ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފޮރިން އިންވެސްޓްމަންޓާއި ހަމައިން ގިނަބަޔަކަށް ހީވަނީ ގައުމު ވިއްކާލަނީއޭ: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓްއެއް ގެނައުމަށް މަސައްކަތްކުރާ ހިސާބުން ގިނަބަޔަކަށް ދިވެހިރާއްޖެ ވިއްކާލަން އުޅޭހެން ހީވާކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޒް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ރައީސް ސޯލިހާއިއެކު 3” ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ރާއްޖެއަށް މިހާތަނަށް ފޮރިން ބޮޑު އިންވެސްޓްމަންޓެއް ގެނެވިފައިނުވާ ކަމަށެވެ. މިހާރު ތަރައްގީކޮށްފައިވާ ބްރިޖުތަކާއި ދަރުމަވަންތަ ހޮސްޕިޓަލާއި، ގާއިމްކުރަމުންދާ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތްތައް ފަދަ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަކީ ވިޔަފާރީގެ އިންވެސްޓްމަންޓްތަކެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އިގްތިސާދު ކުރިއަރުވަން ބޭނުންވާކަަމުގައިވާނަމަ ބޮޑެތި ފޮރިން އިންވެސްޓްމަންޓްތަކެއް ރާއްޖެއަށް ގެނައުން މުހިންމުކަމަށާއި އެހެންނަމަވެސް ފޮރިން އިންވެސްޓްމަންޓްތަކާއިމެދު ރާއްޖޭގެ ރައްޔިތުން ދެކޭގޮތް ވަރަށް ތަފާތުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސީދާ ކޮންކަމެއްކަން ހާމަނުކުރައްވާ މިނިސްޓަރ ވަނީ އެކަމާއި އުޅެފިނަމަ އެވާނީ ރާއްޖެ ވިއްކާލުމަށްކަމަށް ބަޔަކު އަޑު އުފުލަންފަށާނެކަމަށެވެ. ދެން އޮތް ގޮތަކީ ރިޒޯޓްތައް ތަރައްގީކުރުން ކަމަށާއި، މިވަގުތަށް ބަލާއިރު ކޮވިޑްގެ ސަބަބުން އޮތް ދަތި ހާލުގެ ސަބަބުން ރިޒޯޓްތަކުގެ މަޝްރޫއުތައް ޓެންޑަރ ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް، ކޮންމެވެސް ވަރަކަށް އެމަސައްކަތް މިހާރު ފަށައިގަނެވިފައިވާ ކަމަށާއި ރާއްޖެއަށް ގެނެވެން އޮތް ހަމައެކަނި އިންވެސްޓްމަންޓްއެއްގެ ގޮތުގައި މިވަގުތު އޮތީ ރިޒޯޓްތައް ތަރައްގީކުރުން ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް ދިވެހިން ބޭނުންނުވާ ކަމަށާއި ބައެއް ކަންކަމުގައި ބޭރު މީހުންގެ ހިއްސާ އޮތުމަށް ދިވެހިން ބޭނުންނުވާކަމަށް މިނިސްޓަރ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ދެން އޮތް ގޮތަކީ ރާއްޖޭގެ އެއްވެސް ހިސާބަކުން ތެޔޮ ނެގޭނެ ގޮތެއް ހޯދުންކަމަށެވެ. އެހެންނަމަވެސް، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިކަމުގައި ކޮށްފައިވާ އެއްވެސް ދިރާސާއެއްގެ އެއްވެސް ޑޮކިޔުމަންޓްތަކެއްވެސް އެއްވެސް ވުޒާރާއެއްގެ ތެރެއިން ފެންނަން ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކުރަން ޖެހޭކަމަށް މިނިސްޓަރ ދައްކަވާ ވާހަކަތަކާއި ގުޅޭގޮތުން ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ޑައިވަރސިފައި ކުރުމަކީ ކުރުން ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. ވެރިކަމަށް އައުމަށްޓަކައި އެކުލަވާލި މެނިފެސްޓޯވެސް އެކުލަވާލީ އިގްތިސާދު ފުޅާކޮށް ބަދަލުކުރުމަށް އިސްކަން ދީގެންކަމަށާއި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އިގްތިސާދު ފުޅާކޮށް ފަތުރުވެރިކަމަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ކިހާ މުހިންމުކަމެއްކަން ސާފުވެގެންދިޔަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ރިޒޯޓްތައް ބަންދުކުރުމާއެކު މުޅި އިގްތިސާދު އެއްކޮށް ހުއްޓުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އިތުރު އެހެން ދާއިރާއަކުން އިގްތިސާދު ފުޅާކުރުމަށް ކުރި މަސައްކަތުން ދަނޑުވެރިކަމަށް ޚާއްސަ ކުންފުންޏެއް މިހާރު ތައާރަފްކުރެވިފައިވާ ކަމަށެވެ. އެހެންނަމަވެސް، ދަނޑުވެރިކަމުގެ ތެރެއިން އުފައްދާ ތަކެތި ބޮޑު އަދަދަކުން ރާއްޖެއިން ބޭރަށް އެކްސްޕޯޓް ކުރާ މިންވަރަށް އެތަކެތި ނުއުފެއްދޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ރާއްޖެއަށް އެތެރެކުރާ ރާއްޖެއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ބައެއް ކާބޯތަކެތި އުފެއްދުމަކީ މިވަގުތު ސަރުކާރުގެ އަމާޒުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަނޑުވެރިކަމަށް ޚާއްސަކޮށް އުފައްދާފައިވާ ކުންފުނި އެގްރޯނެޓް މެދުވެރިކޮށް 17 ބާވަތެއް މިވަގުތުވެސް ރާއްޖޭގެ މާކެޓަށް ނެރެ ވިއްކަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިކަމުގައި ސަރުކާރުން އަދާކުރާ ދައުރަކީ ދަނޑުވެރިން ހައްދާ ތަކެތީގެ ތެރެއިން ވަކި މިންވަރެއް ގަނެ މާކެޓްކޮށްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ބާޒާރުގައި ކިތަންމެ ތަކެތީގެ އަގު ދަށްވެގެންދިޔަކަމުގައިވެސް، ދަނޑުވެރިންގެ އަތުން އެތަކެތި ކުންފުނި މެދުވެރިކޮށް ގަންނާނީ ފިކްސްޑް ރޭޓެއްގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މިތަކެތި ހިފައިގެން އަޅުގަނޑުމެން މިދަނީ ރިޒޯޓްތަކަށް. ރިޒޯޓްތަކަށް ވިއްކާއިރުވެސް އަޅުގަނޑުމެން މިބުނަނީ މާކެޓްގައި ކޮންމެ އަގެއްގައި ހުއްޓަސް މިފިކްސްޑް ރޭޓްގައި މިތަކެތި ލިބޭނެއޭ” މިނިސްޓަރ ފައްޔާޒް

ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ނުހިނގާކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެއްވެސް ވެރިކަމުގެ ކުރީކޮޅުގައި ނުފެންނާނެކަމަށެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ތަަރައްގީކުރި ސިނަމާލެ ބުރިޖުވެސް ނިންމާ ބޭނުންކުރަން ފެށުނީ ވެރިކަމުގެ ފަހު އަހަރު، 2018 ވަނަ އަހަރުގައި ކަމަށާއި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރުގައިކަމަށް ވިދާޅުވިއެވެ. މިފަދަ މަޝްރޫއުތަކުގައި ފައިނޭންސް ކުރުމާއި ޑިޒައިނިން މަރުހަލާގައިވެސް ތަފާތު އެކި މައްސަލަތައް ދިމާވެ، މިމަރުހަލާތައް އަލުން އެތައް ފަހަރަކު ކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ވެރިކަމަށް ތިން އަހަރު ފުރުނުއިރު، ތިލަމާލެ ބްރިޖުގެ ކޮންޓްރެކްޓަރާއި ބްރިޖްުގެ މަޝްރޫއު އޮތީ ހަވާލުކުރެވިފައިވާ ކަމަށާއި އެޑްވާންސް ފައިސާވެސް މިހާރު ދައްކާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ވެރިކަމުގެ ފަސް އަހަރު ނިމެންވާއިރު ބްރިޖުމަތީގައި ދުއްވާލެވޭވަރުވާނެކަމަށް އުންމީދުކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށްވެސް ކޮވިޑްގެ ސަބަބުން ގޮންޖެހުންތަކެއް ދިމާވެފައިވާކަމަށާއި އެހެންނަމަވެސް އެމަސައްކަތްވެސް ވަރަށް އަވަސް ފެށިގެންދާނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: