަނަ ފަހަރަށް ފެށާފައި ވަނީ  ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަހު އެވެ.

ކޮމިޓީ މަރުހަލާގައި އޮތް ބިލްގައި ހިމެނޭ ބައެއް އިސްލާހުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކުގެ ހައްޔަރުކުރާ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުނުކޮށް 48 ގަޑިއިރު ބަންދުގައި ބެހެއްޓޭ ގޮތަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރުން ހިމެނެ އެވެ.

މިއީ މީގެ ކުރިން ވެސް ހުށަހެޅި އިސްލާހެކެވެ. އެހެން ނަމަވެސް އެއީ ގާނޫނުއަސާސީއާ ތައާރަޒްވާ މާއްދާއެއްކަމަށް ބުނެ، މަޖިލީހުގެ ތަޅުމުން ބިލް ފާސްކުރީ އެ މާއްދާ އުނި ކުރުމަށްފަހު އެވެ.

ގާނޫނުއަސާސީ އޮންނަ ގޮތުން ހައްޔަރު ކުރާތާ ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި އެ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމަން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުން ލާޒިމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: