ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބަރުލަމާނީ ޕެޓިޝަން ހެދުމަކީ ސަރުކާރާއި ދެކޮޅުވުމެއް ނޫން: ހަސަންޓެ

ރައްޔިތުންގެ މަޖިިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ)
ޝެއާރކޮށްލާ ކަހަލަދޯ؟

ބަރުލަމާނީ ނިޒާމެއް ރާއްޖެ ގެންނަން ބޭނުންވެ ރައްޔިތުން އެ މަސައްކަތް ފެށީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއި ދެކޮޅު ވެގެން ނޫންކަމަށް ރައްޔިތުންގެ މަޖިިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވެއްޖެ އެވެ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިސްވެ ހުންނަވައި ފެށި ޕެޓިޝަންގެ މަސައްކަތުގައި އެނާއި އެކު މާފަންނު މެދު ދާއިރާގެ އިބްރާހިމް ރަޝީދު ބޮންޑެ އާއި، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުއިއްޒު ވެސް އުޅުއްވަ އެވެ. އެމްޑީޕީގެ ބައެއް މަޖިލީހުގެ މެމްބަރުން ވެސް ސޮއިކޮށްފައިވާ މި ޕެޓިޝަން ތިން މަސް ދުވަހުގެ ތެރެގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވާނެކަމަށް ނިޝާން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި މެދު ނަގާ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ލަފާދޭ ޕެޓިޝަންގައި ވީހާވެސް ގިނަ މީހުން ސޮއި ކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި 2007 ވަނަ އަހަރު ބަރުލަމާނީއަށް ތާއީދުކޮށް އެމްޑީޕީން ބޭނުން ކުރި ލޯގޯ ޓްވީޓު ކުރުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ގައުމީ މަޖިލީހުގެ އިންތިހާބުގައި ތާއީދު ކުރަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް ބޭނުންވާ ކެނޑިޑޭޓުންނަށް ކަމަށެވެ.

މި މައުޟޫއާއި ގުޅުވައި ސުވާލު އަމާޒު ކުރުމުން، “ސަންގުޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހަސަންޓެ ވިދާޅުވީ ފެށުނީސުރެ އެމްޑީޕީން ތާއީދު ކުރަމުން އައީ ބަރުލަމާނީ ނިޒާމަކަށް ކަމަށެވެ. ރިޔާޒީ ނިޒާމުގެ ދަށުން ފާއިތުވެ ދިޔަ ސަރުކާރުތަކުން ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވުނު އެއްވެސް މަސައްކަތެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ. ހަަސަންޓެ ސިފަ ކުރެއްވީ ރިޔާސީ ނިޒާމަކީ ބުރަ، އަދި ހަރަދު ބޮޑު ނިޒާމެއްގެ ގޮތުގަ އެވެ.

މިއީ ސަރުކާރާއި ދެކޮޅުވުމުގެ އަމަލެއްތޯ ސުވާލު ކުރުމުން ހަސަންޓެ ވިދާޅުވީ، މި މަސައްކަތް ފެށީ ދިވެހި ރައްޔިތުންގެ ތެރެއިން ބައެއް ކަމަށެވެ. އެހެން ކަމުން އެއީ އެއްވެސް ހާލަތެއްގައި ސަރުކާރާއި ދެކޮޅުވުންގެ ގޮތުގައި ބުނުވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި މިއީ ހަމައެކަނި އެމްޑީޕީގެ އިސްނެގުމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޖޭގެ ވެރިކަން ކުރާނެ ނިޒާމަކީ، ރިޔާސީ ނިޒާމަކުންކަން ކަނޑައެޅީ ދިވެހި ރައްޔިތުންގެ ވޯޓަކުންކަން ފާހަގަކުރައްވައި ހަސަންޓެ ވިދާޅުވީ، ކުރިޔަށް އޮތް ތަނުގައި ވެސް އެ ގޮތް ނިންމާނީ ރައްޔިތުން ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ އޮންނާނެ ނިޒާމަކާއި މެދު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ގޮތެއް ނުނިންމޭނެކަމަށް ހަސަންޓެ ވިދާޅުވި އެވެ.

ހަސަންޓެ ވިދާޅުވީ ގޮތުން ބަރުލަމާނީ ނިޒާމެއް ގެންނަން ޖެހެނީ މިހާރު ވެސް، އޭގެ ސިފަތަކެއް ރާއްޖޭގެ ގާނޫނު އަސާސީގައި އެކުލެވޭތީ އެވެ.

މިއީ ވަކި ނިޒާމުގެ މައްސަލައެއް ނޫންކަމާއި، މައްސަލައަކީ އިހުލާސްތެރިކަން ނެތުން ނޫންތޯ ސުވާލު ކުރުމުން ހަސަންޓެ ވިދާޅުވީ ހަގީގަތަކީ ވެސް އެއީ ކަމަށެވެ. މިހާރު އަމަލު ކުރަންޖެހޭ އުސޫލުގެ ދަށުން ވަޒީރުންނަށް 14 ދުވަހުގެ ނޯޓިސް ދިނުމާއި، އެ މީހުންނަށް ސިޓީ ފޮނުވައި ލިޔުމުން ޖަވާބު ހޯދުންފަދަ މަސައްކަތްތައް ކުރަންޖެހޭއިރު ބަރުލަމާނީ އާއި އެކު ވަޒީރަކު ހުންނާނީ މަޖިލީހުގެ ތަޅުމުގައިކަމަށް ހަސަންޓެ ވިދާޅުވި އެވެ. އަދި އޭނާ ކުރާ މަސައްކަތާއި، ރައްޔިތުންނަށް ދޭ ހިދުމަތް މިނެ ކިރަން އެހާ ހިސާބުން ފަސޭހަ ވާނެކަމަށް ވިދާޅުވި އެވެ.

ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގެ މަސައްކަތް މާދަމާ، އެމްޑީޕީގެ ހަރުގޭގައި ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. މިހާތަނަށް އެމްޑީޕީ މެމްބަރުންގެ ތެރެއިން ޕެޓިޝަންގައި ސޮއި ކުރި ބޭފުޅުންގެ ތެރޭގައި މެމްބަރު ބޮންޑެ އާއި، މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، އާއި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު، އަދި ބިލެތްދޭ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލޭ) އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ހިމެނެ އެވެ.

ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ފޮނުވި މެސެޖެއްގައި ވެސް 2023 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް ސޯލިހު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި، ނޫސްވެރިންގެ ސުވާލުތަކަށް ވެސް ވިދާޅުވީ އަމާޒަކީ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުން ކަމަށެވެ.

2007 ވަނަ އަހަރު ރާއްޖޭގައި އަމަލު ކުރަން ބޭނުންވަނީ ރިޔާސީ ނިޒާމަކަށްކަމަށް ރައްޔިތުންގެ ތެރެއިން 60 އިންސައްތަ މީހުން ވޯޓު ދީފައި ވެއެވެ. އެހެން ނަމަވެސް އެއީ މީގެ އެތައް އަހަރެއް ކުރިން ނެގި ވޯޓެއްކަމުން، ނިޒާމާއި މެދު ރައްޔިތުންގެ ހިޔާލު ތަފާތުވުން އެކަށީގެން ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: