ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފްގެ މައްސަލައިގައި ޕީޖީ: އެއްވެސް މީހަކާއި މެދު ނުހައްގުން އަމަލެއް ނުކުރަން!

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި ދައުވާކޮށްދޭން އެދި ފޮނުވާފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލައިގައި ތަފާތު ގޮތަކަށް އަމަލު ކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފި އެވެ.

މަހްލޫފްގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އޭގެ ފަހުން ދެ މަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް އަދި އެ ކަމާ މެދު ގޮތެއް ނުނިންމައެވެ.

ވަޒީރު ކަމުން ދެވަނަ ފަހަރަށް އެކަހެރިކޮށްފައިވާ، މަހުލޫފް ރާއްޖޭގެ މީޑިއާއެއްކަމަށް ވާ ވަގުތުގެ “ސަވާސް” ޕްރޮގްރާމުގައި ބައިވެރިވެ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ދޮގު ކުރި އެވެ. އަދި އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމައިފިނަމަ، ކޮމިޝަންތަކުން އެކަކު އަނެކަކާއި ދެއްކި ވާހަކަތައް ހާމަވާނެ ޗެޓްލޮގްތަކެއް އޭނާގެ އަތުގައި އެބަހުރިކަމަށް ވެސް ވިދާޅުވެފައެވެ.

މަހުލޫފް ވަނީ އެ ޕްރޮގްރާމުގައި ދައުލަތް (ޕީޖީ އޮފީސް) ބޭޒާރުކުރާނެެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

މިކަމާއި ގުޅުވައި ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލު އަމާޒު ކުރަން ފެށުމުން، އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާރ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މައްސަލަތަކުގައި ދައުވާ ކުރުމާއި މެދު އެ އޮފީހުން ނިންމާ ނިންމުންތަކަކީ ހެކި ގަރީނާގެ މައްޗަށް ބިނާވާ ނިންމުންތަކެއް ކަމަށެވެ. އަދި މައްސަލަތަކުގައި ތަހުގީގީ އިދާރާތަކުން ހޯދާ ހެއްކާއި ގަރީނާއަކީ ގާނޫނާއި އެއްގޮތަށް ހޯދާފައިވާ ހެކިތަކެއްކަން ކަށަވަރު ކުރާ ކަމަށެވެ. އެހެން ކަމުން މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ވެސް އަމަލު ކުރާނެ އުސޫލަކީ އެއީކަމަށް ޝަފީއު ވިދާޅުވި އެވެ.

މަހުލޫފް ތުހުމަތު ކުރާ ގޮތުން ހިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް ތުހުމަތުތަކެއްކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްދޭން އެދި ފޮނުވާފައިވަނީ ސިޔާސީ ބައެއް އެކަމުގެ އަޑީގައި ތިބެގެންނެވެ. އަދި މިއީ އޭނާ މަގާމުން ދުރުކުރުމަށް، ސީދާ އެމްޑީޕީގެ ވަކި ފެކްޝަނެއް ކުރާ މަސައްކަތެއްގެ ގޮތުގައި ވިދާޅުވި އެވެ. އޭސީސީގެ ރައީސް މަރިޔަމް ޝިއުނާއަށް ވެސް ފާޑުކިއުންތަކެއް އަމާޒުކުރެއްވުމަށް ފަހު، މަހުލޫފް އެންމެ ފަހުން ތުހުމަތުތަކެއް ކުރެއްވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދަށެވެ. އަދި ޝިއުނާ އާއި އައްސަދު ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއްގެ ސްކްރީންޝޮޓުތަކެއް އެބަހުރިކަމަށް ވިދާޅުވެ ވަނީ އެއީ އެ ދޭބުޅުން ވެސް ބޭޒާރުވާނެ ފަދަ ވާހަކަތަކެއްގެ ގޮތުގައި ވިދާޅުވެފަ އެވެ.

މީގެ އިތުރުން މަހުލޫފް ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަަށް މި މައްސަލައިގައި ސިޔާސީ ނުފޫޒުތަކެއް ފޯރުވަމުންދާކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާއާއި މެދު ހުރިހާ އިދާރާއަކުން ވެސް އަމަލު ކުރަނީ ތަފާތުކޮށް ކަމަށެވެ. އެކަމާއި ގުޅުވައި ކުރި ސުވާލަށް ޝަފީއު ވިދާޅުވީ ޕީޖީން އެއްވެސް މީހަކާއި މެދު ނުހައްގުން އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. އަދި މިކަމުގައި އެއްވެސް އިސްތިސްނާއެއް ނެތްކަން ފާހަގަ ކުރެެއްވި އެވެ.

ޝަފީއު ވިދާޅިވީ ބޮޑެތި މައްސަލަތަކުގައި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާ މަރުހަލާގައި އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގީ އިދާރާތަކާއެކު ކުރަންޖެހޭ މަސައްކަތްތައް ހުންނާތީ ހޭދަވާ މުއްދަތު އިތުރުވާނެ ކަމަށެވެ. މަހުލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ދިމާވަނީ އެހެން ކަމަށް ޝަފީއު ވިދާޅުވި އެވެ.

“މަހުލޫފްގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ވެސް ދިމާވީ އެހެން. މިއީ މަހުލޫފްއާ މެދު ތަފާތު ގޮތަކަށް ޢަމަލުކުރަނީއެއް ނޫން. ތުހުމަތުކުރެވޭ ފަރާތުން މި އޮފީހަށް ނިސްބަތްކޮށް ކުރައްވާ ތުހުމަތުތަކަކީ މައްސަލައިގެ ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އެބޭފުޅާ ދެކެވަޑައިގަންނަވާގޮތް ކަމަށް ވެދާނެ. އެއީ ރަނގަޅު ވާހަކަތަކެއް ނޫން. އަޅުގަނޑުމެން ގާނޫނާ ހިލާފަށް އެއްވެސް މީހަކާމެދު ޢަމަލު ނުކުރާނެކަމުގެ ކަށަވަރުކަން އަރުވަން.” ޝަފީއު

މަހުލޫފްއަށް ދައުވާ ކުރުމަށް އެދި އޭސީސީން ފޮނުވި ސިޓީގައި ބުނެފައިވަނީ އޭނާ ހިޔާނާތުގެ ފައިސާ ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު އަހުމަދު އަދީބުގެ އަތުން ނަންގަވާފައިވަނީ މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި ހުރުމަށް ކަމަށެވެ. އަދި އެ ދުވަހުގެ ވޯޓަށް މަހުލޫފް ވަޑައިގަތީ މެލޭޝިއާގައި ހުންނެވުމަށްފަހުކަމަށް ވެސް ވެއެވެ. ވޯޓަށް ފަހު އަދީބާއި މަހުލޫފު ދެމެދު ބަދަލުކޮށްފައިވާ މެސެޖުތަކާއި އެސްއޯއެފްގެ ޗެކް މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ތާރީހުތަކާ ގުޅުވުމުން، މަހުލޫފުގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ އަދީބު އޭނާއަށް ދެއްވާފައިވާ ރިޝްވަތުގެ ފައިސާކަން ތަހުގީގުން އެނގޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: