ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25 ބިލިއަން ރުފިޔާއަށް ބަޖެޓު ކުޑަކުރުމަށްފަހު ބަޖެޓު އަލުން ފޮނުވުމަށް އިދިކޮޅުން ގޮވާލައިފި

ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ 37 ބިލިއަން ރުފިޔާގެ ބަޖެޓް 25 ބިލިއަން ރުފިޔާއަށް ކުޑަކުރުމަށްފަހު އަލުން މަޖިލީހަށް ފޮނުވުމަށް އިދިކޮޅު ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓަށް ބަހުސްކުރުމަށް މިއަދު ފަށާފައިވާއިރު، ސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަށް އަދި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ބަޖެޓު މަޖިލީހަށް ހުށައަޅުއްވައި ދެއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އަންނަ އަހަރު ދައުލަތުގެ ބަޖެޓު 9.7 ބިލިއަން ރުފިޔާއިން ޑެފިސިޓްވާނެކަން ފާހަގަކުރައްވާފައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 11.1 އިންސައްތަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިވާހަކަތަކަށް ރައްދު ދެއްވައި އިދިކޮޅުގެ ޕީޖީ ލީޑަރު ސަލީމް ވިދާޅުވީ ބަޖެޓް ޑެފިސިޓްވާނެކަމަށް މިނިސްޓަރ އަންދާޒާކުރައްވާ އަދަދަކީ އަދި އެންމެ ރަނގަޅު އަދަދެއް ނޫންކަމަށެވެ. ބަޖެޓު 14 ބިލިޔަން ނުވަތަ 15 ބިލިޔަން ރުފިޔާއިން ޑެފިސިޓްވާނެކަމަށް އަންދާޒާކުރެވޭކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކޮވިޑްގެ ހާލަތާއިއެކު ދަރަނި އިންތިހާއަށް ބޮޑުވެގެންދިޔަ ކަމަށެވެ. އަދި މިހާރު އާންމު ހާލަތަކަށް ރުޖޫއަވުމުން ދެން މަސައްކަތްކުރަން ޖެހޭނީ ދަރަނި ކުޑަކުރުމަށްކަމަށް ސަލީމް ވިދާޅުވިއެވެ. އޭގެ ބަދަލުގައި ކޮވިޑްގެ ހާލަތުގައި ދަރަނި އިތުރުވަމުންދިޔަ މިންވަރަށް މިހާރުވެސް ދަރަނި އިތުރުވަމުންދިޔުމަކީ ދައުލަތަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް އެކަމުގެ ބުރަ ނުއުފުލޭނެކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. ކޮންމެ އަހަރެއްގެ ބަޖެޓުވެސް 13 ބިލިޔަން، 14 ބިލިޔަން ރުފިޔާއިން ދަރަނިވަމުން އަންނަކަމަށާއި މިއީ ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި ސަލީމް ފާހަގަކުރެއްވިއެވެ. މިކަމުގެ ބުރަ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނަށް އެނގިނުލައްވާނެކަމަށާއި މީގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުންނަށް ކަމަށް ވިދާޅުވިއެވެ، އަދި މިކަން މިގޮތަށް ވާނަމަ، ކުރިއަށް އޮތް ރޯދަ މަހު ކާބޯތަކެތީގެ އަގު އަތްނުފޯރާ ހިސާބަށް ދާނެކަމަށް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަލީމް ވިދާޅުވީ، ބަޖެޓުގެ ދަރަނި ބޮޑުވާ މިންވަރަކަށް ޑޮލަރުގެ އަގު މައްޗަށް ދާނެ ކަމަށެވެ. އެކަން އެހެން ނުވާންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިހާރުވެސް އެކަން ފެންނަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ. ރާއްޖެއަށް ޑޮލަރު ވަންނަމުންދާ ކަމަށާއި ޑޮލަރު ކަޅު ބާޒާރުގައި ނުލިބިގެން އުޅެން ނުޖެހޭކަމަށް ވިދާޅުވިއެވެ. ބޮޑު އަގުގައި ޑޮލަރު ގަންނަން ލިބޭކަން ސަލީމް ފާހަގަކުރެއްވިއެވެ.

“ކުރީ ސަރުކާރުގެ ހަތަރު އަހަރާއި މިސަރުކާރުގެ ހަތަރު އަހަރާއި އަޅާ ބަލާއިރު، މިސަރުކާރުގެ ހަތަރު އަހަރުގެ ބަޖެޓު 30 ބިލިއަން ރުުފިޔާ އިތުރުވެގެންދޭ. ކުރަނީ ކީއްކަމެއް ނޭނގެ” ސަލީމް

ވެރިކަމަށް އައުމުގެ ކުރިން ދެއްކެވި ބައެއް ވާހަކަތަކަށް އިޝާރާތްކުރައްވާ ސަލީމް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހަރަދުބޮޑުކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ވިދާޅުވިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ބަނދަރެއް އެޅުމަށް ހޭދަކުރާ މިންވަރުން، ތިން ބަނދަރު މިވެރިކަމުގައި އަޅާނެކަމަށް ވިދާޅުވިކަން ސަލީމް ފާހަގަކުރެއްވިއެވެ. އޭރު ގާއިމްކުރަމުންދިޔަ ކޮންމެ ނަރުދަމާ ނިޒާމެއްގެ އަގުގައި ތިން ނަރުދަމާ ނިޒާމް އަޅާނެކަމަށް ވިދާޅުވަމުން ގެންދެވިކަން ސަލީމް ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިހާރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ހޭދަކުރާ މިންވަރު ކުޑަވާންޖެހޭނެކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މިހާ ބޮޑު އަދަދެއް ބަޖެޓުގައި ހިމަނައިގެން ކުރަމުންދަނީ ކީއްތޯ ސަލީމް ސުވާލު އުފެއްދެވިއެވެ. އަދި ބަޖެޓުގެ އަދަދު 30 ބިލިއަން ރުފިޔާއަށް އިތުރުވެގެންދަނީ ކީއްވެތޯ ސަލީމް ވަނީ ސުވާލު އުފައްދަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: