ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓީޗަރުންގެ މުސާރަ ބޮޑުކުރުން: ތަންފީޒު ނުކުރެވުނު ވައުދެއް!

ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ތައުލީމީ ދުވެލި ދުވަހުން ދުވަހަށް ކުރިއަރައި މަދަރުސާތަކުގައި ކިޔަވާ ދަރިވަރުން ދުނިޔޭގެ ފެންވަރުގަޔާއި، ރާއްޖޭގެ ފެންވަރުގައި ބޮޑެތިކާމިޔާބުތަކެއް ހޯދަމުންދާ މަންޒަރު މިއަދު އަޅުގަނޑުމެންގެ ލޯމައްޗަށް ފެނެއެވެ. ހުނަރާއި ގާބިލިއްޔަތުކަން ދިރުވައި ދަރިވަރުންގެ ހިތްތައް ކިޔެވުމަށް މަސްއޫލުވެ ރާއްޖޭގެ ނަން ރޯޝަންވެގެން ދާ މަންޒަރުތައްވެސް ފެނުމުން އުފާވެރިކަން އިހުސާސްވެއެވެ. މިކަމުގެ ފަހަތުގައި ތިއްބެވީ އަޅުގަނޑުމެންގެ ޓީޗަރުންނެވެ.

ސިވިލްސާވަންޓުންގެ ތެރެއިން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އެންމެބުރަކޮށް މަސައްކަތް ކުރާ އެއް ބަޔަކީ މީހުންނަކީ ޓީޗަރުންކަމާމެދު ޝައްކެއްވެސް ނެތެވެ. ކުރިމަގަށް ދަރިވަރުން ތައްޔާރުކޮށް ރާއްޖޭގެ މުސްތަގުބަލަށް ފުރިހަމަ ޝަހުސިއްޔަތެއް ބިނާކުރުމަށްޓަކައި ރެޔާ ދުވާލު ޓީޗަރުން އެވާ މަތިވެރި ގުރުބާނީއަކީ ހަގީގަތުގައި އަގު ކުރެވޭނެ އެއްޗިއްސެއްވެސް ނޫނެވެ.

މިކަން މިހެން ވާއިރު، އެކަމުގެ އަގު ވަޒަންކުރުމަށްޓަކައި އެކި ސަރުކާރުތަކުން ޓިޗަރުންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. ނިމިދިޔަ ސަރުކާރުގައިވެސް ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށްޓަކައި މަސައްކަތްތަކެއް ކުރެވިގެންދިޔައެވެ. ހަމަ އެހެންމެ މި ސަރުކާރުންވެސް މަސައްކަތްތައް ފަށައިގަތީ ޓީޗަރުންނަށް އެކަށީގެންވާވަރަށް މުސާރަ ބޮޑު ކޮށްދެވޭނެ ނިޒާމެއް އެކުލަވާލުމަށްށެވެ.

އެހެންނަމަވެސް ގާބިލް ޓީޗަރުންނަށް ވުމަށްޓަކައި އެމީހުން ކުރަމުން ގެންދާ މަސައްކަތާއި އެއްވަރަށް މުސާރަ ލިބޭތޯ ސުވާލުއުފެދެއެވެ. ޑިގްރީއާއި މާސްޓާޒްގެ ފެންވަރަށް ކިޔަވައިގެން ނުވަތަ ޕީއެޗްށީ ހެދި ކިތަންމެ މޮޅު ޓީޗަރަކަށްވެސް ރާއްޖޭގެ ސްކޫލްތަކުގައި ލިބެން އޮތީ ހަމަ އެއް މުސާރައެއްތޯ ސުވާލު އުފެދެއެވެ.

ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައިވެސް ޓީޗަރުންގެ މުސާރަ އަށް ބަދަލުތަކެއް ގެނެވުނެވެ. މިގޮތުން ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރަކަށް 17،374 ރުފިޔާ ދިނުމަށާއި، މާސްޓަރސް ފެންވަރުގެ ޓީޗަރަކަށް މަހު މުސާރައިގެ ގޮތުގައި 16،374 ރުފިޔާ ދިނުމަށް ނިންމާފައިވެއެވެ. ޑިގްރީ ފެންވަރުގެ ލީޑިން ޓީޗަރަކަށް ދިނުމަށް ހަމަޖެހިފައިވަނީ 14،894 ރުފިޔާއެވެ. ބެޗްލާސް ފެންވަރުގެ ޓީޗަރަކަށް 13،894 ރުފިޔާއެވެ. އަދި ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މަހު މުސާރައިގެ ގޮތުގައި  11،337.5 ރުފިޔާ ދިނުމަށް ހަމަޖެހުނެވެ. ރައީސް ޔާމީންގެ ސަރުކާރުން ގެނައި މި ބަދަލާއިއެކު އެވެރެޖުކޮށް ޓީޗަރުންގެ މުސާރަވަނީ 30 އިންސައްތައަށް އިތުރުކޮށްފައެވެ.

ކުރިއަށް މިދާ ސަރުކާރު ހޮވުމުގެ ކުރިން ޓީޗަރުންނަށް ދޭ މުސާރަ ބޮޑުކޮށްދިނުމަކީ މި ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، ވެވަޑައިގެންނެވި ވައުދެކެވެ. އަދި ވެރިކަމަށް މި ސަރުކާރު އައުމަށްފަހުގައި މުސާރައިގެ އޮނިގަނޑުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތަކެއް ނިންމާފައިވާނެކަމަށް ބުނި ނަމަވެސް ކޮވިޑުގެ ހާލަތު ކުރިމަތިވުމާއި ގުޅިގެން ހުއްޓުނު ގިނަ ކަންކަމުގެ ތެރެއަށް އެކަންތައްވެސް ވެގެން ދިޔައީއެވެ.

2021 ވަނަ އަހަރު ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ބޭއްވި ހާއްސަ އެސަމްބްލީއެއްގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް މުދައްރިސުން ކުރައްވާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، މިދިޔަ އަހަރު އެންމެ ބޮޑު ބުރައެއް އުފުލަން ޖެހުނީ ޓީޗަރުން ކަމަށެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާގެ ހިދުމަތްތެރިން ކުރާ މަސައްކަތާއި، ހޭދަ ކުރާ ވަގުތުތަކަށް އެކަށޭނެ ގޮތަކަށް މުސާރައިގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަވާނެ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ފަށައި، 2022 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ޓީޗަރުން ލިބުން ދަތި ބައެއް މާއްދާތައް ކިޔަވައިދިނުމަށްޓަކައި، އަމިއްލަ ރަށް ނޫން އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާ ދިވެހި ޓީޗަރުންނަށް، އެފަދަ މާއްދާތައް ކިޔަވައިދިނުމުގެ ފުރުސަތު ތަނަވަސްކޮށްދީ، އެކަމަށް ލިބެންޖެހޭ އިނާޔަތްތައް ވެސް މި ސަރުކާރުން ހަމަޖައްސައިދެއްވާނެ ކަމަށެވެ.

ހަގީގަތުގައި ދެކެވެން ޖެހޭ އެންމެ މުހިންމު ވާހަކައަކީ ޓީޗަރުން ކުރާ ބުރަ މަސައްކަތާއި އެމީހުންނަށް ލިބޭ ކުޑަ މުސާރައިގެ ވާހަކަތަކެވެ. ރެޔާއި ދުވާލު ތައުލީމު ހާސިލް ކުރަމުން ގެންދާ ދަރިވަރުންނަށް އެންމެ މޮޅަށް އުނގަންނައިދިނުމުގައި ހޭދަވަނީކީ ހަމައެކަނި ސްކޫލްގައި ކުރާ މަސައްކަތްތަކެއްވެސް ނޫނެވެ. ހަމައެހެންމެ ރާއްޖެއަށް ސިމާވި ކޮވިޑުގެ އުނދަގޫ ހާލަތުގައި ކެތްތެރިކަން އިސްކުރައްވައި އެބޭފުޅުން ވި ގުރުބާނީ އަކީވެސް ހަނދާނުން ނައްތާލެވޭނެ ކަންކަމެއް ނޫނެވެ. ފާއިތުވި ކޮވިޑުގެ އުނދަގޫ ދުވަސްތަކުގައި އެންމެ ބޮޑު އެއް ބުރަ އުފުއްލެވި އެއް ބަޔަކީވެސް ހަމަ ޓީޗަރުންނެވެ. އެބައެއްގެ އަމިއްލަ އާއިލާއަށް ވަގުތު ދެމުން، އަޅުގަނޑުމެންގެ ކުދި ދަރީންނަށް އިލްމު އުނގަންނައިދިނުމަށްޓަކައި އެވާ ގުރުބާނީގެ އަގު އެންމެ އެކަށީގެންވާ ގޮތުގައި އަދާކޮށްދިނުމަކީ އަޅުގަނޑުމެންނަށް އޮތް ޒިންމާއެކެވެ.

ހަމައެހެންމެ އަންނަން އޮތް އަހަރުގައިި ޓީޗަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމުގެ ވާހަކަތައްވެސް މިހާރު ދަނީ ދެކެވެމުންނެވެ. ގައުމު ހިންގުމަށް މިއަދާއި މާދަމާއަށް ބޭނުންވާ ދަރިން ތައްޔާރު ކުރުމަށް މަސައްކަތްކުރާ އެ މައިންނާއި ބަފައިން އެތިބީ މިއަދު ނޫނީ މާދަމާ މުސާރަ ބޮޑުވާނެ ކަމުގެ ހުވަފެން ދެކޭށެވެ.

މިކަން މިހެން ވާއިރު، ޓީޗަރުންނަށް އެކަށީގެންވާ މުސާރަ ދިނުމަކީ ސަރުކާރުން މިއަދު ބޮޑު އަހަންމިއްޔަތުކަމެއް ދޭން ޖެހިފައިވާ ކަމެކެވެ. ޓީޗަރުންގެ ހައްގު އޭގެ އެންމެ އެދެވޭ ގޮތުގައި އެމީހުންނަށް ދިނުމަކީ މާދަމާ ރާއްޖެ ކުރިއަރުވަން ތިބި ފަރުދުން ބިނާ ކުރުމަށް ދެވޭ އެހީތެރިކަމެކެވެ.

ވަރަށް ގަދަ
71%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 29%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: