ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުން މަގާމުން ވަކިކުރިއިރު، ޕޮލިސް ބޯޑަށް ނުފޫޒެއް ފޯރާފައިނުވާނެ: އިމްރާން

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުން މަގާމުން ވަކިކުރަން ނިންމި ނިންމުމުގައި، ހޯމް މިނިސްޓަރުގެ ހައިސިއްޔަތުން އެއްވެސް ނުފޫޒެއް ޕޮލިސް ބޯޑަށް ފޯރުވާފައިނުވާނެކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުން މަގާމުން ވަކިކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ފޯރާފައިވާނެތޯ މިނިސްޓަރ އިމްރާނާއި ސުވާލުކުރެއްވުމަށް ވަނީ އެޖެންޑާކުރެވިފައެވެ. ސުވާލުކުރައްވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމްދު ޝިޔާމެވެ.

މެމްބަރު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ، މައްސަލަތައް ހުށައެޅިފައިވާ ފުލުހުންނާއިމެދު ގޮތެއް ކަނޑައެޅުމަށް ކުރާ މަސައްކަތުގައި ގާނޫނީގޮތުން އެއްވެސް ޒިންމާއެއް ހޯމް މިނިސްޓަރާއި ހަވާލުކުރެވިފައިނުވާ ކަމަށެވެ. އެެހެންކަމުން ޕޮލިސް ބޯޑުން މުވައްޒަފުން ވަކިކުރުމުގައި އެބޭފުޅާގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ. އެމަސައްކަތް ނިންމެވުމަށްފަހު، އޭގެ ނަތީޖާވެސް ހިއްސާކޮށްފައިނުވާ ކަމަށާއި އެމަސައްކަތް ކުރިއަށްގެންދެވިފައިވަނީ ގާނޫނުގައިވާ ގޮތުގެމަތިންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެމަސައްކަތަށް އެއްވެސް އެހެން ސިޔާސީ ބޭފުޅެއްގެ ނުފޫޒު ފޯރާފައިވާކަމުގެ ޝަކުވާވެސް ލިބިފައިނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“އެހެންކަމުން، މިމަސައްކަތް އެބޭފުޅުން ކުރައްވާފައި އެވަނީ ގާނޫނުގައިވާ ގޮތުގެ މަތިން. އެބޭފުޅުން އެމުއްދަތުގައި ވަނީ މަސައްކަތް ކުރައްވައި ނިންމަވާފައި” މިނިސްޓަރ އިމްރާން

އެހެންނަމަވެސް، މަސައްކަތް ނިންމުމަށް ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމުމަށް ދަތިކަމެއް ހުރިކަމަށް ޕޮލިސް ބޯޑަށް ގަބޫލުކުރެވުމުގެ ސަބަބުން އެވާހަކަ ހިއްސާކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން، މިނިސްޓަރުގެ ހައިސިއްޔަތުން އެމަސައްކަތް ވަގުތައް ނިންމުމަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން މިނިސްޓަރުގެ ހައިސިއްޔަތުން ދީފައިވާނެކަމަށް މިނިސްޓަރ ވިދާޅުވިިއެވެ. އެނޫން އެހެން އެއްވެސް ކަމެއްގައި ވަކި ގޮތަކަށް ކަމެއް ނިންމުމަށް، ނުވަތަ ވަކި ގޮތަކަށް ކަމެއް ނުނިންމުމަށްވެސް އަންގާފައިނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ދެއްވި ޖަވާބާއި މެދު ހިތްހަމަޖެހިވަޑައިނުގަތުމުގެ ސަބަބުން މެމްބަރު ޝިޔާމް ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި، މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ. އަދި ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އޭގެ ތެރެއިން ބައެއް ފުލުހުން އަމިއްލައަށް އިސްތިއުފާދެއްވުމަށް މިނިސްޓަރު އެދިވަޑައިގަނެފައިވާނެތޯ ސުވާލުކުރެއްވުމުން މިނިސްޓަރ ވަނީ އެއްވެސް ބޭފުޅަކަށް އިންޒާރު ދެއްވާފައިނުވާނެކަމަށް ވިދާޅުވެފައެވެ.

ޕޮލިސް ބޯޑު އެކުލަވާލާފައިވަނީ މިއަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. ޕޮލިސް ބޯޑަށް މަތިކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް ފިޔަވައި ސުޕްރިޓެންޑެންޓް އޮފި ޕޮލިސްއިން ފެށިގެން މަތީ ރޭންކުތަކުގެ ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން، ލިބިފައިވާ ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމުގެ ޝަކުވާ ހުށައެޅިފައިތިބި އޮފިސަރުންނާއި މެދު ޕޮލިސް ބޯޑުން ގޮތެއް ކަނޑައެޅުން ހިމެނެއެވެ. ފުލުހުންގެ ހިދުމަތް އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޕޮލިސް ބޯޑު އެކުލަވާލައި، ހަތް އޮފިސަރަކު ވަކިކުރުމަށް ބޯޑުން މިހާރު ވަނީ ނިންމާފައެވެ.

ޕޮލިސް ބޯޑުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ދެބޭފުޅުންނާއި، ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ. އެހެންކަމުން ޕޮލިސް ބޯޑުގައި ސިޔާސީ ނުފޫޒު އޮތްކަމަށް ބުނެ އިދިކޮޅުން މީގެ ކުރިންވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: