ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ރޮޒެއިނާއަށް: “ކީއްވެތޯ އަޅުގަނޑާއި އަޅައިގަނެގެން ތިޔަ އުޅެނީ”!

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އާއި، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަބަދު އެމަނިކުފާނުގެ ވާހަކަ ދައްކަވައި އަޅައިގަނެގެން އުޅެނީ ކީއްވެގެންތޯ ބުނެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އާއި ސުވާލު އަމާޒު ކުރައްވައިފި އެވެ.

ސަރުކާރުގެ ދިފާއަށް އެންމެ ބޮޑަށް ޓްވީޓު ކުރައްވަމުން ގެންދަވާ މެމްބަރު ރޮޒެއިނާ މިއަދު ވިދާޅުވީ، ރައީސް ސޯލިހަކީ ސިޔާސީ ގޮތުން މާ ތަޖުރުބާ ހުރި ބޭފުޅެއް ކަމަށެވެ. އަދި ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާތީ އެކަމަށް ފާޑުވިދާޅުވި އެވެ.

ރޮޒެއިނާ ވަނީ އަސްލު އެމްޑީޕީއަކީ ރައީސް ނަޝީދު ވިދާޅުވާހާ ބަހަކަށް “އާނ ބަސް” ބުނުންގެ ގޮތުގައި ސިފަކޮށްފައެވެ.

ރައީސް ނަޝީދާއި ގުޅުވައި، ޓްވީޓުތަކެއް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނު ވަނީ މިއަދު އެކަމާއި ހިތްހަމަނުޖެހި ރޮޒެއިނާއަށް ބަހުގެ ހަމަލާތައް ވެސް ރައްދު ކުރައްވާފަ އެވެ. އަދި ރޮޒެއިނާ މެން ފަދަ “ބޭކާރު” ބަޔަކާއި ޒުވާބު ނުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އަށް ދެންނެވި އެވެ.

ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް ޓްވީޓެއް ހިއްސާ ކުރުމަށްފަހު ރައީސް ނަޝީދު ވަނީ، އެމަނިކުފާނާއި ރޮޒެއިނާ އަޅައިގަނެގެން އުޅެނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ. އަދި އެމަނިކުފާނޭ ބުނެ ޓްވީޓުތައް ކުރަނީ ކީއްވެތޯ ވިދާޅުވި އެވެ.

“ރޮޒޭ ކީއްވެތޯ އަޅުގަނޑާއި އަޅައިގަނެގެން ތިޔަ އުޅެނީ… އިރުއިރުކޮޅާ ރައީސް ނަޝީދޭ ކިޔާ ތިޔަ ޓްވީޓު ކުރަނީ” ރައީސް ނަޝީދު

އޭގެ ރައްދުގައި ރޮޒެއިނާ ވިދާޅުވެފައި ވަނީ، އޭނާ އެއްގޮތަކަށް ވެސް ރައީސް ނަޝީދާއި އަޅައިގަނެގެން ނޫޅޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮންމެ ބޭފުޅަކަސް ގަބޫލު ނުކުރާފަދަ ވާހަކައެއް ދެއްކެވެމުން، އެކަމަކާއި ދެކޮޅު ހަދާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ ސަރުކާރުން ޓެރަރިޒަމްއަށް ހިއްވަރުދޭކަމަށް ބުނާ ވާހަކަ ގަބޫލެއް ނުކުރާ ކަމަށެވެ. ރާއްޖޭގައި ފެތުރެމުންދާ ހަރުކަށި ފިކުރުގެ މައްސަލަތައް، ސަރުކާރުން ނުބަލައި ދޫކޮށް ނުލާނެކަމުގެ ޔަގީންކަން އޭނާއަށް އެބައޮތް ކަމަށެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާގެ މައްސަލަ ވެސް ނުބަލައި ދޫކޮށްލާނެކަމަށް ގަބޫލެއް ނުކުރާ ކަމަށެވެ. ހަރުކަށި ފިކުރާއި ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތް ކުރެވޭނީ ރަނގަޅު ސްޓްރެޓެޖީއަކާއި އެކުކަމަށް ވިދާޅުވެ ރޮޒެއިނާ ވަނީ ޔޫސްއޭ ފަދަ ބޮޑެތި ގައުމުތަކުގައި ވެސް ސަރުކާރުތަކަށް ނޭނގި ހަމަލާތައް ދީފައި އެބަހުރި ކަމަށެވެ.

ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ މީހުންގެ އޮޕަރޭޝަން މިހާބޮޑަށް ފުޅާކުރީ ރައީސް ނަޝީދުގެ ސަރުކާރުން ދިން ދޫތަކުގެ ސަބަބުންކަމަށް ޖެނެރަލް އިބްރާހިމް ދީދީ ވިދާޅުވުމުން އެކަމަށް އެއްބަސްވީ އެކަން ގަބޫލު ކުރާތީކަމަށާއި، ހަރުކަށި ފިކުރު ހުއްޓުވޭނީ، އެންމެނާއި ޖަދަލުކޮށްގެން ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވާހާ ކޮންމެ ވާހަކައެއް އެއީ ހަގީގަތެއް ނޫންކަން، އެމަނިކުފާނަށް ބުނެދޭ ބަޔަކު ބޭނުންވާކަމަށް ރޮޒެއިނާ ވިދާޅުވި އެވެ. އަދި ބަސް ބުނާތީ އަބަދު ގޯސްވަނީ އޭނާކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ގައުމީ މަޖިލީހަށް ފޮނުވި މެސެޖުގައި ވިދާޅުވީ ރައީސް ސޯލިހު، ރައީސް ނަޝީދަށް ދެރައެއް ދީފާނެކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅުވީކަން ރަސްމީކޮށް އިއުލާނު ކުރައްވައި، ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ރައްޔިތުން ދިނީ ފޮނި އުންމީދުތަކަކާއި އެކު ނަމަވެސް، އެ ވައުދުތައް އެއް ފަރާތް ކުރުމަށްފަހު ރައީސް ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯލިޝަންގެ އެހެން ޕާޓީތަކުގެ ސިޔާސީ ނުފޫޒުގައި ޖެހިގެންކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވަ އެވެ.

ބޭރުގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވައި، ރައީސް ސޯލިހާއި ފިކުރީ ގޮތުން ހިޔާލު ތަފާތުވެފައިވާކަން ހާމަކޮށް ރައީސް ނަޝީދު ވަނީ އިނގިރޭސި ބަހުން ބަޔާނެއް ވެސް އާއްމު ކުރައްވާފަ އެވެ. އެ ބަޔާނުގައި ރައީސް ނަޝީދު ވަނީ، ޕާޓީން ވެރިކަމަށް އައުމަށްފަހު ދޮޅު އަހަރު ފަހުން ލޯކަލް ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާއާއި ކުރިމަތިލާން ޖެހުނީ ރައީސް ސޯލިހު އެމްޑީޕީގެ އުސޫލުތަކާއި ހިލާފުވެ، އެއާއި އިދިކޮޅަށް މަސައްކަތް ކުރެއްވީތީކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު މިވަގުތު ބޭނުންވަނީ، ގައުމު އިސްކޮށް އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެކީ މަސައްކަތް ކުރުމަށެވެ. އެމަނިކުފާނު ވިދާޅުވީ ގައުމަށާއި، އެމްޑީޕީއަށް ވެސް އެންމެ ފައިދާ ހުރި ގޮތަކީ އެއީ ކަމަށެވެ.

މިދިޔަ މޭއި މަހުގެ 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާއި، ނަފްރަތު އުފެއްދުން ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް ގެނެސްފައިވާ އިސްލާހާއި އެކު އެމްޑީޕީގެ އެތެރެ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ޕާޓީގެ ތެރޭގައި ބައިބައިވުން އުފެދި، މެމްބަރުންގެ މެދުގައި ދަނީ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ.

ވަރަށް ގަދަ
14%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 59%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 14%ވަރަށް ދެރަ 9%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: