ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު ތައާރަފް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސިފައިންގެ އަސްކަރީ އަދުލުގެ ނިޒާމު ތައާރަފް ކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އަލަށް އެކުލަވައިލެވުނު ސިފައިންގެ އަސްކަރީ ޢަދުލުގެ ނިޒާމް އިފްތިތާޙުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ ކުރިން، ސިފައިންގޭގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެ، މުޅި މުއައްސަސާ އޮތީ ގަޑުބަޑުވެފައިކަމަށެވެ.

ދައުލަތުން އެތައް ޚަރަދުކޮށްގެން، ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަމްރީނުކޮށް، ތައްޔާރުކޮށްފައި ތިބި ބައެއް ސިފައިން، ނެޗުރަލް ޖަސްޓިސް ޕްރިންސިޕަލްސްއާ ޚިލާފަށް ވަޒީފާއިން ވަކިކޮށް، ސިފައިން ސިޔާސީ ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމުގެ ނަތީޖާއަކަށްވީ، ސިފައިންގެ ސަފުތަކުގެ ބަދަހިކަން ގެއްލި، އާންމުންގެ ކުރިމަތީގައި ސިފައިންގެ އަގުވެއްޓުންކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. އަދި ކަމަށް ޤާބިލް، ކިޔަވައިގެން ތިބި ސޯލްޖަރުން ޤައުމުގެ ދިފާޢީ ބާރުން ވަކިވެގެންދާންޖެހުމަކީ ހަމައެކަނި ސޯލްޖަރުންނަށް ލިބޭ ނިކަމެތިކަމެއް ނޫންކަމަށާއި އެއީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށްވެސް ލިބޭ ނިކަމެތިކަމެއްކަން މިނިސްޓަރ މާރިޔާވަނީ ފާހަގަކުރައްވާފައެވެ.

މީގެ 3 އަހަރު ކުރިން، ދިވެހި އަސްކަރިއްޔާ ޕްރޮފެޝަނަލައިޒްކޮށް، ޑިމޮކްރަޓައިޒްކުރުމަށް ސަރުކާރުން ފެށްޓެވި މަސައްކަތަށް، މާތްﷲގެ އިރާދަފުޅުން، ލިބިގެން މިދިޔައީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމުގެ ފަންނީ ލަފަޔާއި ތަޖުރިބާޔާއެކު، ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިގެން ތައްޔާރުކުރައްވާފައިވާ މިޑޮކިޔުމެންޓަކީ އެމްއެންޑީއެފްގެ ތާރީޚުގައި ފާހަގަކުރެވޭނެ އިތުރު ބާބެއްކަމަށެވެ. މިނިސްޓަރ މާރިޔާ ވަނީ، މިޑޮކިއުމަންޓް ތައްޔާރުކުރުމުގައި ޙަރަކާތްތެރިވި އެމްއެންޑީއެފްގެ ލޯޔަރުންގެ ޓީމަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު އަދާކުރައްވާފައެވެ.

ނެޗުރަލް ޖަސްޓިސްގެ އަސާސްތަކުގެ މައްޗަށް ބިނާކޮށް އަދި އިންސާނީ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމް ނުގެއްލޭނެހެން، ވީހާވެސް އިންސާފުވެރިކޮށް އަދި ދެފުށްފެންނަ ގޮތަށް ސިފައިންގެ ކަންކަން ނިންމުމަށް މަގުފަހިކުރާ މިނިޒާމުގެ ތެރެއިން، ސިފައިންނަށް ކުރިން ކުރިމަތިލާންޖެހުނު ވަޒީފާ ގެއްލުމުގެ ބިރުވެރިކަން، ނިމުމަކަށް އަންނާނެކަމަށް އުންމީދުކުރައްވާކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި އެކަމަނާވަނީ، ކޮމާންޑަރ-އިން-ޗީފް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން، މިފަދަ ހެޔޮ ބަދަލުތައް ދިވެހި އަސްކަރިއްޔާއަށް ގެނައުމުގައި އަދާކުރައްވާ ދައުރަށާއި ދެއްވާ އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަޠީފާއި ޖެނެރަލް އޮފިސަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: