ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2023ގައި އެމްޑީޕީގެ ކެންޑިޑޭޓަކީ އަބްދުﷲ ޝާހިދުކަމަށް ބެލެވޭ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ 2023ގެ ރިޔާސީ އިންތިހާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)އިން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ އަބްދުﷲ ޝާހިދުކަމަށް ބެލެވޭކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ބިލު ޚާރިޖީ ކޮމެޓީއިން ދިރާސާކޮށް ނިންމިގޮތުގެ ކޮމެޓީ ރިޕޯޓަށް ބަހުސްކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި، އާދަމް ޝަރީފް އުމަރު ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ރާއްޖޭގައި މިވަގުތުހުރި އެންމެ ވަރުގަދަ ސިޔާސީ ބޭފުޅަކީ އަބްދުﷲ ޝާހިދު ކަމަށެވެ. ރާއްޖޭގައި އެތައް ވުޒާރާތަކާއި އިދާރާތައް ހުރިއިރު އަދި އެމްޑީޕީފަދަ ބޮޑު ޕާޓީއެއްގައި އެތައް މެމްބަރުންނެއް ތިއްބެވިއިރު، އަބްދު ޝާހިދުފަދަ ނުފޫޒުގަދަ އެހެން ބޭފުޅެއް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ޝާހިދަކީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވައިގެންވެސް ބޭނުންވާ މަގްސަދު ހާސިލްކުރާ ބޭފުޅެއްގެ ގޮތުގައި އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ޝާހިދު ހޯއްދަވާ ކާމިޔާބީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މިއަދު އދގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ޝާހިދަށް ލިބިވަޑައިގަތީވެސް ޝާހިދުގެ ކުޅަދާނަކަމުންކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިސަރަހައްދުގެ ގައުމުތަކާއި އަދި އެނޫންވެސް ގައުމުތަކާއިއެކު ހަދާފައިވާ ޑީލްއެއްގެ ތެރެއިންވިޔަސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ 65 މެމްބަރުންނަށް ކޮންމެ ގޮތަކަށް ކަންކަން ވިސްނައިދީގެންވިޔަސް، ޝާހިދު ވަރުގަދަ ސިޔާސީ ބޭފުޅަކަށް މިއަދު ވެފައިވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

“ފެންނަ މަންޒަރުތަކަށް ބަލާއިރު، ޝާހިދަކީ 2023ގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށްވެސް ވެދާނެ” އާދަމް ޝަރީފް

މީގެ އިތުރުން، އާދަމް ޝަރީފް ވަނީ ފޮރިން މިނިސްޓްރީ މިވަގުތު ހިންގަމުންދާ އުސޫލުތަކަށް ފާޑުވިދާޅުވެފައެވެ. އެގޮތުން، ފޮރިން މިނިސްޓަރު ރާއްޖެއިން ބޭރުގައި ހުންނަވާއިރު ވުޒާރާ ބެލެހެއްޓުން އެއްވެސް ވަޒީރަކާއި ހަވާލުކުރައްވާފައިނުވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ހުސްވި ހަފްތާގައި އޮސްޓްރޭލިޔާގެ ޓްރޭޑް މިނިސްޓަރު ވަޑައިގެންނެވުމުން، އެބޭފުޅާއާއި ބައްދަލުކުރައްވާފައިވަނީވެސް، މިނިސްޓްރީ ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓްރީގެ ބޭފުޅެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއީ ދައުލަތުގެ ވުޒާރާތައް ހިންގެވުމުގައި ދުވަހަކު އަމަލުކުރައްވާފައިވާ ގޮތެއް ނޫންކަމަށާއި ވަޒީރަކު ނެތިއްޖެ ހާލަތުގައި ވުޒާރާ ވަގުތީގޮތުން ހިންގުމަށް އެހެން ވަޒީރަކާއި އަބަދުވެސް ހަވާލުކުރައްވާކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.

ކޮމެޓީއިން ދިރާސާކޮށް މިހާރު ތަޅުމުގައި އޮތް ފޮރިން ސާވިސްގެ ބިލަކީ މިސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެމްބަރުން ހައްދަވާ ގޯހެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި މިބިލަކީ އަމިއްލަ ލޮލަށް ހެރޭނެ އިލޮށްޓެއްގެ ގޮތުގައި އާދަމް ޝަރީފް ސިފަކުރެއްވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލޮލަށް މިއިލޮށި ހެރޭނެކަަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމަކަށްވާއިރު، މިބިލާއި އެކީގައި ރާއްޖޭގައި އޮތް ޔުނިޓަރީ ދައުލަތެއްގެ ސިފަ ގެއްލިގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ފޮރިން ސާވިސްގެ ބިލާއިއެކީ މުޅި ޚާރިޖީ ސިޔާސަތުގެ އިހްތިސާސް ވަކިކޮށް، މިނިސްޓަރަށް ވަކިން ބޮޑެތި ބާރުތަކެއް ދިނުމަކީ ރައީސް ސޯލިހު ހައްދަވާ ބޮޑު ގޯހެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ. އަދި މިބިލާއިއެކީ ފޮރިން މިނިސްޓަރަށް ދިނުމަށް ނިންމާފައިވާ ބާރުތަކަކީ ރާއްޖޭގެ ގާނޫނު އަސާސީއިން އޭގެ ޒާތުގައި ތަންދޭ ކަމެއްނޫންކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު ފެނިގެންމިދަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އެހެން ވަޒީފާއެއް އަދާކުރައްވާ ބޭފުޅަކު، ރައީސުލްޖުމްހޫރިއްޔާއަށް ވުރެވެސް މަތިން ކަންކަން ހިންގުމަށްޓަކައި އެބޭފުޅާގެ ކުޅަދާނަކަން ބޭނުންކުރަމުންގެންދާ މަންޒަރުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފޮރިން ސާވިސްގެ ބިލަށް އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންދާއިރު، ފޮރިން ސާވިސްގެ ބިލަކީ ރާއްޖޭގެ ޚާރިޖީ ކަންކަން އިތުރު ހަރުފަތަކަށް ކުރިއަށް ގެންދިޔުމަށް އެހީވާނެ ބިލެއްގެ ގޮތުގައި ފޮރިން މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: