ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއާޕޯޓު ހިންގޭނެ ކެޕޭސިޓީ އެބަހުރިކަން ރައީސް ޔާމީން ދެއްކެވި: އާދަމް ޝަރީފް

ޕީއެންސީ ނައިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބޭރުގެ ބަޔަކަށް ނުދީ ހިންގޭނެ ކެޕޭސިޓީ އެބަހުރިކަން ރައީސް އަބްދުﷲ ޔާމީން ދައްކުވާފައިވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓު ނެގުމަށް ދިވެހިން ބޮޑު ގުރުބާނީއެއް ވެފައިވާކަމަށެވެ. އެކަމަށް ބޮޑު ހަރަދެއް ހިނގިކަން ފާހަގަކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ބޮޑު ހަރަދަކާއިއެކުވެސް އެކަން ކުރަންޖެހުނީ އެކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބޭނެ މަންފާއަކާއިމެދު އެއްވެސް ވަރަކަށް ވިސްނާފައި ނެތުމުންކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ބޭރުގެ ބަޔަކަށް ނުދީވެސް އެއާޕޯޓު ހިންގޭނެވަރުގެ ކެޕޭސިޓީ ހުރިކަން ފަސް އަހަރު ދުވަހުގެ ތެރޭ އެއާޕޯޓަށް ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީއިން ފެންނަކަމަށެވެ. އެގޮތުން ކުރު މުއްދަތެއްގެ ތެރޭގައި މުޅި އެއާޕޯޓު އެއްކޮށް ބަދަލުކޮށްލާފައިވާ ކަމަށާއި އެއާޕޯޓު އާންމުންނަށް ފެންނަހުރި ގޮތްވެސް ރައީސް ޔާމީންގެ ވެރިކަމުގައި ބަދަލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ.

“ވަރަށް ބޮޑެތި ވިޝަނަރީ ޕްލޭންތަކާއެކީ ރައީސް ޔާމީން މަސައްކަތް ފެއްޓެވީ. ބޮޑެތި ކުރިއެރުންތައްވެސް ގެނައި” އާދަމް ޝަރީފް

ޖީއެމްއާރު އަތުން އެއާޕޯޓު ނަގަން ޖެހުނު ސަބަބުތަކަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ ޖީއެމްއާރްއިން އެއާޕޯޓު ހިންގަމުންދިޔައިރު، އެއާޕޯޓުގެ އެތެރޭގައި ހުރި ހުރިހާ ވިޔަފާރީގެ ފުރުސަތުތައް ދިވެހިންނަށް ގެއްލިގެން ދިޔަ ކަމަށެވެ. އެއާޕޯޓުގެތެރޭގައި ހިންގެން ހުރި ހުރިހާ ކުދި ވިޔަފާރިތަކެއްގެ ފުރުސަތުތައް ބޭރު މީހުންނަށް ދިނުމުން، އެކަމުގެ ހުރިހާ ނަފާއެއް ލިބޭނީ ބޭރު ގައުމުތަކަށް ކަމަށާއި ދިވެހިންނަށް އެކަމުގެ ސަބަބުން އެއްވެސް ފައިދާއެއް ނުވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިފަދަ ގެއްލުންތައް ހުރުމުގެ އިތުރަށް ތެލުގެ އަގުބޮޑުކުރުމުންވެސް، އެތައް ގެއްލުންތަކެއް ވެގެންދިޔަކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އެގޮތުން، އެއާޕޯޓު ހިންގުން ޖީއެމްއާރްއާއި ހަވާލުކުރުމުން ފަތުރުވެރިން ޒިޔާރަތްކުރި އަދަދުވެސް ދަށްވެގެންދިޔަ ކަމަށް ވިދާޅުވިއެވެ. ތެލުގެ އަގު މަތިކުރުމާއި، ޓިކެޓުގެ އަގުބޮޑުވެގެން ދިޔުމުގެ ސަބަބުން ބޭރުން އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެންދިޔަކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޖީއެމްއާރު އަތުން އެއާޕޯޓު އަތުލަން ދިވެހިން ނުކުތް މައިގަނޑު ސަބަބަކީވެސް އެފަދަ ކަންކަމުގެ ސަބަބުން ލިބުނު ގެއްލުންތައް އިތުރުވެގެންދިޔުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަރުކާރުގެ ބައެއް އިސްވެރިން ޖީއެމްއާރަށް އެއާޕޯޓު ހަވާލުކުރުމުގެ ވާހަކަތައް އަލުން ދައްކަން ފެށި ސަބަބަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވިދާޅުވީ، ޖީއެމްއާރުގެ ދަށަށް އެއާޕޯޓު ދިޔުމަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ނުރައްކާކުރާނެ ކަމެއްކަމަށެވެ. އަދި ޖީއެމްްއާރަށް އެއާޕޯޓު ދިނުމާއިވެސް ގުޅިފައިވަނީ އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބޭތިއްބުމާއިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުވެސް އިންޑިޔާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބޭތިއްބުމަކީ މުހިންމުކަމެއް ފާހަގަކުރެއްވުމުން، އެއާޕޯޓު ބެލެހެއްޓުން ޖީއެމްއާރްއާއި ހަވާލުކުރެވިފައިވާނަމަ އެކަން ފަސޭހަވެގެންދާނެކަމަށް އިންޑިޔާ ސަރުކާރުން މީގެ ކުރިންވެސް ބުނެފައިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. މިކަންކަމުންވެސް ދޭހަވެގެންދަނީ، އެއާޕޯޓު ހިންގުން ޖީއެމްއާރާއި ހަވާލުކުރެވިފައި އޮތްނަމަ، ރާއްޖޭގެ ސިޔާދަތީ ބާރުތައް އެއްކޮށް ގެއްލިފައިވާނެކަންކަމަށެވެ. އަދި ރާއްޖެ ހިފަން ބޭނުންވާ ބަޔަކަށް އެފުރުސަތު އޮންނާނީ ވަރަށް ބޮޑަށް ފަހިކޮށްދެވިފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ވައިގެ ދޮރުތައް ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކިހާ ނުރައްކާތެރިކަމެއްކަން މިސަރުކާރުން ވިސްނާފައިނުވާ ކަމަށާއި، ވައިގެ އުދުހުންތައް ބެލެހެއްޓުމުގެ ބާރު ދިވެހިންގެ އަތުން ގެއްލިއްޖެކަމުގައިވާނަމަ އެކަމަކީ ވަރަށް ނުރައްކާތެރިކަމަކަށް ވެގެންދާނެކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. ދާދިފަހުން އެއާޕޯޓުތައް ބެލެހެއްޓުން 100 އިންސައްތަ ބޭރުގެ ކުންފުނިތަކާއި ހަވާލުކުރެވިދާނެކަމަށް ކަނޑައަޅައި ގެޒެޓްކުރި އިސްލާހަކީވެސް މިކަމަށް ބާރުދޭ ކަންކަން ކަމަށާއި އެއިސްލާހަށް އެމްޑީޕީ މެމްބަރުންވެސް ފާޑުވިދާޅުވެފައިވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އެއީ އޮޅުމެއްކަމަށް ސަރުކާރުން ފާހަގަކުރި ކަމުގައިވިޔަސް، މިފަދަ ނިންމުންތަކަކީ އޮޅުމަކުން ނިންމޭނެ ކަންކަން ނޫންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާއި ގުޅޭގޮތުން މިވަގުތު ފެށިފައިވާ ބަހުސްގައި އިދކޮޅު މެމްބަރުން ރައީސް ނަޝީދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާއިރު، ރައީސް ނަޝީދުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ފާތިމަތު ޒުލްފާ ވަނީ ޖީއެމްއާރްއަށް އެއާޕޯޓު ހަވާލުކުރީ ރައީސް ނަޝީދުގެ ސަރުކާރުން ހޯދުމަށް ބޭނުންވި 78 މިލިއަން ޑޮލަރު ހޯދުމަށްކަމަށް ވިދާޅުވެފައެވެ. މައްސަލާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާންމުކުރެއްވި ބަޔާނުގައި ވަނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ ތަރައްގީއަށް އެޅިފައިވާ އެންމެ ބޮޑު ހުރަސްކަމަށް ވިދާޅުވެފައެވެ. އެގޮތުން އާބިޓްރޭޝަނަށް 270 މިލިޔަން ޑޮލަރު ދައްކަން ޖެހުމުގެ އިތުރަށް އެއާޕޯޓުގެ މަސައްކަތް ނުނިމި 7 އަހަރުވެގެން މިދަނީވެސް ޖީއެމްއާރުއަތުން އެއާޕޯޓު އަތުލުމުންކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: