ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެންނަށް ރައްކާތެރި، ހަމަހަމަ މުސްތަބަގްލެއް ހޯދަން މަސައްކަތްކުރަންޖެހޭ: ރައީސް

"ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ"ގެ ނަމުގައި އދ.ގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންމެންނަށްވެސް ދެމެހެއްޓެނިވި، ރައްކާތެރި، ހަމަހަމަ މުސްތަޤްބަލެއް ހޯދުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މަގު ޗާޓެއް އެކުލަވާލަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މަތީ ފަންތީގެ ބޭފުޅުންނަށް އަމާޒުކޮށްގެން “ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ”ގެ ނަމުގައި އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް، ޢަބްދުﷲ ޝާހިދު އިސްނަންގަވައިގެން ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މޫސުމަށް އަންނަ ކުއްލި ބަދަލުތަކުގެ ތެރެއިން ބޯކޮށް ވާރޭވެހި، ޖަންގަލިތަކުގައި ރޯވުން ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ނޭދެވޭ އަސަރުތައް ހުރިހާ ޤައުމަކަށްވެސް ކުރާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި މިހުރިހާ ގެއްލުމެއްގެ ސަބަބުން އަންނަނީ 1.1 ގެ ހޫނުމިނެއްކަން ފާހަގަކުރައްވާ އެއީ މިއަދު ކުދި ޖަޒީރާ ގައުމުތަކުގެ ހާލަތު ކަމުގައި ވިޔަސް އެކަން މާދަމާ ވާނީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޙާލަތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ވަނީ ހުރިހާ ޤައުމަކުންވެސް “ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން” (އެން.ޑީ.ސީ) އަށް އިންގިލާބީ ބަދަލެއް ގެނެސް، މީހުން ދުނިޔޭގައި ދިރިއުޅުމަށް އެކަށީގެންވާ އެންމެ ރަނގަޅު ސިނޭރިއޯ ގޮތުގައި ބަޔާންކުރާ ހޫނުމިންކަމުގައިވާ 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އިތުރަށް ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޖަލްސާއިންނާއި، ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްއިންނާއި އަދި ކުރިއަށް އޮތް ޖީ-20 ގެ ބައްދަލުވުންމުން މުޅި ދުނިޔެ ގުޅިގެން ދުނިޔޭގެ ފެންވަރެއްގައި މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

އަދި ބޭނުންވަނީ ބޮޑެތި އިގްތިސާދުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރާ މިންވަރު މަދުކުރުމަށް ގަދައަޅައި މަސައްކަތްކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. ހަމައެއާއެކު ގެއްލުން ކުޑަކުރުމަށްކުރާ މަސައްކަތަކީ ހަމައެކަނި ކުރިމަތިވާ ކަންބޮޑުވުންތަކުގެ ދެބައިކުޅަ އެއްބައިކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ހުރިހާ ޤައުމަކުން އެއްބައިވެގެން މަސައްކަތްކުރުމަށް ބާރުއަޅުއްވައި، ރައީސުލްޖުމްހުރިއްޔާ ވަނީ 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ޙާޞިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަގްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކޮވިޑް-19 ގެ ސަބަބުންނާއި، އެހެނިހެން ސަބަބުތަކާއި ހުރެ ކުދި ގައުމުތަކަށް ކުރިއަށްދިއުމަށް އުނދަގޫތަކެއް ހުރިކަން ފާހަގަކުރައްވާ އެހެން ޤައުމުތަކުން އެހީތެރިވުމަށް ބާރުއަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، އެމަނިކުފާނު ވަނީ 76 ވަނަ ޔޫ.އެން.ޖީ.އޭ އަށް ދިވެހި ކުޑަކުދިން ފޮނުވާފައިވާ ސިޓީތަކުގައި ލިޔެފައިވާ “ އެކުދިންގެ ތިމާވެށި އަންނަން އޮތް ޖީލަށް ރައްކާތެރިކޮށްދިނުމަށް” އެދި ލިޔެފައިވާ ވާހަކަ ތަކުރާރުކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިއަދުގެ ޒުވާނުންނާއި އަންނަން އޮތް ޖީލު އެދޭގޮތަށް ދުޅަހެޔޮ، ދެމެހެއްޓެނިވި އަދި ފާގަތި މުސްތަޤްބަލެއް ކަށަވަރުކޮށްދިނުމަށް ބާރުއަޅުއްވާފައެވެ.

“ޑެލިވަރިންގ ކްލައިމެޓް އެކްޝަން – ފޮރ ޕީޕަލް، ޕްލެނެޓް އެންޑް ޕްރޮސްޕެރިޓީ” މަތީފަންތީގެ ބައްދަލުވުން އަމާޒުކޮށްފައިވަނީ 1.5 ޑިގްރީގެ އަމާޒަށް ވާސިލުވުމަށް މިހާރު އަދި ބޭނުންވާ ފަންނީ އަދި މާލީ ފަރަގު ފޫބެއްދޭނީ ކިހިނެތްތޯ ބެލުމަށެވެ. މި ހައިބްރިޑް މީޓިންގގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކަށް އެއްފަހަރާ ފިޔަވަޅު އަޅައި އަދި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް ކުޑަކުރުމަށް މަސައްކަތްކުރެވޭނެ އެންމެ ރަނގަޅުގޮތް ދެއްކުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: