ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްސީ ބަޔާން: އަބުރުގެ ގާނޫނުން މީޑިއާއަށް ލިބުނު ގެއްލުމުން ފިލާވަޅު ލިބިގަނޭ!

އެމްއެމްސީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ އެމްއެމްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި، މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރެވޭ ގޮތަށް މާއްދާއެއް ހިމަނާފައިވާތީ މޯލްޑިވްސް މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްމުޣުނީ ހެއްކާއި ބެހޭ ބިލެއް ހުށަހަޅާފައިވަނީ ހަރުދަނާ އުސޫލުތަކެއްގެ މައްޗަށް ބިނާކޮށް ހެއްކާބެހޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް ތައާރަފްކުރުމަށް ކަމަށް ބުނެ އެވެ.

1976 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އަމަލު ކުރަމުން އަންނަ ހެއްކާއި ބެހޭ ގާނޫނުގެ ސަބަބުން ކޯޓުގައި ކުރިޔަށް ދާ ބޮޑެތި މައްސަލަތައް ގާނޫނީ އިޖުރާއަތްތަކުގެ ސަބަބުން ބޭރުކޮށްފައި އެބަހުއްޓެވެ.

މުޣްނީ ހުށަހަޅުއްވާފައިވާ ހެއްކާއި ބެހޭ ބިލުގައި 151 މާއްދާ ހިމެނޭއިރު، ނޫސްވެރިން ޚަބަރުތަކާއި، ރިޕޯޓުތައް ގެނެސްދޭއިރު މައުލޫމާތުތައް ހޯދާ މަސްދަރުރައް ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް ހިމަނާފައިވަނީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުން އިތުރުވެފައިވަނިކޮށް އެމްއެމްސީން ބަޔާނެއް އާއްމުކޮށް ބުނީ، މި ބިލުގައި ހިމަނާފައިވާ މާއްދާއެއްގެ ސަބަބުން ގާނުނު އަސާސީގެ 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަށް އުނިމަމެއް ލިބިގެންދާނެ ކަމަށެވެ.

ގާނޫނުގައި އަސާސީގައި ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމާއި މީ ގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅު ކުރުމާއި، ޝާއިއު ކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނޭކަން ބަޔާނުގައި ފާހަގަ ކުރި އެވެ. އެގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅު ކުރާ މައުލޫމާތެއްގެ މަސްދަރު ހާމަ ކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެކަމަށް ބުނެފައިވީ ނަމަވެސް ހެެއްކާއި ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރުމަށް، މަޖުބޫރު ކުރުވޭނެ ދެ ހާލަތެއް ބަޔާންކޮށްފައިވާކަމަށް އެމްއެމްސީން ބުންޏެވެ.

މި މާއްދާ މިހެން އޮވެ، ބިލު ފާސްވެއްޖެ ނަމަ ނޫސްވެރިންގެ މަސްދަރުތައް ހޯދަން މި މާއްދާގެ ބޭނުން ކުރުމުގެ ފުރުސަތު އެބައޮތް ކަމަށާއި މިއީ ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހޯދި ކާމިޔާބީތަކާއި ކުރިއެރުން ހުއްޓިދާނެ ސަބަބެއްގެ ގޮތުގައި ބަޔާނުގައި ވެއެވެ.

އެމްއެމްސީން ގޮވާލީ އަބުރުގެ ގާނޫނާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ގާނުނުން މީޑިއާގެ ދާއިރާއަށް ލިބުނު ގެއްލުމުން އިބުރަތް ލިބި މި މާއްދާ އުނި ކުރުމަށެވެ.

އެމްއެމްސީން ވަނީ މި މައްސަލައިގައި ކަމާއި ބެހޭ ކޮމިޓީތަކާއި ބައްދަލުކޮށް މާއްދާ އިސްލާހު ކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެކަމަށް ބުނެފަ އެވެ.

ހެއްކާއި ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި އޮތީ މަސްދަރު ހާމަ ކުރުމުގެ ސަބަބުން، އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން ނޫސްވެރިޔާއަށާއި، ނޫސްވެރިޔާ މަސައްކަތްކުރާ މީޑިއާގެ އިސްވެރިންނަށް ވެސް މަޖުބޫރު ކުރުމުގެ އިހުތިޔާރާއި ބާރު ފަނޑިޔާރުންނަށް ލިބިދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ކިއުން އިއްވާފައިވާ މި ބިލިގައި، އެ ގާނޫނުން އިމްތިޔާޒް ލިބިގެންވާ މުއާމަލާތްތައް 16 ވަނަ ބާބުގައި ބަޔާން ކުރެ އެވެ. އެއީ 136 ވަނަ މާއްދާގެ (ހ) އެހެން އޮތް ނަމަވެސް ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު ކަނޑައަޅާފައިވާ ބައެއް ކަންކަމަށް ވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަ ވެވޭނަމަ، ނޫސްވެރިއާއަށް އެ މައުލޫމާތު ދިން މަސްދަތު ޝަރީއަތް ހާމަކުރުމަށް ނޫނަމަވެސް، ހަމަ އެ މާއްދާގެ (ށ) ގައި އެ އިމްތިޔާޒް އިސްތިސްނާ ކުރެވިދާނެ ހާލަތެއް ވަނީ ބަޔާންކޮށްފަ އެވެ.

“މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާންމު މަސްލަހަތު އަންނަނިވި ކަންކަމަށްވުރެ ބޮޑުކަމުގައި ޝަރީއަތަށް ބުރަވެވޭނަމަ، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވިދާނެ އެވެ.” 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައި ވެއެވެ.

ނޫސްވެރިޔާގެ މަސްދަރު ޝަރީއަތަށް ހާމަކުރަން ފަނޑިޔާރުންނަށް މަޖުބޫރު ކުރެވިދާނެކަމަށް އެ ބިލުގައި ބުނެފައި ވެ އެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންދިޔައިރު، ބައެއް މެމްބަރުން އެ މާއްދާއާއި މެދު ކަންބޮޑުވުން ފާޅުކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: