ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގްގެ މައްސަލަ ހައްލުކުރުމަށް މުޅިން އަލަށް ސްޓްރެޓެޖީއެއް އެކުލަވާލެވިއްޖެ: ނަސީމް

ހެލްތު މިނިސްޓަރ ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑްރަގްގެ މައްސަލަ ހައްލުކުރުމަށް ގައުމީ ފެންވަރުގެ ސްޓްރެޓެޖީއެއް މިހާތަނަށް އައިއިރު އެކުލަވާލެވިފައި ނެތްކަމަށާއި މުޅިން އަލަށް މިކަމާއި ގުޅިގެން ނޭޝަނަލް ސްޓްރެޓެޖީއެއް އެކުލަވާލެވިއްޖެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ސަންގު ޓީވީއިން ކުރިއަސްގެންދިޔަ ޚާއްސަ ކަވަރޭޖްގައި ވާހަކަދައްކަވަމުން މިނިސްޓަރ ނަސީމް ވަނީ ޑްރަގްގެ ވަބާގައި ޒުވާނުން ޖެހެމުންދާ މިންވަރު އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީ ހިންގުން ހެލްތު މިނިސްޓްރީގެ ދަށަށް މިއަހަރު ބަދަލުކުރެވުނުފަހުން މިނިސްޓްރީއިން ކުރަމުންދާ މަސައްކަތްތަކަށް ވަނީ އަލިއަޅުއްވާލައްވަފައެވެ.

މަސްތުވާތަކެތީގެ ވަބާ މީގެ ކުރިން އާންމުވެފައިނުވާ މިންވަރަށް މިހާރު އާންމުވަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިކަމަކީ މިވަގުތު ބޭރުގެ ވިޔަފާރިތަކާއި ނުވަތަ ބޭރުގެ މީސްމީހުންނާއި ގުޅިގެން ކުރާ މަސައްކަތްތެއްކަން ގަބޫލުކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އަދި 15 އަހަރުން ދަށުގެ ކުދިންވެސް މިވަގުތު މަސްތުވާތަކެތީގެ ވިޔަފާރީގައި ބައިވެރިކުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި 8 އަހަރުގައި މަސްތުވުމަށް ކަށި ނުވަތަ ނީޑްލް ބޭނުންކުރާ ކުދިންވެސް މިވަގުތު ރާއްޖޭގައި އުޅޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މީގެ ކުރިން ބޭނުންކުރަމުންދިޔަ މަސްތުވާތަކެއްޗަކީ މައިގަނޑު ގޮތެއްގައި ފަތްޕިލާވެލީގެ ބާވަތްތައް ނަމަވެސް މިހާރު ބޭނުންކުރަމުން މިދަނީ ކެމިކަލް ކަމަށާއި މިކަމުގެ ސަބަބުން ނުރައްކާ ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ބައި ވަން، ގެޓް ވަން ފްރީ މިގޮތަށްވެސް މިހާރު މަސްތުވާތަކެތި އެބަ ވިއްކާ، މިކަމުގެ ތެރެއަށް މީހުން ގިނަކުރުމުގެ ބޭނުމުގައި. މެތު އާންމުކުރުމަށް މިތަކެތި ހިލޭވެސް އެބަ ބަހާ. ސިސްޓަމެޓިކްކޮށް ކުރާކަމެއް މިއީ. މިކަން ފުޅާކުރުމަށް ރާއްޖޭގައި މަސައްކަތްކުރާ ބަޔަކު އެބަތިބި.” ނަސީމް

މިނިސްޓަރ ނަސީމް ވިދާޅުވީ އެއްވެސް ކަމެއްގައި މަސައްކަތްނުކުރާހާ މިންވަރަށް ޑްރަގްގެ ކަންތަކަށް ހައްލު ގެނައުމަށް ފާއިތުވި ހައެއްކަ މަހު މަސައްކަތްކުރެވިފައިވާނެ ކަމަށެވެ. ޑްރަގްގެ ވަބާގައި ޒުވާނުން ޖެހެމުންދާ މިންވަރު މަދުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި މިނިސްޓަރ ވިދާޅުވީ ޑްރަގްގެ ކަންތަކުގައި އެކަށީގެންވާ ދިރާސާތަކެއް ކުރެވިފައިނުވާތާ އެތައް އަހަރެއް ވެއްޖެކަމަށެވެ. އެގޮތުން މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ފަހުން ދިރާސާއެއް ހެދިފައިވަނީ 2011 ވަނަ އަހަރު ކަމަށާއި އެއަށްފަހު ދެން މިކަމާއި ގުޅޭގޮތުން ދިރާސާއެއް ހެދީ 2019 ވަނަ އަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު ޑްރަގްގެ އެއްވެސް ރިކޯޑެއް ބަލަހައްޓާފައިނުވާ ކަމަށާއި ފާއިތުވި ސަރުކާރުތަކުން މިކަމުގެ އެދެވޭ މަސައްކަތްތަކެއް ކުރެވިފައިނުވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޖަލުތަކުގައި ޑްރަގް ޓްރެފިކްކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައިވެސް ޑިޓޮކްސިފިކޭޝަން ޕްރޮގްރާމްތަކެއް ފަށާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިވަގުތު އުނިކަމެއް ހުރީ ފަރުވާ ދިނުމުގެ މަރުހަލާގައެވެ. އެގޮތުން ކޮންމެ ކުއްޖެއްގެ ފަރުވާއަށް 70،000 ރުފިޔާ ހޭދަވާކަމަށާއި މީގެ ތެރެއިން ބައެއް ކުދިންނަކީ ތަކުރާރުކޮށް އަންނަ ކުދިންކަން ފާހަގަކުރެއްވިއެވެ. 2003 ވަނަ އަހަރުން ފެށިގެން މިހާތަނަށް އައިއިރު އަދިވެސް ފަރުވާ ހޯދަމުންދާ ކުދިން އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރު ދެމުންދާ ފަރުވާގައި ހުރި މައްސަލަތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ފަރުވާ ދިނުމަށްފަހު ކޮންމެވެސް ވަރަކަށް ދޫކޮށްލާ ވަގުތު އަނެއްކާވެސް މަސްތުވާތަކެތީގެ ތެރެއަށް ދެވޭ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަރުވާ ދިނުމުގެ އިތުރަށް މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އުންމީދުތަކެއް ދޭންޖެހޭ ކަމަށެވެ. މިހާރުވެސް ސަރުކާރުގެ ބައެއް ކުންފުނިތަކާއި ކުރެވުނު މަޝްވަރާތަކުގެ ތެރެއިން މީގެ ތެރެއިން ބައެއް ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދީފައިވާކަމަށް ވިދާޅުވިއެވެ. ފަރުވާ ދިނުމަށްފަހު، އިތުރު ފަސް އަހަރުވަންދެން ކޮންމެވެސް ވަރަކަށް ބަލަހައްޓަން ޖެހޭ ކަމަށާއި އެހެންކަމުން މިފަދަ ވަޒީފާގެ ފުރުސަތިތައް ދީގެން ޒުވާނުން ގެންގުޅުމަކީ މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: