ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެކްޝަނުގައި ނަޝީދުގެ ސައިޒު ކުޑަވެއްޖެ، މިހާރު ދެން ޕާޓީން ކަނޑާވެސް ލެވޭނެ: އަލްހާން

އެމްޑީޕީން ބޭއްވި ހަރަކާތެއްގައި ރައީސް މުހައްމަދު ނަޝީދާއި އަލްހާން ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދު މިއަދު ސިފަ ކުރެވެނީ، އެމްޑީޕީ ހިސޯރު ނުވެގެން އުޅޭ ޑިކްޓޭޓަރެއްގެ ގޮތުގައިކަމަށް އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެ އެވެ.

“ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަލްހާން ވިދާޅުވީ ރައީސް ނަޝީދަށް ދިމާވެގެން އުޅޭ މައްސަލައަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ގަބޫލު ނުކުރެވުން ކަމަށެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ޕާޓީތަކުން ތައްޔާރުވެ، ކެނޑިޑޭޓުން ނިކުންނަން މަސައްކަތްތައް ކުރަމުން ދިޔައިރު ރައީސް ނަޝީދު ހުންނެވީ، ޖަލު ހުކުމެއްގައިކަން ފާހަގަކޮށް އަލްހާން ވިދާޅުވީ އޭގެ ސަބަބުން ރައީސް ނަޝީދު ގާނޫނީ ގޮތުން ޝަރުތު ހަމައެއް ނުވާ ކަމަށެވެ. އަދި ރާއްޖޭން ބޭރުގައި އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވައި، ރައީސް ނަޝީދު އެކަނި ބައިވެރިވާ ގޮތަށް ޕާޓީގެ ތެރޭގައި ޕްރައިމެރީއެއް ބޭއްވުމަށްފަހު، އެމަނިކުފާނަށް ޓިކެޓު އެރުވިކަމަށެވެ.

އަލްހާން ވިދާޅުވީ ރައީސް ނަޝީދު ހިންގެވި އަމަލަކީ، ރިޔާސީ އިންތިހާބާއި ދިމާކޮށް ބާއްވާ ޕްރައިމެރީގައި ވާދަކުރާނެކަމަށް ބުނާ، ނުވަތަ އެކަމުގެ ޝައުގުވެރިކަން ގެންގުޅުއްވާ ބޭފުޅުން އެމްޑީޕީން ވަކި ކުރުން ކަމަށެވެ. އަދި ޑިމޮކްރަސީގެ ސިފަތަކާއި ހިލާފަށް، ޕާޓީގެ ތެރޭގައި ޑިކްޓޭޓާޝިޕް ހިންގުމުގައި ރައީސް ނަޝީދު އަބަދުވެސް ހުންނަވަނީ އެންމެ އިސް ސަފުގައިކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ގާނޫނީ ގޮތުން އެއްވެސް ފުރުސަތެއް ނެތްކަން އެނގި ހުންނަވައި ވެސް، އެ މަސައްކަތްތައް އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް ކުރިޔަށް ގެންދެވީ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހެޅިޔަސް އެ ބާތިލުވާނެކަން ޔަގީންކޮށް އެނގިވަޑައި ހުންނަވައިގެންކަމަށް އަލްހާން ވިދާޅުވި އެވެ.

“ރައީސް ނަޝީދުގެ ވަރަށް ބޮޑު ނުރުހުން އޮތް އިނގޭތޯ ޕާޓީން، ކެނޑިޑޭޓަކު ނެރެފައި ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަން. ރައީސް ނަޝީދު ބޭނުންފުޅުވީ، ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވީ އެމަނިކުފާނަށް ކުރިމަތި ނުލެއްވޭކަމަށް ވެއްޖެއްޔާ ތިމަންނާމެން، އެމްޑީޕީއަކުން އިންތިހާބުގައި ބައިވެރިއެއް ނުވާނެއޭ.. އެހެންކަމުން އިލެކްޝަން ބޮއިކޮޓު ކުރުމުގެ ވިސްނުން ރައީސް ނަޝީދުގެ ހަގީގަތުގައި އޮތީ… މިހާރު މީގައި ޕާޓީއަށް ވެރިކަން ހޯދައިދިނުން ތޯ، ތިމަންނާއަށް ވެރިކަން ހޯދައިދިނުންތޯ މުހިންމީ… މި ސުވާލު އުފަންވާ ހާލަތެއް މިއޮތީ” އަލްހާން

އަލްހާން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ރައީސް ނަޝީދު ސިޔާސީ ގޮތުން ގެންގުޅުއްވާ ވިސްނުން މީގެ އަހަރުތަކެއް ކުރިން ސާފުވެފައިވާ ކަމަށެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހަކީ ސިޔާސީ ގޮތުން ދޭއްޗެއްކަން އޭނާ މީގެ ކުރިން ވެސް ދައްކަމުން އައިސްފައިވާނެކަމަށް އަލްހާން ވިދާޅުވި އެވެ.

އެގޮތުން 2012 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެ އެމްޑީޕީގެ ތެރޭގައި ހިނގައިދިޔަ ކަންތަކަށްފަހު ރައީސް ނަޝިދު ޖެހިގެން އައި އިންތިހާބުގައި ވާދަ ނުކުރަން ހުށަހެޅިކަމަށް އަލްހާން ވިދާޅުވި އެވެ. އަދި އޭގެ ސަބަބާއި މެދު ސުވާލުކޮށް، ދެން ވެރިކަމަށް ކުރިމަތިލައްވާނީ ކޮން ބައެއްތޯ ރައީސް ނަޝީދު ސުވާލު ކުރެއްވުމުން ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި، ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ގެ ވާހަކަ ދެންނެވިކަމަށެވެ. އެހެން ނަމަވެސް އޭގެ ޖަވާބުގައި “ހިންނަވަރު ކުދިންނަށް މި ގައުމުގެ ވެރިކަން ނުކުރެވޭނެ” ކަމަށް ރައީށް ނަޝިދު ދެންނެވިކަމަށް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި، ރައީސް ސޯލިހާއި ދެ ބޭފުޅުން ވެސް އެއީ ދެ ގާތް އެކުވެރިންގެ ގޮތުގައި ކިތަންމެ ގިނައިން މީޑީއާތަކަށް ވިދާޅުވިޔަސް ކަން އޮތީ އެހެންނެއް ނޫންކަމަށް އަލްހާން ތަކުރާރު ކުރި އެވެ. އަދި ސަރުކާރާއި އެމްޑީޕީގެ ތެރެއިން ތާއީދު ގެއްލުމާއި އެކު، އެއީ ދަރިންގެ އިބޫ ދޮންބެކަމަށް ބުނެ އިދިކޮޅުގެ އެހީއަށް އެދުމަކީ ޖޯކެއްގެ ގޮތުގައި ސިފަ ކުރެއްވި އެވެ.

އަލްހަން ވިދާޅުވީ ރައީސް ނަޝީކަށް ދެން މި ގައުމުގެ ވެރިކަމަށް އަނބުރާ ނާދެވޭނެ ކަމަށެވެ. އަދި ޕާޓީގެ ޕްރައިމެރީއެއްގެ ޓިކެޓެއް ވެސް އެމަނިކުފާނަށް ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެކަމަށެވެ.

“އަޅުގަނޑު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ދަންނަވާނީ ރައީސް އިނގިރޭސި ބަހުން ވެސް އަރަބި ބަހުން ވެސް ސްޓޭޓުމެންޓުތައް ނެރެންވީއޭ، އިބްރާހިމް މުހައްމަދު ސޯލިހު އާއި ދެކޮޅަށް. ސަރުކާރު ބަލިކަށި ކުރަން، ސަރުކާރު ވައްޓާލަން. އެއީ ރައީސް ނަޝިދު އަބަދުވެސް ހައްދަވާ ގޮތް އެއީ. ކޮންމެ ސަރުކާރަކާއި ވެސް ދިމާކުރަން

ރާއްޖޭގެ ސިޔާސީ މަޝްރަހާއި، އެމްޑީޕީގެ ތެރެއިން ދެން ރައީސް ނަޝީދަށް އޮންނާނެ އެއްވެސް ފުރުސަތެއް ނެތްކަމަށް އަލްހާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފުވެ، ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިންނެވި ބޭފުޅަކާއި ސީދާ ދެކޮޅުވެއްޖެކަމަށާއި، އެމްޑީޕީން ގަބޫލު ކުރާ އަސާސްތަކާއި އެއްގޮތަށް ސަރުކާރު ނުހިނގާކަމަށް ބުނެ ދައްކަވަމުން ގެންދާ ވާހަކަތަކުން ރައީސް ނަޝީދަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އެހެން ކަމުން ޕާޓީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ނަޝީދު މަގާމުންނާއި، ޕާޓީން ވަކި ކުރަންޖެހޭކަމަށް އަލްހާން ވިދާޅުވި އެވެ.

“ރިސެޓް ކުރާއިރު ރައީސް ނަޝީދު އެބަޖެހޭ ބޭރަށްލާން. ރައީސް ނަޝީދު އަންއިންސްޓޯލް ކުރަން ޖެހޭނީ. އޭރުން މިކަންވާނީ….. އެއީ ޑިމޮކްރެޓިކް ސިސްޓަމެއްގެ ތެރޭގައި ޑިކްޓޭޓަރަކަށް އެކްސެސް ލިބެންޏާ މައްސަލަ ޖެހޭނެ…” އަލްހާން

ރައީސް ނަޝީދު އަމަލު ކުރަމުން ގެންދަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހަމަތަކާއި ސީދާ ހިލާފަކަމަށް ވިދާޅުވެ އަލްހާން ވަނީ، އެއީ ސިސްޓަމުން ރީސެޓު ކުރަންޖެހޭ ބޭފުޅެއްކަމަށް ވިދާޅުވެފަ އެވެ. އަދި މުޅި ސިސްޓަމުން ރައީސް ނަޝީދު އަން އިންސްޓޯލް ކުރަންޖެހޭކަމަށް ވިދާޅުވި އެވެ.

އަލްހާން ވިދާޅުވީ ރައީސް ނަޝީދު އުޅުއްވާ ގޮތުން، މިއަދު ސިފަ ކުރެވެނީ ޑިކްޓޭޓަރެއްގެ ގޮތުގައި ކަމަށެވެ. އަދި އުފެދިފައި އޮތް ފެކްޝަނުގެ ތެރެއިން ރައީސް ނަޝީދުގެ ސައިޒު ވަރަށް ކުޑަވެފައިވާ ކަމަށެވެ.

“ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅިއްޔާ، ރައީސް ނަޝީދު މިހާރު ޕާޓީން ކަނޑާލެވޭނެ އިނގޭތޯ…. ހަމަ ޔަގީންކަމެއް އެއީ، އެހެންވީމާ އެ ހާލަތު ވެސް އައުމަކީ އެކަށީގެންވާ ކަމެއް… ރައީސް ނަޝީދު ވަކި ކުރުން މިހާރު މާ އައުލާކަން ބޮޑު” އަލްހާން

ވަރަށް ގަދަ
65%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 18%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: