ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާން މައްސަލައިގައި ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރާތީ އިދިކޮޅުގެ ނުރުހުން!

ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯދަމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ކޮމިޝަނަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހާޒިރުވުމަށް އެންގުމުން އެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ފާޑުވިދާޅުވެއްޖެ އެވެ.

މި ހަފްތާގެ އަންގާރަ ދުވަހު ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގައި ސުވާލު ކުރުމަށެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރަނީ، ރިޟްވާންގެ މައްސަލަ ބަލައި ތަހުގީގު ކުރުމުގައި އެމަނިކުފާނު ހުރަސް އެޅުއްވި ކަމަށެވެ.

މަރު ކޮމިޝަނަށް ރައީސް ޔާމީން ހާޒިރުވާން އަންގާފައިވާ ގަޑި އަދި ސާފެއް ނޫނެވެ.

މީގެ ދޮޅު އަހަރު ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މަރު ކޮމިޝަނުން ބުނީ ރިޟްވާން ވަގަށް ނަގައި އޭނާ މަރާލާފައިވާ ކަމަށެވެ. އަދި މަރާލުމަށް ފަހު އޭނާ ކަނޑު ފައްތާލީކަމަށް ވެސް ކޮމިޝަނުން ބުންޏެވެ. މައްސަލައިގެ ރިޕޯޓެއް ކޮމިޝަނުން އާއްމު ކުރި ނަމަވެސް ތަހުގީގު އެކީ ނިންމާލެވިފައި ނުވެއެވެ. އަދި ދާދިފަހުން ވެސް ކޮމިޝަނުން ރިޟްވާން ވަގަށް ނެގިކަމަށް ބެލެވޭ ގޮތުގެ ކުޅެފައިވާ ވީޑިއޯއެއް އާއްމުކޮށް ރިޟްވާން ގެއްލުވާލުމުގައި ބޭނުން ކުރިކަމަށް ބުނާ ވަޅިއާއި ބެހޭ މައުލޫމާތުތައް ހޯދުމުގައި އާއްމުންގެ އެހީތެރިކަމަށް އެދުނެވެ. މައްސަަލައިގެ ތަހުގީގު ނުނިމުމާއި، އަދި ސަރުކާރުން އާއިލާއަކަށް ވީ އެންމެ ބޮޑު ވައުދު ނުފުއްދޭތީ ވަރަށް ބޮޑެތި ފާޑުކިއުންތައް ވަނީ އަމާޒުވެފަ އެވެ.

ކޮމިޝަނުން އަނެއްކާވެސް ތަހުގީގުގެ އެކި މަސައްކަތްތައް ފަށައި، ރައީސް ޔާމީން ހާޒިރުވާން އެންގުމުން އިދިކޮޅުން ވަނީ އެކަމަށް ނުރުހުން ފާޅުކޮށްފަ އެވެ. އެގޮތުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ މި ސަރުކާރުން ދައްކާ ބިރަކަށް ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ސަރުކާރު ފެއިލްވަމުންދާ ވަރަކަށް ރައީސް ޔާމީނަށް ބިރު ދެއްކުން ވެސް އިތުރުވަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނަކީ އެއްވެސް ފަސްޖެހުމެއް ނެތި، ކެރިގެން އެކަމަކާއި ކުރިމަތިލައްވާނެ ބޭފުޅެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރުވާން އެނގުމުން އެނގިގެންދަނީ ސަރުކާރު “ނޭވާ ހޮޅިއަށް” އެޅިފައިވާ މިންވަރު ކަމަށެވެ. އެހެން ނަމަވެސް ރައީސް ޔާމީނަކީ، ރައީސް ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ދައްކާހާ ބިރަކަށް ގައުމު ދޫކޮށް ފިލަން ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލައިގައި މިހާތަނަށް މަރު ކޮމިޝަނުން ވެސް މީޑިއާތަކާއި މައުލޫމާތެއް ހިއްސާކޮށްފައިނުވާއިރު، މީގެ އަހަރުތަކެއް ކުރިން އަލްޖަޒީރާއިން ނެރުނު “ސްޓީލިން ޕެރަޑައިސް” ޑޮކިއުމަންޓްރީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ރައީސް ޔާމީން ފޮނުވިކަމަށް ބުނާ މެސެޖެއްގެ ވާހަކަ ދައްކަ އެވެ. އޭގައި ރައީސް ޔާމީން ވިދާޅުވަނީ، ރިޟްވާން ގެއްލުވާލި ހާދިސާއާއި ގުޅުވައި އުމަރު މާބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށެވެ.

2014 އޮގަސްޓު މަހުގެ 22 ގައި ފޮނުވިިކަމަށް ބުނާ އެ މެސެޖުގައި ވަނީ، “އުމަރު، ނޯ ނީޑް ޓު ބީ އޯވަވެލްމްޑް ބައި ރިލްވާން” މިހެންނެވެ. އަދި އެ މެސެޖަށް އުމަރު ވިދާޅުވީ “އޯކޭ.. ނޯޓެޑް ސާރ” ކަމަށް ޑޮކިއުމަންޓްރީގައި ބުނެ އެވެ. ނަމަވެސް އުމަރު ނަސީރު އެ ވާހަކަތައް ދޮގު ކުރައްވަ އެވެ. އަދި އެފަދަ އެއްވެސް ވާހަކައެއް ރައީސް ޔާމީނާއި ދެމެދު ދެކެވިފައި ނުވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން، މަޑަވެލިއަށް ކުރެއްވި ދަތުރުފުޅުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ރިޟްވާން ގެއްލުވާލި ހާދިސާއާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. އެ ދުވަހު ރައީސް ޔާމީން ވިދާޅުވީ “ރިޟްވާން ނިޔާވެއްޖެ ކަމަށާއި، އެއީ ހިތާމަ ހުރިކަމެއް ކަމަށެވެ”. އޭރު އެ އިވެންޓު ރާއްޖޭގެ ޓީވީ މީޑިއާތަކުން ދިޔައީ ލައިވް ވެސް ކުރަމުންނެވެ.

މީޑިއާތަކުން އެ ހަބަރު ގެނެސްދިނުމުން، އެ ދަތުރުފުޅުގެ ތެރެއިން ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ދެއްކެވި ވާހަކަ ނޫސްވެރިން ގެނެސްދިނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތަކުން އެ ވާހަކަ ބޭނުން ގޮތަކަށް “ތަރުޖަމާ” ކުރަމުން ގެންދާކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ މަޑަވެލީގައި އެ މަނިކުފާނު ވިދާޅުވި ވާހަކަފުޅަކީ ރިޟްވާންގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްކެވި ވާހަކައަކީ ދޮގުކަން ހާމަ ކޮށްދިނުމަށް ވިދާޅުވި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަފުޅު ދެއްކެވީ އެއްގޮތަކަށް ވެސް ރިޟްވާންގެ މަރު ސާބިތު ކުރަން ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: