ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ޕައިލެޓުންނަށް ނުދުއްވޭ އެއްޗަކަށް ޑޯނިޔާ މަތިންދާ ބޯޓު!

ރާއްޖޭގެ ޑޯނިއާ ފްލައިޓު ދުއްވަން ތިބެނީ އިންޑީއާ ސިފައިން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ވެރިކަންތަކުގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދެ އެވެ. މިއިން ކޮންމެ ބަދަލަކާއެކީ އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީތަކުން ސަރުކާރުގެ ޚާރިޖީ ސިޔާސަތުތަކަކީ ތާކުންތާކު ނުޖެހޭ، ނުވަތަ އެސިޔާސަތުތަކުގެ ސަބަބުން ރާއްޖެއަށް ގެއްލުންވަމުންދާކަމުގެ ވާހަކަތައް އަަބަދުވެސް ދައްކަވާނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމަމުގައި ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކަކީ މިހާތަނަށް ފެނިފައިނުވާ ތަފާތު ސިޔާސަތުތަކެކެވެ. ބައިނަލްއަގްވާމީ މުޖުތަމައުއާއި އެކަހެރިވެ، ބައެއް ބޮޑެތި ގައުމުތަކާއި ގުޅުން ކަނޑާލައި، ކޮމަންވެލްތުން ވަކިވެ، ރާއްޖޭގެ އަމިއްލަ މިނިވަންކަން ކުރިއަރުވައި، އެއްވެސް ބަޔަކާއި ނުޖެހި އުޅުމަށްޓަކައި މަސައްކަތް ކުރިތަން ފެނިގެންދިޔައެވެ. އަދި ވަކީން ޚާއްސަކޮށް އަވަށްޓެރި ބައެއް ގައުމުތަކާއި އޮތް ގުޅުން ކުޑަކުރައްވައި ބައެއް އެހެން ގައުމުތަކާއި ގުޅުން ބަދަހިކުރިތަން ވަނީ ފެނިގެން ގޮސްފައެވެ.

މިފަދަ ގައުމެއްގެ ގޮތުގައި ޗައިނާ ފާހަގަކުރެވިގެން ދިޔައިރު، އެއިރު އިދިކޮޅުގައި ތިއްބެވި ޕާޓީތަކުން ވަނީ ވަރަށް ބޮޑަށް ރައީސް ޔާމީން ގެންގުޅުއްވި ޚާރިޖީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފައެވެ. އަދި މިހާރު ވެރިކަމުގައި ތިއްބަވާވެސް، އެގުޅުމުގެ ވާހަކަތައް ދައްކަވައި ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދާންޖެހުނު ސަބަބެއްގެ ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކުގެ ވާހަކަތައް ފާހަގަކުރައްވައި، އެއީ ދަރަނި ދަންތޫރަތަކެއްގެ ގޮތުގައި ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ ސަރުކާރާއި ގާތް ގުޅުމެއް ވަނީ ބާއްވާފައި

 

ވެރިކަން ބަދަލުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ، ޚާރިޖީ ސިޔާސަތުތައް އެކުލަވާލާއި ތަންފީޒުކުރެއްވުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ހަވާލުކުރެއްވި ހިސާބުން ކަންކަން ބަދަލުވެގެންދިޔައެވެ. އެންމެ ބޮޑަށް ފާހަގަކުރެވިގެންދިޔަ ކަމަކީ ރާއްޖެއާއި އިންޑިޔާއާއި ދެމެދު ބާއްވަން ފެށި ގާތް ގުޅުމެވެ. މިގުޅުމަކީ ރަނގަޅު ގުޅުމެއްގެ ގޮތުގައި ފާހަގަކުރައްވައި، ރައީސް ޔާމީންގެ ވެރިކަމުގައި ބައިނަލްއަގްވާމީ މުޖުތަމައުން އެކަހެރިވެފައި އޮތުމުގެ ބަދަލުގައި ބޭރު ގައުމުތަކާއި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ ވާހަކަ ދައްކަވަމުން ގެންދިޔައެވެ. އެހެންނަމަވެސް، އެވާހަކަތަކުގެ އަވައިގައި ޖެހި، އެވާހަކަތައް ގަބޫލުކޮށްގެން ތިބޭކަށް ހުރިހާ ދިވެހި ރައްޔިތުން ބޭނުމެއް ނުވިއެވެ.

އައްޑޫ ސިޓީގައި ޕޮލިސް އެކަޑަމީއެއް ގާއިމްކުރުމުގެ ވާހަކަތަކާއި އެކު އަދި އެ މަންޒަރުތަކާއެކު އެންމެ ފުރަތަމަ އެކަމުގެ ކަންބޮޑުވުންތައް ހިއްސާކުރަން ފެށިއެވެ. އެހެންނަމަވެސް، މައްސަލަ ބޮޑު މައްސަލައަކަށް ވެގެންދިޔައީ އައްޑޫ ސިޓީގައި އިންޑިޔާގެ އަސްކަރީ ސިފައިން ހަރަކާތްތެރިވަމުންދިޔަކަމުގެ ތުހުމަތާއި އެކުގައެވެ. އަދި އެކަމަށް ބާރު ލިބިދޭ ކަންކަން އައްޑޫ ސިޓީއިންނާއި ރާއްޖޭގެ ބައެއް އެހެން ހިސާބުތަކުން ފެންނަމުން ދިޔުމާއެކުގައެވެ. އޭގެ ތެރޭގައި ހަނިމާދޫގައި އިންޑިޔާގެ ސިފައިން ހަރަކާތްތެރިވަމުންދިޔުމާއި، އައްޑޫގައި އިންޑިޔާގެ ކޮންސިޔުލޭޓެއް އެޅުމުގެ މަޝްވަރާތައް ކުރުމާއި، އެކި ހިލޭ އެހީތަކާއި ލޯނުތަކުގެ ތެރެއިން މާލީ ގޮތުންވެސް އިންޑިޔާގެ އަޅުވެތިކަމަށް ގޮސްފައިވާކަން ފާހަގަކޮށް އިންޑިޔާ އައުޓް ކެމްޕެއިން ފެށިގެންދިޔައެވެ.

އިންޑިޔާ ސިފައިންގެ އެހީއާއެކު ބަލަހައްޓަމުންދާ ޑޯނިޔާ މަތިންދާބޯޓުގެ ވާހަކަތައް ފެށިގެން އަންނަނީ 2010 ވަނަ އަހަރުތެރޭ އިންޑިޔާއާއި ރާއްޖެއާއި ދެމެދު ވެފައިވާ އެއްބަސްވުމަކާއި ހިސާބުންނެވެ. އެއެއްބަސްވުމުގެ ދަށުން ރާއްޖެ ގެނައި ހެލިކޮޕްޓަރު ދުއްވުމަށް،  ގިނަ އަދަދެއްގެ ސިފައިން ގެނެސްފައިވާއިރު، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންކަމުގެ ތެރެއިން އިންޑިޔާ ސިފައިން ފޭބުމަށާއި ހެލިކޮޕްޓަރު އަނބުރާ ގެންދިޔުމަށްވެސް އެންގިކަމަށް ބުނެއެވެ.

ރާއްޖެ ގެނައި ޑޯނިޔާ މަތިންދާބޯޓޫ

އެހެންނަމަވެސް، މި ސަރުކާރުން އަލުން އެއްބަސްވުން އާކޮށް، އިންޑިޔާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބަދަހިވާން ނުޖެހޭ މިންވަރަށް ބަދަހިވެގެން ދިޔުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ފަސޭހަކަމަކަށް ނުވިއެވެ. އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގެ އެކި ހިސާބުގައި ތިބިކަމަށް ތުހުމަތުކުކޮށް، އައްޑޫ ސިޓީގައި ގާއިމްކުރާ ޕޮލިސް އެކަޑަމީއަކީ މިލިޓަރީ ބޭސްއެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތުގެ އަސްލުކަމަށް ގިނަބަޔަކު ބުނަމުންދިޔައެވެ.

އިންޑިޔާ އައުޓް ކެމްޕެއިން ވައިގައި ހިފާ، ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވެ، އާންމުންގެ މެދުގައިވެސް އެކަމުގެ ކަނބޮޑުވުންތައް ހުސްވި އަހަރުތެރޭ ވަރަށް ބޮޑަށް އިތުރުވެގެންދިޔައެވެ. ސަރުކާރަށް ނުވަތަ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އާންމު މެމްބަރުންގެ ހިތްތަކުގައިވެސް މިކަމުގެ ޝާއްކު އުފެދި ކަންބޮޑުވުން ފާޅުކުރާ ހިސާބަށްގޮސް، މިކަމަށް ޑިފެންސް މިނިސްޓްރީއިން ޖަވާބުދާރީވާން ޖެހޭކަމަށް އެމްޑީޕީގެ މެމްބަރުން ގޮވާ ހިސާބަށް ދިޔައެވެ.

އިންޑިޔާއާއި ރާއްޖެއާއި ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުންތައް ހާމަކުރުމަށް ގޮވާލައި، އިންޑިޔާގެ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަކުރުމަށް އެތައް ބަޔަކު ގޮވާލަމުން ދިޔައެވެ. ސަރުކާރަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތިވެ، އެންމެ ފަހުން ހުސްވި އަހަރުގެ ސެޕްތެމްބަރު މަހުގެ 6 ވަނަ ދުވަހު ގައުމީ ދިފާއީ ބާރުން މީޑިޔާތަކާއި އާންމުންނާއި ބައްދަލުކުރިއެވެ.

އެދުވަހުގެ ބައްދަލުވުމުގައި ދިފާއީ ބާރުން ފާހަގަކުރީ މައިގަނޑު ދެކަމެކެވެ. އެއް ކަމަކީ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިން ރާއްޖޭގައި ނެތްކަމެވެ. އަނެއް ކަމަކީ ޑޯނިޔާ މަތިންދާބޯޓު ދުއްވަން އެނގޭވަރުގެ ދިވެހިންތަކެއް ނެތްކަމެވެ. އެއިން މީހެއްގެ މުސާރައަށް މަހަކު 80،000 ރުފިޔާ އަރާނެކަމަށާއި އެހެންކަމުން، އެހެން ދާއިރާތަކުގެ މަސައްކަތް ކުރާ މީހުންގެ މުސާރައާއި އަޅާ ކިޔައި މައްސަލަތަކެއް ދިމާވެދާނެކަމަށް ބެލެވޭކަމަށް ދިފާއީ ބާރު ހާމަކުރިއެވެ. އެހެންނަމަވެސް،  ދިވެހި ޕައިލެޓުން ޑޯނިޔާ މަތިންދާބޯޓު ދުއްވުމަށްޓަކައި ތަމްރީން ކުރާނެކަމަށް އެދުވަހު ދިފާއީ ބާރުން ހާމަކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކަން ހާމަކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސް މިހާރުވެފައިވާއިރު، ދިވެހި ޕައިލެޓުން މިކަމަށް ތަމްރީންކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތެއް އެނގޭކަށް ނެތެވެ. އެހެންނަމަވެސް، އެމްއެންޑީއެފްގެ ޕައިލެޓުން މިކަމަށް ތައްޔާރުކުރެވިފައިވާ ކަމަށާއި މިހާރު ކުރަމުންދަނީ އިދާރާ ކަންކަންކަމަށް މިހަފްތާގެ ތެރޭގައި ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް، މިތައްޔާރީތަކަށްފަހު އިންޑިޔާ ސިފައިން ރާއްޖެއިން ފައިބާނެތޯ ނުވަތަ ނޫންތޯ އެއީ އަދިވެސް އެއްވެސް ބަޔަކަށް ޔަގީންވެފައި ނެތްކަމެކެވެ.

މިއެއްބަސްވުން ހާމަކޮށްދިނުމަށް އެދި ބައެއް މީޑިޔާތަކުންނާއި ބައެއް އާންމުންވެގެން ތަފާތު އެކި މަސައްކަތްކޮށް، އިންފޮމޭޝަން ކޮމިޝަންގެ އޮފީހާއި ހަމައަށް މައްސަލަ ގެންގޮސްފައިވާއިރު، އެހުރިހާ ކަމެއްގައި ކުރި ލިބިފައިވަނީ ޑިފެންސް މިނިސްޓްރީއަށެވެ. އިންޑިޔާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމާއި، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިންގެ އަދަދު ހާމަކުރުމަކީ ރާއްޖޭގެ ސަލާމަތަށާއި އިންޑިޔާއާއި ރާއްޖޭގެ ގުޅުމަށް ބުރޫ އަރާނެ ކަންކަމުގެ ގޮތުގައި ޑިފެންސް މިނިސްޓްރީއިންނާއި ދިފާއީ ބާރުން ފާހަގަކުރެއެވެ.

އެހެންނަމަވެސް، އެއްބަސްވުން ކަމަށް ބެލެވޭ ލިޔުންތަކެއް އާންމުވެފައިވާއިރު، އެލިޔުންތަކުގައިވެސް ވަނީ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ހަރަކާތްތެރިވާ އެންމެހާ އިންޑިއާ ފަރާތްތަކުގެ އެންމެ އިސް މީހަކީ އިންޑިއަން ކޯސްޓް ގާޑުން ހަމަޖައްސާފައި ހުންނަ ކޮންޓިންޖެންޓު ކޮމާންޑަރު ކަމަށެވެ. އަދި ކޮމާންޑަރު ޖަވާބުދާރީ ވާންޖެހޭނީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރަށް ކަމަށް އެލިޔުންތަކުގައިވެއެވެ.

ވީއައިއޭއަށްޖެއްސި “ސުޕަޖަމްބޯ ޖެޓް”، މިބޯޓުވެސް ދުއްވާފައިވަނީ ދިވެއްސެއް

ދިވެހިންނަށް ނުކުރެވޭނެ ވަރުގެ މަސައްކަތެއް ނެތްކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ހަނދާނަށް އަންނަނީ 2018 ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭގެ މަސައްކަތް ނިންމާލައި، އެންމެ ފުރަތަމަ އެރަންވޭއަށް ޖެއްސި ބޯޓު ދުއްވަން އިނީވެސް ދިވެއްސެކެވެ. އެއީ ދުނިޔޭގައި އުފައްދާ އެންމެ ބޮޑު މަތިންދާ ބޯޓު އޭ-380 މަރުކާގެ މަތިންދާބޯޓެކެވެ. މިނޫނަސް ދިވެހިންގެ ތެރޭގައިވެސް ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން ގާބިލް، ކުޅަދާނަ އެތައް ބަޔަކު ތިބިއިރު، ޑޯނިޔާ މަތިންދާބޯޓާއި ހަމައިން މައްސަލަ ޖެހެންވީ ކީއްވެތޯ ސުވާލުއުފެދެއެވެ. އެއް ކަމެއް މިހާތަނަށް އައިއިރު ސާފުވެއްޖެއެވެ. އިންޑިޔާ ސިފައިން މިގައުމުގައި ތިބުމަކީ މިސަރުކާރަށް މާބޮޑު ކަމެއް ނޫންކަމެވެ. އަދި ރައްޔިތުން  ކިތަންމެ ބޭނުންވިޔަސް، މިސަރުކާރުން އެކަން ނުކުރާނެކަމަކީވެސް ޔަގީންކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: