ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިނޭގެ ކުށް ސާބިތުކުރުމަށް ޑީއެންއޭ ހެކި ބަލައިގަނެވޭ: ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒިނޭގެ ކުށް ސާބިތު ކުރުމަށް ހުށަހަޅާ ޑީއެންއޭ ހެއްކަށް ބާރުދެނިވި އިތުރު ހެއްކާއި ގަރީނާ ހުރިނަމަ އެ މީހެއްގެ މައްޗަށް ކުށް ސާބިތު ކުރެވިދާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.

މިއީ ޒިނޭކޮށްގެން ލިބުނު ކުއްޖަކުގެ ބައްޕައަކީ ކާކުކަން ސާބިތުކުރަން ޑީއެންއޭ ކޯޓަށް ބަލައި ނުގަނެވޭނެ ކަމަށާއި އަދި ޒިނޭކޮށްގެން ލިބޭ ކުއްޖަކުގެ ޑީއެންއޭ މީހަކާއި ދިމާވި ނަމަވެސް އެއީ އެމީހަކު ޒިނޭކުރިކަން ސާބިތު ކުރެވޭނެ ހެއްކެއް ނޫންކަމަށް އިސްލާމީ ޝަރީޢަތާއި ހަވާލާދީ ހައިކޯޓުން ހުކުމްކުރި މައްސަލައެކެވެ.

2016 ވަނަ ވަނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އުތުރުގެ ހޮސްޕިޓަލެއްގައި ވިހެއި ކުއްޖެއް އެއީ ބަދުއަހުލާގީ އަމަލު ހިނގައި ޒިނޭކުރުމުގެ ސަބަބުން ލިބުނު ކުއްޖެއްކަމާއި، އެ ކުއްޖާގެ ޑީއެންއޭ އެ އަންހެން މީހާ ބަދުއަހުލާގީ އަމަލު ހިންގިކަމަށް އެއްބަސްވާ ފިރިހެން މީހާ އާއި ދިމާވާކަމަށް ބުނާ މައްސަލައެކެވެ. އެހެން ނަމަވެސް އެ މައްސަލައިގައި ކޯޓުގައި ދައުވާކުރުމުން ހދ. ކުޑަހުވަދޫ މެޖިސްޓްރޭޓު ކޯޓުން ހުކުމްކޮށްފައިވަނީ ފިރިހެންމީހާގެ މައްޗަށް އުފުލި ޒިނޭގެ ދައުވާ ސާބިތު ނުވާ ކަމަށެވެ.

އެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަށް ތާއީދުކުރީ އެވެ.

ދައުލަތުން އުފުލި ދައުވާގެ އަސާސް ބިނާވެގެން ވަނީ، އަންހެން މީހާ ވިހެއި ކުއްޖާ އަކީ އެ މީހާ އާއި އެކު ޒިނޭ ކުރުމުން ލިބިފައިވާ ކުއްޖެއްކަމަށް އޭނާ ބުނާ ބުނުމެއްގެ މައްޗަށް ކަމަށާއި، ކުއްޖާގެ ޑީއެންއޭ ދައުވާ އުފުލި ފިރިހެން މީހާގެ ޑީއެންއޭއާއި ދިމާވާތީ އެ އަސާސްގެ މައްޗަށެވެ.

އިސްލާމީ ޝަރީއާގައި، މައްސަލައެއް ސާބިތު ކުރުމުގައި ހެކި ބަސް ހިމެނޭއިރު، ހައިކޯޓުން ބުނެފައިވަނީ ޒިނޭ ކުރިކަން ޝަރީއަތަށް ދެ ގޮތަކުން ސާބިތު ކުރެވޭނެ ކަމަށެވެ. އެއީ ޒިނޭ ކުރި މީހާގެ އިއުތިރާފު ނުވަތަ އިއުތިރާފުންނާއި، މަދުވެގެން ހަތަރު ފިރިހެނުންގެ ހެކި ބަހެވެ.

މި މައްސަލައިގައި ފިރިހެން މީހާ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިންކާރު ކުރެއެވެ. އަދި އެކަން ފާހަގަކޮށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޒިނޭގެ ދައުވާ ސާބިތު ކުރުމުގެ ގޮތުން ހަތަރު ފިރިހެނުން ހެކީންގެ ގޮތުގައި ހުށަހަޅާފައި ނުވާ ކަމަށާއި، އަންހެން މީހާ ޒިނޭ ކުރިކަމަށް ވާ އިއުތިރާފަކީ އަމިއްލަ ނަފުސުގެ މައްޗަށް އިއުތިރާފުވެ، ދީފައިވާ ހެކި ބަހެއް ކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އިސްލާމީ ޝަރީޢަތުގައި ޑީއެންއޭ އެއްވެސް މައްސަލައެއްގެ ހުއްޖަތެއް ނުވަތަ ގަރީނާއެއްގެ ގޮތުގައި ބޭނުން ކުރެވޭނީ އޭގައި ޝަރުއީ ގޮތުން މުހިންމު ޝަރުތުތަކެއް ފުރިހަމަވެގެން ކަމުގައި މުސްލިމު ފިގުހުވެރިން ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ޑީއެންއޭ ތަހުލީލުގެ ނަތީޖާ ކީރިތި ގުރުއާނާއި ނަބިއްޔާގެ ސުންނަތުގެ އަސްލަކާ ކަނޑައެޅިގެން ހިލާފުވެގެން ނުވާނެ ކަމަށެވެ. އެއީ ޝަރުއީ ނުސޫސްތައް އިހުމާލުވެގެން ހިގައިދާނެތީ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައި ވެއެވެ.

ދައުލަތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އިއްވި ހުކުމުގައި ބުނީ، ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ނ) ގެ ދަށޔބް ޒިނޭ ކުރުމުގެ ކުށުގެ ދައުވާ ކުރި ގޮތަކީ ގާނޫނީ ގޮތުން، ސުވާލު އުފެދޭކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ހެއްކަކީ އެއަށް ބާރު ދެނެވި އިތުރު ގަރީނާ ހުރިނަމަ ކުށް ސާބިތު ކުރުމަށް ބަލައިގަންނަން ޖެހޭ ހެއްކެއް ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ ފިރިހެން މީހާގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޑީއެންއޭ ހެއްކަކީއެއަށް ބާރު ދެނަވި ހަރުދަނާ ގަރީނާ ހުރިނަމަ ބަލައިގަންނަން ޖެހޭ، ހެއްކެއްކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ މި ރައުޔަށް ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު ވަނީ ތާއީދު ކުރައްވާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: