ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް އިދިކޮޅުން ގޮވާލައިފި

އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށް އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީ ގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަޤާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ އެކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއްގެ ގޮތުގައި ރައްޔިތުން އަންނަނީ ސިފަ ކުރަމުން ކަމަށް ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ ދާދި ފަހުން އެމްޑީޕީގެ ސިޔާސީ މުހުތާދުތަކެއް ފުއްދުމުގެ ބޭނުމުގައި ފުލުހުންގެ ޤާނުނަށް ގެނެވިފައިވާ އިސްލާޙުގެ ދަށުން އެކުލަވާލާފައިވާ ޕޮލިސް ބޯޑަކީ އެމްޑީޕީ އިން ބޭނުންވާ ގޮތަށް ކަން ކުރާނެ ބަޔަކު ހިމަނައިގެން އެކުލަވާފައިވާ ބޯޑެއް ކަމަށެވެ.

”އެއީ 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވެ، ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރާން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވައި، އެކަން ފުލުހުންނާއި ސިފައިންނާއި މަތިކޮށް ބަދަލު ހިފުމަށް ކުރަމުން ގެންދާ މަސައްކަތެއްގެ ގޮތުގައި މިކޯލިޝަން ދެކެމެވެ.” ބަޔާނުގައި ވެއެވެ.

އަދި ފުލުހުންގެ މުއައްސަސާއާއި މެދު ހިތްހަމަ ނުޖެހުން ފާޅުކުރައްވާ، އެ މުއައްސަސާގެ އިސް ވެރިންތަކެއް ވަކި ކުރަން ޖެހޭކަމަށާއި، އަދި އެމުއައްސަސާގެ އިސް އޮފިސަރުންތަކަކާމެދު ބަދަލު ހިއްޕެވުމުގެ ރޫހު ހުރިކަން ދޭހަވާ މޭރުމަކުން މަޖިލީހުގެ ޖަލްސާތަކުގައިވެސް ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާކަން އެންގެން އެބަހުރި ކަމަށް އިދިކޮޅުން ބުނެއެވެ. ހަމައެއާއެކު ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ބަހައްޓަވައިގެންވެސް ކުރަމުން ގެންދާ މަސައްކަތަކީ ބަދަލު ހިފުން ކަމުގައި ވެސް ބަޔާނުގައި ވެއެވެ.

އިދިކޮޅުން ބުނީ ފުލުހުންނާއި ސިފައިން ފަދައިން ޤައުމުގެ ކަންކަން ހަމަ މަގަށް އެޅުވުމުގެ މަސްޢޫލިއްޔަތު ޙަވާލު ކުރެވިފައިވާ މުއައްސާތައް ސިޔާސީ ކުރުމަށް ކުރަމުން ގެންދާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ގޮވާލާ ކަމަށެވެ.

އަދި ފުލުހުންގެ ބޯޑު ގެ އެ ނިންމުންވެސް ސިޔާސީ ނުފޫޒުތަކުން އެއްކިބާވެ ތިބެ އަލުން މުރާޖަޢާ ކުރުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: