ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާހަކަށް ވުރެ ގިނަ ހަރުކަށި ފިކުރުގެ، ވަޔޮލެންޓް މީހުން ތިބިކަމަށް ގަބޫލެއް ނުކުރަން: އުމަރު

އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި ބޭއްވި ހަރަކާތެއްގެ ތެރެއިން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުޅޭ ހަރުކަށި ފިކުރުގެ ވަޔަލަންޓު ވިސްނުން ގެންގުޅޭ 1،300 މީހުން ތިބެދާނެކަމަށް ގަބޫލެއް ނުކުރާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅައި ހަރުކަށި ވިސްނުން ގެންގުޅެ، މީހުން މެރުމަށް ފަސް ނުޖެހޭނެ 1،300 މީހުން ޔަގީންކޮށް މުޖްތަމައުގެ ތެރޭގައި އުޅެމުންދާ ކަމަށް 2019 އަހަރުގެ ޑޭޓާ ބޭސްތަކުން ދައްކަ އެވެ. އަދި އެފަދަ މީހުން އިތުރުވަމުން އަންނަކަން ފާހަގަ ކުރެވޭއިރު، ބޮޑެތި ބާރުތަކާއި އެކު 2019 ވަނަ އަހަރު އިސްލާހު ކުރި ޓަރަރިޒަމްގެ ގާނޫނަށް އިތުރު ބަދަލުތަކެއް ގެނައުމުގެ މަޝްވަރާތައް ވަނީ ފަށާފައެވެ

މިދިޔަ މޭއި މަހުގެ 06 ގައި ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ވެސް ގުޅެނީ ހަރުކަށި ފިކުރާއިކަމަށް ތަހުގީގީ އިދާރާތްތަކުން ބުނެ އެވެ. މީހުން މެރުން ހުއްދަކޮށް، ނުވަތަ “ލޭ ހުއްދަ” ކަމަށް ދެކި ވަކިވަކި ފަރުދުންނަށް ފާރަލުމާއި، ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއްގެ ގޮތުގައި ބައެއް މީހުން ދެކޭކަން 241 ކޮމިޓީގެ، ޕާލިމަންޓް އިންކުއަރީ ރިޕޯޓުގައި އޮފިސަރުންނާއި ހަވާލާދީ ބުނެފައި ވެއެވެ.

މިއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި އެތައް އޮފިސަރުންނެއް ފާހަގަކުރިއިރު، އިންކުއަރީއަށް މައުލޫމާތު ދެމުން ނޭޝަނަލް ކައުންޓާރ ޓެރަރިޒަމް (އެންސީޓީ) ގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ވިސްނުން މިހާރު ފުޅާވެފައިވާ މިންވަރަށް ބަލާއިރު “އަނދިރި ދައުލަތެއް” ހިނގަމުންދާ ކަމަށެވެ.

“ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އެއީ ސައްހަ އަދަދެއްކަމަށް އޭނާ ގަބޫލެއް ނުކުރާ ކަމަށެވެ. އަދި އެ ބުނާ އަދަދަކީ އެއް ގޮތަކަށް ވެސް ވަޔަލެންސް ނުވަތަ އަނިޔާވެރިވުމަށް ހިތްވަރު ދޭ ބައެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ދީނީ ގޮތުން އާއްމުކޮށް ހުންނަ ވިސްނުމަށް ވުރެ، ދުރަށް ނުވަތަ “ފެޔަށް” ވިސްނިފައި ތިބި މީހުންނަކީ ސީދާ ހަރުކަށި ފިކުރުގެ ގޮތުގައި ލޭބަލް ނުކުރެވޭނެކަން ފާހަގަކޮށް އުމަރު ވިދާޅުވީ ހަރުކަށި ފިކުރަށް ވާނީ އެ މީހަކު ވަޔަލެންސްއަށް ނުވަތަ އަނިޔާވެރިކަމަށް ގޮވާލުމުން ކަމަށެވެ. ނުވަތަ އެފަދަ އަމަލެއް ހިންގުމަށް މަސައްކަތް ކުރުން ކަމަށެވެ.

ހަރުކަށި ފިކުރަކީ އުމަރު ވިދާޅުވީ ގޮތުން އަނިޔާވެރި ވިސްނުމާއި އެކު، އޭނާ އެކަމަށް އަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރާ ހިސާބެވެ. އަދި އެ މަގުން ހިނގަނީ ވަރަށް މަދު ބައެއްގެ ގޮތުގައި އުމަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ މިއީ ދުނިޔޭގެ އެތައް ގައުމެއްގައި ބަޔަކު މީހުން ހިންގަމުން އަންނަ އަމަލުތަކެއް ކަމަށެވެ.

“ޖަރުމަނުގަ ވެސް ހަމަ ހަމަލާ ދެނީ، އިނގިރޭސިވިލާތުގަ ވެސް ހަމަ ހަމަލާ ދެނީ…” އުމަރު

ރާއްޖޭގައި 1،300 ހަރުކަށި ފިކުރުގެ މީހުން ނުތިބޭނެކަމަށް ތަކުރާރުކޮށް ފާހަގަކޮށް އުމަރު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހަމަލާއަކާއި ހަމައަށް ގޮސްދާނެކަމަށް ބެލެވޭ އެންމެން ވަރަށް ކައިރިން މޮނީޓާރ ކުރެވުނު ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް މީހުން އެފަދަ ހަމަލާއެއް ދޭން މަސައްކަތްކޮށް، ބޮން ހެދުމުގެ ތެރޭގައި އުޅެނިކޮށް ޓްރޭސް ކުރެވި ހައްޔަރު ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ހަރުކަށި ފިކުރުގެ ވިސްނުން ގެންގުޅޭ މީހުންގެ ތެރެއިން، އެންމެ މަތީ ލެވެލްގެ މީހުން ހައްޔަރު ކުރާއިރު އެކަން އަންގާ އިއުލާނެއް ނުކުރާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރެވޭނެކަމަށް ވެސް ވިދާޅުވި އެވެ.

އޭރު ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި، އިދިކޮޅުގައި އޮތް އެމްޑީޕީއިން ރާއްޖޭގެ މީހުން ސީރިއާއަށް ދާކަމަށް ބުނެ ދެއްކި ވާހަކައަށް އުމަރު ވިދާޅުވީ އެމްޑީޕީން އޭރު ވެސް ބުނަމުން ދިޔައީ ރަނގަޅު އަދަދެއް ނޫން ކަމަށެވެ. އެގޮތުން އިރާގާއި ސީރިއާގައި ދިވެހިންގެ 70 މީހުން ތިބިކަމަށް ބުނެ އެމްޑީޕީން ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކައެއްގެ ގޮތުގައި އުމަރު ވަނީ ވިދާޅުވެފަ އެވެ.

“ގާތްގަނޑަކަށް އެ ހަނގުރާމައިގައި ބައިވެރިވުމަށް ދިވެހިންގެ ތެރެއިން 30 އަކަށް މީހުން އޭރު ގޮސް ތިބޭނީ… އެއީ އަޅުގަނޑުމެންގެ ފިގާރ އޭރު އިނގޭތޯ… ދެން އެ ހުރިހާ އެންމެނާ އެ މީހުންގެ އަނބިންނާ ކުދިންނާ ލައިގެން މި އަދަދު ބޮޑު ކުރަނީ އޭރުގެ އޮޕޮޒިޝަންއިން.. ދެން މިއީ ދިވެހިރާއްޖެ ބަދުނާމު ކުރަން އަބަދުވެސް އެއްލާ ގާގަނޑެއް” އުމަރު

އުމަރު ވިދާޅުވީ ރާއްޖެއަކީ ހަދުފަހަނާޅާފައިވާ ފިކުރުގެ ވިސްނުމުގެ މީހުން ވެސް އުޅޭ، އަދި ހަނގުރާމައަށް ދާ މީހުން އުޅޭ ގައުމެއްގެ ގޮތުގައި ޔޫރަޕްގެ ގައުމުތަކުން ބުނާން ފެށުމުން އެކަމަށް ހިތްވަރުދީ ވާހަކަ ދެއްކެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށެވެ.

މީގެ އިތުރުން އުމަރު ވިދާޅުވީ މީހެއްގެ ތުނބުޅި ހުންނަ ގޮތަކުން ނުވަތަ ހެދުން އަޅާ ގޮތަކުން އެ މީހާއަކީ ހަރުކަށި ފިކުރުގެ މީހެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށެވެ. އެއަށްފަހު އުމަރު ވަނީ ރައީސް ނަޝީދަކީ އެމަނިކުފާނު ހިތް ނުރުހޭ ކަންތަކާއި ދިމާވުމުން ހަރުކަށި ފިކުރުގެ މައުޟޫއު ނަގައި އެއީ އެފަދަ ވިސްނުމުގެ ބައެއްގެ ގޮތުގައި ލޭބަލް ކުރާކަމަށް ވިދާޅުވެފަ އެވެ. އަދި ރައީސް ނަޝީދު އެހެން މީހުންގެ މައްޗަށް ކުރާ އެފަދަ ނުހައްގު ދައުވާތަށް ކުށްވެރި ކުރާ ކަމަށް ވިދާޅުވި އެވެ.

އެހެން ނަމަވެސް އޭގެ މާނައަކީ ރައީސް ނަޝީދަށް ހަމަލާއެއް އަމާޒު ކުރުމެއް ނޫންކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންގެ މައްސަލަ ބަލައި، އެކަމުގައި ޝާމިލްވާ އެންމެންގެ މައްޗަށް ޝަރީއަތް ހިންގަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ކްރޮސްރޯޑްސްގައި ކައުންސިލަރުންނާއި އެކު ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގައި، ކައުންޓާ ޓެރަރިޒަމް ޑިޕާޓްމެންޓުގެ ފަރާތުން ޔަމާން ޖައުފަރު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ހަރުކަށި މީހުން ދިރިއުޅެމުން ދާކަމަށެވެ. އެގޮތުން ބައެއް މީހުން، ރާއްޖެއިން ބޭރުގެ އެކި ޓެރަރިޒަމް ޖަމާއަތްތަކާއި ގުޅިގެން ހަނގުރާމައިގެ ތަމްރީނު ހޯދަމުން އަންނަކަމަށް ޔަމާން ވިދާޅުވިއެވެ. ބައެއް މީހުން އެ ގައުމުތަކަށް ގޮސް ހަނގުރާމައިގެ އުކުޅުތައް ދަސްކުރާއިރު، ބައެއް މީހުން ރާއްޖޭގައި ތިބެގެން އޮންލައިން ސެޝަންތައް ނަގާކަށް އޭނާ ވިދާޅުވެފައި ވެއެވެ.

ހަރުކަށި ފިކުރުގެ މީހުން ހިންގާފައި ހުރި އަމަލުތަކާއި، ރާއްޖޭގައި ދޭން އުޅުނު ހަމަލާތަކުގެ ތަފްސީލު ފުރަތަމަ ފަހަރަށް ހިއްސާކޮށް އޭރު ޔަމާން ވިދާޅުވީ ހަރުކަށި ވިސްނުން ގެންގުޅޭ މީހުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ގެއްލުން ދިނުމަށް ކަމަށެވެ. އަދި އެ މީހުންގެ ވިސްނުން މިހާރު “ހާޑް އެޕްރޯޗް” އަށް ބަދަލު ވަމުން އަންނަ ކަމަށެވެ.

ފަހުގެ ތާރީހެއްގައި ފާހަގަ ކުރެވޭ މައްސަލައަކީ، ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި ހާދިސާ އެވެ. އަދި ތ. ތިމަރަފުށީގެ ސްކޫލުގެ ދަރިވަރުން އިމްތިހާނު ހަދަމުންދާ ވަގުތު ލެބޯޓަރީ ގޮއްވާލުމަށް ރޭވި މައްސަލަ ވެސް ފާހަގަ ކުރެވެ އެވެ. އެ މައްސަލައިގައި ހައްުޔަރު ކުރި މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: