ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްގައި ފެން ބިލު ބޮޑުވަނީ ކޮންޓްރެކްޓަރު ހަރުކުރި މީޓަރުގެ ސަބަބުން: ޝާހު

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު/ ފޮޓޯ: އެމްޑަބްލިއުއެސްސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ބެލުމަށްފަހު، އާދީއްތަ ދުވަހުން ފެށިގެން ފެން ބިލް ފޮނުވުމަށް އެމްޑަބްލިޔުއެސްސީން ތައްޔާރުކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ހުންވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޝާހު ވިދާޅުވީ ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތް ކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމްޑަބްލިޔުއެސްސީން ބޭނުން ކުރާ ކަހަލަ މީޓަރެއް ނޫންކަމަށެވެ. މިއީ ކުންފުނިން ބޭނުން ކުރާ ބްރޭންޑުގެ މީޓަރަކަށް ނުވާތީ ސްޓޭންޑާޑް އާއި އެއްގޮތަށް ސައްހަ ރީޑިންއެއް ނެގިދާނެ ކަމާއިމެދު ޔަގީންކަމެއް ނެތުމުން، އެކަން ހައްލުކުރުމަށް މަސައްކަތް ކުރެވުމުންދާކަމަށް ޝާހު ވިދާޅުވި އެވެ.

އަދި ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރާއި މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމްޑަބްލިޔުއެސްސީގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާކަން ޝާހު ފާހަގަ ކުރެއްވި އެވެ. ޝާހު ވިދާޅުވީ މިގޮތަށް ހުރި އެތައް މައްސަލައެއް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ފަހު، 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު ހުރިކަން ދެނެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން ސައްހަ މީޓަރުތަކަށް ފެން ބިލް ހެދުމަށް ކުންފުނި ތައްޔާރުކަމަށް އޭނާ ވިދާޅުވި އެވެ.

ފެނުގެ ކަނެކްޝަންތަކުގެ މައްސަލަތަކާ ބެހޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން، ޝާހު ވިދާޅުވީ ފެނުގެ މައި ނެޓްވޯކުން ފެށިގެން ފެން މީޓަރުތަކާއި ހަމައަށް އަޅާފައި އޮތީ، އެމްޑަބްލިޔުއެސްސީން ބޭނުންކުރާ ހޮޅިއެއް ނޫންކަމަށެވެ. އެހެންވެ އެ ހޮޅިއަށް ގެއްލުމެއް ލިބިއްޖެނަމަ، މަރާމާތު ކުރާނެ ސާމާނުތައް ކުންފުނީގައި ނެތުމުން، އެކަމަށް ހައްލު ހޯދުމުގެ މަސައްކަތްވެސް ކުރަން ޖެހިފައިވާކަން ޝާހު ފާހަގަ ކުރެއްވި އެވެ. އަދި އެއް އެޕާޓުމަންޓުގައި މެއިންޓެނަންސް ކުރަން ބޭނުންވެއްޖެ ހިނދެއްގައި މުޅި ފްލޯ އިން ފެން ކަނޑާލައިގެން ނޫން ގޮތަކަށް އެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭނެ ފަދަ ގޮތަކަށް އެތަން އިމާރާތް ކުރެވިފައިވާކަން ވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރަނގަޅަށް ވޭލްވް ހަރުކުރެވިފައި ހުރިނަމަ، މުޅި ފްލޯ އެއްކޮށް ފެން ކަނޑާނުލައި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް ޝާހު ވަނީ ވިދާޅުވެފަ އެވެ.

ބާކީ ހުރި ފޯލްޓީ މީޓަރުތަކާއި ހޮޅިލައިންގެ މައްސަލަތަކާ ގުޅޭ ގޮތުން އެޗްޑީސީން ލަފާ އަރުވަނީ ކޮންޓްރެކްޓަރ ގުޅުމަށްކަމަށް ޝާހު ވިދާޅުވި އެވެ. އަދި ކޮންޓްރެކްޓަރުގެ އެއްބާރުލުން ނުލިބުނު ކަމުގައި ވީނަމަވެސް، ކުންފުނިން ބޭނުންވަނީ ކުންފުނީގެ ހަރަދުގައި ނަމަވެސް، ހިޔާގެ ޓެނަންޓުންނަށް ހައްލެއް ހޯދައިދިނުން ކަމުގައި އެމްޑީ ވިދާޅުވި އެވެ.

އެގޮތުގެ މަތިން، ފޯލްޓީ މީޓަރުގެ މައްސަލަތައް ހައްލު ނުކުރެވޭނަމަ، އައު މީޓަރ އެޅުވުމުގެ މަސައްކަތްތައް އެމްޑަބްލިޔުއެސްސީ ގެ ހަރަދުގައި ކުރިއަށް ގެންދާނެކަމަށް ދަންނަވައި އެޗްޑީސީން މިހާރުވެސް އެމް.ޑަބްލިޔު.އެސްސީ އިން ސިޓީ ފޮނުވާފައިވާނެކަން އެމްޑީ ފާހަގަ ކުރެއްވި އެވެ.

މިހާރު ބިލް ކުރެވިގެންދާނެ 4000-3500 މީޓަރުގެ ވެރިންނަށް ފެން ބިލް ލިބުމާއެކު، އެމްޑަބްލިޔުއެސްސީ ގެ ލީނިއަންސީ ޕޮލިސީގެ ދަށުން މަސް މަހަށް ބަހާލައިގެންވެސް ބިލް ދެއްކޭނެ ގޮތުގެ އިންތިޒާމހަމަޖެހޭނެކަން އެމް.ޑީ ފާހަގަ ކުރެއްވިއެވެ. އަދި ކަސްޓަމަރާއެކު ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް ލާރި ދައްކަމުންދާނަމަ، ބިލް ނުދެއްކުމުން އަރ ސާރޗާޖުތައްވެސް މަޢާފުވެގެންދާނެކަމަށް ވިދާޅުވި އެވެ.

މާދަމާ އިން ފެށިގެން ސައްހަ މީޓަރުތަކަށް ފެން ބިލް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިރު، މިހާރު ފެން މީޓަރަށް ރަޖިސްޓަރ ނުކޮށް ހުރި ހިޔާ ފްލެޓްގެ ވެރި ފަރާތްތަކުން އަވަހަށް ރަޖިސްޓަރ ކުރުމަށް ހުށަހެޅުމަށް އެމް.ޑަބްލިޔު.އެސް.ސީ އިން އިލްތިމާސްކުރަމެވެ. އަދި ކުރިއަށް އޮތް ހަފްތާގައި ގާއިމްކުރެވިގެންދާ ހެލްޕްޑެސްކު މިކަމަށް ބޭނުންކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: