ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަނޑުތައް ދިރާސާކުރުމަށް ހަދާފައިވާ މާބޮޑެތި އެއްބަސްވުންތައް ހުރިއިރު ކަންބޮޑުނުވަނީ ކީއްވެތޯ ސުވާލުކުރައްވައިފި

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަނޑުތައް ދިރާސާކުރުމަށް ހަދާފައިވާ އެހެން އެއްބަސްވުންތަކާއިމެދު ކަންބޮޑުނުވަނީ ކީއްވެތޯ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސުވާލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުގައި އިންނަވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖެއާއި އިންޑިޔާއާއި ދެމެދުވެފައިވާ ބައެއް އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ ކޮމެޓީއިން ދިރާސާކޮށް ނިންމާފައިވާ މައްސަލައާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޮތް ހައިޑްރޯގްރަފީ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

ރައީސް ނަޝީދު ވަނީ ހައިޑްރޯގްރަފީ އެއްބަސްވުމާއިމެދު އެހާ ކަންބޮޑުވެލައްވަނީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ. އަދި ސަރުކާރުން ހަދާފައިވާ އެހެން އެއްބަސްވުންތަކުގެ ދަށުން ކަނޑުތަކާއި ފަޅުތައް ދިރާސާކުުރުމުން އެއްވެސް މެމްބަރަކުވެސް އަދި އެހެން ބޭފުޅަކުވެސް ކަންބޮޑުވުން ފާޅުނުކުރައްވަނީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު 241 ކޮމެޓީ ރިޕޯޓަށް ހުށައަޅުއްވާފައިވާ އިސްލާހުތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރު ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް މާބޮޑު އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމަކީ މެރިން ސްޕެޝަލް ޕްލޭނެއް އެކުލަވާލުމުގެ އެއްބަސްވުމެއް ކަމަށާއި އެއީ ދިވެހިރާއްޖޭގެ ކަނޑުތައް ޗާޓުކުރުމުގެ މާފުޅާ އެއްބަސްވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެއީ ހައިޑްރޯގްރަފީ އެއްބަސްވުމަކަށްވުރެ ފުންކޮށް ދިރާސާކުރުމަށްވެފައިވާ އެއްބަސްވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން މިހާރު އުފެދިފައިވާ ކަންބޮޑުވުމަކީ ކަނޑުތައް ދިރާސާކުރާތީ އުފެދިފައިވާ ކަންބޮޑުވުމެއްކަމާއިމެދު ސުވާލު އުފެދޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“ރައީސް ސޯލިހުވެސް މިދިރާސާއާއި ގުޅޭގޮތުން އެބަހުރި ވާހަކަފުޅުދައްކަވާފައި” ރައީސް ނަޝީދު

ރައީސް ނަޝިދު އިޝާރާތްކުރައްވާފައި އެވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާއިއެކު ސަރުކާރުން ވެފައިވާ އެއްބަސްވުމަށްކަމަށް ބެލެވެއެވެ. މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުތަކާއި ފަޅުތައް ދިރާސާކުރުމަށް ތަފާތު އެކި ޕްރޮގްރާމްތައް ވަނީ ކުރިއަށް ގެންދެވިފައެވެ. ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވުނު ދިރާސާތަކުގައި ރާއްޖޭގެ ބައެއް މެރިން ރިސާޗް ސެންޓަރުތަކުގެ އިތުރުން ބޭރުގެ ރިސާޗް ސެންޓަރުތައްވެސް ހިމެނެއެވެ. މީގެ ތެރޭގައި ވައިޓް އިންސްޓިޓިއުޓް، ނޭޝަނަލް ޖިއޯގްރެފިކް ޕްރިސްޓިން ސީސް އާއި ނެކްޓޮން ޑީޕް އޯޝަން އެކްސްޕްލޮރޭޝަން ހިމެނެއެވެ. މިސެންޓަރުތަކުގެ ތެރެއިން ރައީސް ނަޝިދު ފާހަގަކުރައްވާފައިވަނީ ވައިޓް އިންސްޓިޓިއުޓްގެ ނަން އެކަންޏެވެ.

ރާއްޖެއާއި އިންޑިޔާއާއި ދެމެދު ގާއިމްކޮށްފައިވާ ހައިޑްރޮގްރަފީ އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ޗާޓުތައް ކުރަހައި އެކަމުގެ ސަބަބުން އިންޑިޔާއަށް ބޮޑެތި މަންފާތަކެއް ލިބޭކަން 241 ކޮމެޓީއަށް ގައުމީ ދިފާއީ ބާރުންނާއި ޑިފެންސް މިނިސްޓްރީއިން ދިން މައުލޫމާތުތަކުން ވަނީ ހާމަވެފައެވެ. އެގޮތުން މި އެއްބަސްވުން ގާއިމްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުން ސޮއިކުރި ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ކަމަށް ދިފާއީ ބާރުން ވަނީ މައުލޫމާތު ދީފައެވެ. އަދި އޭރު އެއްބަސްވީ ދެ ގައުމަށް ހަމަހަމަ އުސޫލުން ފައިދާވާނެ ގޮތަށް، އަދި ގާނޫނީ އިމުގެ ތެރެއިން ކުރެވޭ މަސައްކަތަށް ފަހު، ޗާޓަރު މެދުވެރިކޮށް އާމްދަނީއެއް ހޯދުމަށްކަމަށްވެސް ވަނީ ބުނެފައެވެ. ބޭރު ބަޔަކަށް އެޗާޓަރު ވިއްކުމުން އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ރޯޔަލްޓީއެއްގެ ގޮތުގައި 25 އިންސައްތަ ދައްކާނެއެވެ. އަދި އިންޑިއާގެ ވަރަށް ބޮޑު އެހީތެރިކަމާއި އެކު ޗާޓަރު އެކުލަވާލައި އެ ވިއްކައިގެން ކެޓަލޮގް ފީއެއްގެ ގޮތުގައި މިހާރު 35 އިންސައްތަ ލިބޭކަމަށްވެސް ކޮމެޓީގައި ވާހަކަފުޅު ދެއްކެވި ބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: