ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ ފާޑުކިއުން ރައީސަށް: ކައުންސިލް އިންތިހާބު ގެއްލުނީ އެމްޑީޕީގެ އަސާސްތައް ދޫކޮށްލުމުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް އައުމަށްފަހު ސަރުކާރުން ކުރިމަތިލާން ޖެހުނު އެންމެ ބޮޑު ނާކާމިޔާބީއަކީ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށްވާއިރު އޭގެ ޒިންމާ ނަގަންޖެހޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި އެކު އެމްޑީޕީން މިދިޔަ ޖޫން މަހު ކައުންސިލް އިންތިހާބަށް މިސްރާބު ޖެހީ، ބޮޑެތި އުންމީދުތަކަކާއި އެކު އެވެ. ހާއްސަކޮށް ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދީ ބާއްވާ އިންތިހާބު ކާމިޔާބު ކުރާނީ 80 އިންސައްތައިންކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން އެއް އަހަރު ދުވަހަށް ފަސްކޮށް ބޭއްވި އިންތިހާބުން އެމްޑީޕީއަށް ލިބުނީ 48 އިންސައްތަ އެވެ.

މި ނަތީޖާއަށް މީގެ ކުރިން ވެސް ރައީސް ނަޝީދު ފާޑުވިދާޅުވެފައި ވެއެވެ. އަދި ސަރުކާރަށް ކޮރަޕްޝަންގެ މައްސަލަތައް ބަލައި އިންސާފު ހޯދައިދިނުމުގައި އާއި، ޔާމީން ރަޝީދާއި ރިޟްވާން އަބްދުﷲ ގެ މައްސަލަ ތަހުގީގު ކުރުމުގައި ލަސްތަކެއް ވަމުންދާކަން އިއުތިރާފު ވިއެވެ. އޭރު އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ހެދުނު ގޯސްތައް އިސްލާހު ކުރައްވާނެ ކަމަށެވެ.

މޭއި މަހުގެ 06 ގައި ދިން ހަމަލާއަށްފަހު، ލިބުނު ސީރިއަސް ބޮޑެތި ޒަހަމްތަކަށް ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ނަޝީދު ދަނީ ފާޅުގައި ސަރުކާރާއި، ރައީސް ސޯލިހާއި ދެކޮޅަށް ފާޑުކިޔަމުންނެވެ. އެމަނިކުފާނު ގަބޫލު ކުރާ ގޮތުން، ރައީސް ސޯލިހު ހުންނެވީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ނުފޫޒުގައި ޖެހި، އެމްޑީޕީގެ އަސާސްތަކާއި ހިލާފުވެވަޑައިގެންނެވެ.

އިންޑިއާގެ “ދަ ވިއޯން” މީޑިއާއަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ރައީށް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާއެއް ލިބުނީ ރައީސް ސޯލިހު، އެމްޑީޕީގެ އަސާސްތަކާއި ދެކޮޅުވުމުން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ކޯލިޝަންގެ އެހެން ޕާޓީތަކުން އަންގާ ގޮތަށްކަކަށް ކަމަށާއި މިއީ އެއްގޮތަކަށް ވެސް އެމްޑީޕީގެ މެމްބަރުން ހިތްހަމަޖެހޭ ސިފައެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާއާއި އެކު، ގިނަ މީހުން ވޯޓުލާން ނުނިކުތީ ސަރުކާރާއި މެދު ހިތްހަމަނުޖެހުންތައް ހުރުމުންކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

“އިންތިހާބު ގެއްލުނީ، އެމްޑީޕީގެ މެމްބަރުން، އަޅުގަނޑުމެންގެ މެމްބަރުން، ވޯޓުލާން ނުނިކުތުމުން. އެ މީހުންނަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ވީ ވައުދުތަކާއި، ޕާޓީގެ އަސާސްތައް މިހާރު ބޮލާލާ ޖަހާފައިވާކަމަށް. އަދި ސަރުކާރުން އުޅެނީ ކޯލިޝަން ޕާޓީތައް ރުއްސަންކަމަށް… މެމްބަރުން ތިބީ އެކަމާއި މެދު ހިތްހަމަނުޖެހިފައި. އެ މީހުން ބޭނުނުންވީ އަޅުގަނޑުމެންނަށް ރަނގަޅު މެސެޖެއް ދޭން، ހާއްސަކޮށް މާލޭގެ ރައްޔިތުން. ސަރުކާރުން މިކަމާއި މެދު ފުންކޮށް ވިސްނައި، އިސްލާހު ކުރަންޖެހޭ” ނަޝީދު

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން ގަބޫލު ކުރަނީ މެދުމިނުގެ ދީނީ ސިޔާސަތުތައް ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހު އަލުން އެ ވިސްނުމަށް ރުޖޫއަވާން އެމަނިކުފާނު ގޮވާލެއްވި އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ސީރިއާއަށް ޖިހާދަށް ގޮސްފައިވާކަމަށް ވިދާޅުވެ، ރައީސް ނަޝިދު ވަނީ ގިނަ ބައެއްގެ ވިސްނުން ހަރުކަށި ވަމުންދާކަން އެއީ މިއަދު ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށެވެ. އަދި ވިދާޅުވީ ހަރުކަށި ފިކުރަށް ރާއްޖޭގައި އޮންނާނެ އެއްވެސް ޖާގައެއް ނެތްކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ހަރުކަށި ވިސްނުމުގެ ޕާޓީތަކަށް މަޖިލީސް އިންތިހާބާއި، ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިފައި ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: