ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ތަމްރީނުތަކަށް ރަށްތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމްކުރާނެ ކަމުގެ ވައުދު!

ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށްބޭއްވި ރަސްމިއްުޔާތުގައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ފުރުސަތުތައް ޒުވާނުންނަށް ހުޅުވާލާއިރު، އެއާއި އެއްވަރަށް ވަޒީފާގެ މާހައުލުގެ ތަމްރީނުތައް ހިންގުން މުހިންމުކަމަށް ބަލައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމް ކުރެވޭނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރ. އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް މިރޭ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައި ވަޒީފާގެ ފުރުސަތެއް ބޭނުންވެ، އެ މަގު ނުފެނިފައި ތިބި ޒުވާނުންނާއި އެކު ވަޒީފާގެ މާކެޓުގައި މީހުން މަދު ދާއިރާތައް ވެސް އެބަހުރި ކަމަށެވެ.

ސަރުކާރުގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގެ އެއް އަމާޒު ކަމުގައިވާ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ލަނޑުދަނޑިއަށް ވާސިލް ވުމުގެ ގޮތުން އިކޮނޮމިސް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ތައްޔާރުކޮށްފައިވާ ޖޮބް ސެންޓަރު އިފްތިތާހު ކުރީ 2019 ގަ އެވެ. މި ޕޯޓަލް އަކީ ރާއްޖެއިން ލިބެން ހުރި މަސައްކަތްތަކާއި، ހުރި ވަޒީފާގެ ފުރުސަތު އެއް ތަނަކުން ހޯދަން ފަސޭހަވާނެ ޕޯޓަލްއެކެވެ.

އަލިފުށީގައި ހުޅުވި ޖޮބް ސެންޓަރަކީ އެއީ ވަޒީފާ ބޭނުންވާ މީހުންނާއި ވަޒީފާ ދޭ ކުންފުނިތައް ނުވަތަ އިދާރާތައް އެއްތަން ކުރުމުގެ ނިޔަތުގައި ސަރުކާރުން ފެށި މަޝްރޫއެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ މި ޕްރޮގްރާމް އެންމެ ފުރަތަމަ ފެށުނީ މިދިޔަ އޭޕްރިލް މަހު ކަމަށެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި މި ސެންޓަރުތައް ކުރިޔަށް އޮތް ތަނުގެ ތެރޭގައި ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ގޮތުން މި ސަރުކާރުގެ އަމާޒަކީ ވަޒީފާ ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ރަށްތަކުގެ ކައުންސިލްތަކާއި ގުޅިގެން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޕްރޮގްރާމް ހިންގުމެވެ.

“މި ޖޮބް ސެންޓަރުގެ ބޭނުމަކަށް ވެގެންދާނީ ވަޒީފާ ބޭނުންވާ ފަރާތްތައް އޭގައި ރެޖިސްޓްރީ ކުރުން.. ހަމައެއާއި އެކު ވަޒީފާއަށް މީހުން ބޭނުންވާ ފަރާތްތައް ކުންފުނިތަކުން ވެސް މީގައި ރެޖިސްޓްރީ ކުރުން. އޭރުން ވަޒީފާ ބޭނުންވާ ފަރާތަށް ހުރީ ކޮން ވަޒީފާތަކެއްކަން… ހުހަށް ހުރީ ކޮން ވަޒީފާތަކެއްކަން އެނގިގެން ދާނެ. މީގައި ރެޖިސްޓްރީ ކުރުން ވަޒީފާތަކަށް ޝޯޓު ލިސްޓުކޮށް އިންޓަވިއު ކުރެވިގެންދާނެ” ރައީސް ސޯލިހު

ވަޒީފާތަކަށް މީހުން ތަމްރީނު ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މި ޕްރޮގްރާމްގެ ދަށުން ރާއްޖެގެ އެކި ހިސާބުތަކުގައި ޓިވެޓް ސެންޓަރުތައް ވެސް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އޭގެ ތެރެއިން އެއް މަސައްކަތް އަލިފުށީގައި ފެށިގެންދާނެކަން ރައީސް ވަނީ އިއުލާނު ކުރައްވާފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ އަމާޒަކީ ކުރިޔަށް އޮތްތަނުގައި ވަޒީފާތަކަށް ބޭރުން ގެންނަ މީހުން މަދު ކުރުން ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް ފުރުސަތު ލިބިގެންދާނެކަން ފާހަގަކޮށް ރައީސް ވިދާޅުވީ، ޕޯޓަލްގައި ރެޖިސްޓްރީކޮށްފައިވާ މަގާމަކަށް ކުރިމަތިލާފައިވާ މީހެއްގެ ބަދަލުގައި އެ ފުރުސަތު ބިދޭސީއަކަށް ދޫ ނުކުރާނެ ކަމަށެވެ.

“ބޭރު މީހުން ރާއްޖެއަށް ގެނައުން މަދު ކުރުމަށް މި ކުރާ މަސައްކަތުގައި ކުރިޔަށް ފިޔަވަޅުތައް އެޅިފައި އެބަހުރި… މިސާލަކަށް ދަންނަވާނަމަ 2018 ގައި އަޅުގަނޑުމެން ވެރިކަމާއި ހަވާލުވީއިރު އެބައޮތް ވޯކް ޕާމިޓު ދޫކުރެވިފައި 56،000 މީހުންނަށް… ބޭރުން މީހުން ގެނައުމަށް… އަހަރު ނިމުނުއިރު 51،000 ވަޒީފާއަށް ރާއްޖެއަށް އެތެރެކޮށްފައި އެބަހުރި.. މިއީ 2021 ވަނަ އަހަރު، މި އަހަރުގެ ހަތް މަސް ނިމިގެން ދިޔައިރުގައި ސަރުކާރުން ވޯކް ޕާމިޓު ހުއްދަ ދީފައި މިވަނީ 8،900 މީހުންނަށް… އަދި މިހާތަނަށް ރާއްޖެއިން ބޭރުން ވަޒީފާއަށް ގެނެވިފައި މިވަނީ 6،900 މީހުން… ބާކީ މި އޮތް މުއްދަތުގައި އަދި އިތުރަށް މީހުން ގެނައިކަމަށް ވިޔަސް ކުރީގެ އަހަރުތަކާއި އަޅާ ބަލައި މިއޮތީ ވަރަށް ބޮޑުތަނުން ކޮންޓްރޯލް ކުރެވިފައި. އަޅުގަނޑުމެން ފެށި މަސައްކަތް ކާމިޔާބުވާކަމުގެ ނިޝާނެއް މީގެން ފެނިގެން މިދަނީ..” ރައީސް ސޯލިހު

މިއަދު ކޮންމެހެން ވެސް މީހުން ވަޒީފާއަށް ތައްޔާރު ކުރަންޖެހޭއިރު އެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދާކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ނޭޝަނަލް އެޕްރެސެންޝިޕް ޕްރޮގްރާމެއް ފަށައި މި އަހަރުގެ ތެރޭގައި ކުރިޔަށް ގެންދާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި ޕްރޮގްރާމުތަކުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން 213 މީހަކަށް ވަޒީފާގެ ފުރުސަތު ހޯދައިދީފައިވާކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގިނަ އަދަދެއްގެ މީހުން މިފަދަ ޕްރޮގްރާމުތަކުގައި ބައިވެރިވާއިރު، އުންމީދަކީ އެ މީހުންނަށް ވެސް ވަޒީފާގެ ފުރުސަތު ލިބިގެންދިއުންކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ވަޒީފާތަކަށް މީހުން ތައްޔާރުކުރުމަށް ކުރިޔަށް އޮތް ދެ އަހަރަށް އަމާޒުކޮށްގެން 2،400 ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ. އަދި މިހާތަނަށް 700 މީހެއް ޓްރެއިން ކުރުމަށް އަމިއްލަ ކޮލެޖުތަކާއި ސްކޫލުތަކާއި ހަވާލުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދާއިރު ތަމްރީނުދޭ ކޮންމެ ޒުވާނަކަށް ޕޮކެޓް މަނީގެ ގޮތުގައި 2،700 ރުފިޔާ ދެމުން ގެންދާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ ބޭކާރުނުވެ ރަނގަޅު ވަޒީފާއެއް އަދާކުރަމުންދާ މީހުންގެ ގޮތުގައި ހެދުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އުންމީދަކީ ސަރުކާރުން އިފްތިތާހު ކުރި ޖޮބް ސެންޓަރުތައް މެދުވެރިކޮށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދިއުން ކަމަށެވެ.

ވަޒީފާއަށް މީހުން ތަމްރީނު ކުރުމުގެ ގޮތުން އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޓިވެޓް ސެންޓަރުތައް ގާއިމް ކުރެވިގެންދާނެކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ ޒުވާނުންގެ ތެރެއިން ހިލޭ ޑިގްރީއަށް ކިޔަވަން ބޭނުންވާ ކުދިންނާއި، މަތީ ތައުލީމަށް ލޯނުގެ އެހީ ލިބޭނެ ކަމަށެވެ. އޭގެ ދަށުން މިހާރު މަސައްކަތް ކުރަމުންދަނީ، ޒުވާނުންގެ ޝައުގުވެރިކަން ހުރި ދާއިރާތައް ބަލައި ދެނެގަނެ މަތީ ތައުލީމްގެ ފުރުސަތު ހޯދައި ދިނުމެވެ. އަދި މި ޕްރޮގްރާމް ރާއްޖޭގެ ރަށްތަކުގައި ފުޅާކުރާނެކަމަށް ރައީސްގެ ވާހަކައިގައި ވިދާޅުވި އެވެ.

އަލިފުށީގައި ޖޮބް ސެންޓަރު ހުޅުވުމަށް އޮތް ރަސްމިއްޔާތަކީ ރައީސްގެ ދެކަނބަލުން ށ. އަތޮޅުގެ ހަތަރު ރަށަކަށާއި، ރ. އަތޮޅުގެ ހަތަރު ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ދިޔަ ހާއްސަ މަސައްކަތެކެވެ. މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުންގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ރައީސް އޮފީހާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ބައިވެރިވެވަޑައިގަންނަވަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: