ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫމަޑި މައްސަލައިގައި މޭޔަރު މުއިއްޒަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާ!

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު/ ފޮޓޯ: ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) މައްސަލައިގައި ދޮގު ބަޔާން ދިންކަމަށް ބުނެ ކުރީގެ ހައުސިންގ މިނިސްޓަރ އަދި ވެރިރަށް މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މާދަމާގެ ހެނދުނު 10:30 އަށް ތާވަލުކޮށްފައިވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެކެވެ.

ނޫމަޑި މައްސަލައިގައި ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ބުނެފައިވަނީ، 2019 ޖޫން 25 ގައި ނޫމަޑި ކުންފުނިން ދިވެހި ސަރުކާރާއި ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގެ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި ހެކިވެރިއަކަށްވެ، ޑރ. މުއިއްޒު ދޮގު ހެކިބަސް ދެއްވާފައިވާ ކަމަށެވެ. އަދި ހައުސިން ޔުނިޓް މަޝްރޫއުއާއި ގުޅިގެން ނޫމަޑިއާއި އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއް ނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށެވެ.

މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ވަނީ ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ބުނެ، ދޮގު ބާޔަނެއް ދީފައިވާކަމަށެވެ. އެހެންވެ ޑރ. މުއިއްޒުގެ މައްޗަށް، ގާނޫނު ނަންބަރު: 2014/09 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 520 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ބ) ގެ ދަށުން ދޮގު ބަޔާން ދިނުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅީ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސެއްގެ ވެސް މަގާމު އަދާކުރައްވާ މުއިއްޒުގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 2019 ޖޫން، 25 ގައެވެ. އޭރު ޑރ. މުއިއްޒު ވަނީ މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

މި މައްސަލައާ ގުޅިގެން އެކި ފަހަރު މަތީން ޑރ. މުއިއްޒުގެ ބަޔާން ނެގުމަށް ފުލުސް އޮފީހަށް ހާޒިރު ކުރި އެވެ. އޭގެ އިތުރުން މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ވެސް އޭނާ ހާޒިރުކޮށް ސުވާލުކުރުމުން ވެސް ދިނީ ގޮދު މައުލޫމާތުކަމަށް ބުނެ އެ މައްސަލަ މަޖިލީހުން އޮތީ ފުލުހަށް ހުށަހަޅާފަ އެވެ.

ސެޓްލްމެންޓް އެގްރީމެންޓްގެ ދަށުން ނޫމަޑި އަށް 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުމާ ގުޅިގެން ސެޓުލްމެންޓް ކޮމިޓީން އެ މައްސަލަ ފުލުހަށް ފޮނުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެކަން ހާމަކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއެވެ. އަމީރު ވިދާޅުވީ ނޫމަޑި މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި ޑރ. މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށެވެ.

ކުރީގެ ސަރުކާރުގެ ދުވަސްވަރު އެއްބަސްވުންތައް އުވައިލުމުގެ ސަބަބުން ދައުލަތުން ބަދަލު ދޭން ޖެހުނު މައްސަލަަތަކުގައި އިހުމާލުގެ އަތެއް ވާ މީހުންގެ މައްސަލަތައް ބަލާނެކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ނޫމަޑީގެ މައްސަލައިގައި ސަރުކާރުން ބުނެފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އާއި ދިވެހި ސަރުކާރާއި ދެމެދުގައި ވެފައިވާ އެއްބަސްވުންތަކެއް ގާނޫނާ ހިލާފަށް ރައީސް ޔާމިން ސަރުކާރުން އުވާލުމުން ދޭންޖެހުނު ބަދަލު ނުދިން ނަމަ ދައުލަތައް ލިބޭ ގެއްލުން ބޮޑުވާނެ ކަމަށެވެ.

ނޫމަޑިން ދިވެހި ސަރުކާރާ ދެކޮޅަށް ހުަށައެޅީ ދެ މައްސަލައެކެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ، ޕްރައިވެޓް ވިލާ މޮޑަލްގެ ދަށުން 700 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއެކު ކުރީގެ މިނިސްޓްރީ އޮފް ހައުސިން ޓްރާންސްޕޯޓް އެންޑް އެންވާރަމަންޓާއެކު 20 ޖެނުއަރީ 2011 ގައި ސޮއި ކުރެވިފައިވާ ފޭސް 1 އެއްބަސްވުމެވެ. އަދި ދެވަނަ އެއްބަސްވުމަކީ، 500 ހައުސިން ޔުނިޓާއި ޕޮލިސް އެކެޑަމީ ފޭސް 1 އަދި ތިން ރަށެއްގެ ނަރުދަމާގެ ނިޒާމް ތަރައްގީ ކުރުމަށްޓަކައި ނޫމަޑިއާއި އޭރުގެ ހައުސިންއާ ދެމެދު 30 މެއި 2013 ގައި ސޮއި ކުރެވިފައިވާ އެއްބަސްވުމެވެ.

މި މައްސަލައިގައި އޭޖީ އޮފީޙުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައެވެ.

ނޫމަޑީގެ މައްސަލަ 2017 ޑިސެންބަރު 11 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ހައުސިން މިނިސްޓަރަކަށް ހުންނެވި މުއިއްޒުގެ ބައިވެރިވުމާއި އެކު އެވެ. ވަޒީރުކަމުން ޑރ. މުއިއްޒު ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: