ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ރަނިންމޭޓުކަމަށް ޖަމީލުގެ ޝައުގުވެރިކަމެއް ނެތް!

ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ރައީސް ޔާމީން މިނިވަން ކުރުމުން، އުފާ ފާޅުކުރުމުގެ ހަރަކާތުގެ ތެރެއިން ޑރ. ޖަމީލް/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލެއްގެ ގޮތުން މަސައްކަތް ކުރައްވައި، އެމަނިކުފާނު ދިފާއު ކުރައްވަނީ އެއްވެސް ހާލެއްގައި 2023 ރަނިންމޭޓުކަމަށް އަމާޒުހިފައިގެން ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލު މަގާމުން ވަކިކުރީ، ސަރުކާރާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތްކޮށް ބަޣާވާތެއް ރާވަމުންދާކަމުގެ ތުހުމަތާއި އެކު އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖަމީލް ހުންނަވަނިކޮށް 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، މަގާމުން ދުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ.

ޖަމީލް މަގާމުން ވަކި ކުރަން ނިންމިއިރު އޭނާ ހުންނެވީ އިނގިރޭސިވިލާތުގައެވެ. އަދި މަގާމުން ވަކި ކުރުމުން ޖަމީލް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުގެ، ގިނަ ތުހުމަތުތަކެއް ވެސް އެމަނިކުފާނަށް އަމާޒު ކުރެއްވިއެވެ. އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނަވާ ޖަމީލް ފަހުން މަސައްކަތް ކުރީ “ޔުނައިޓެޑް އޮޕޮޒިޝަން” ނުވަތަ އޭރުގެ އިދިކޮޅާއި އެކުއެވެ. އަދި މި ސަރުކަރު ގެނައުމަށް ޖަމީލް ވަރަށް މަސައްކަތް ކުރެއްވިއެވެ.

ނަމަވެސް ސަރުކާރާއި ދެކޮޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާތައް ދެއްވައި ރައީސް ޔާމީންގެ ދިފާއަށް ނިކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާއިން ކުރިމަތިވި ނާކާމިޔާބީ އާއި އެކު އެވެ. ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ޑރ. ޖަމީލު ކޯޓަށް ވަޑައިގަންނަވަން ފެއްޓެވީ ހައިކޯޓުގެ މަރުހަލާފަ އެވެ.

ދަށު ކޯޓުން ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް ބާތިލު ކުރުމުން، ގާނޫނީ ޓީމުން ބޭއްވި ބައްދަލުވުމުގައި ނޫސްވެރިއަކު ޑރ. ޖަމީލާއި ސުވާލު ކުރެއްވީ އޭނާގެ ސިޔާސީ ކުރިމަގަށް ހުރި ވިސްނުމާއި މެދު އެވެ. އަދި ރައީސް ޔާމީނަށް 2023 ގައި ވާދަކުރުމަށް ފުރުސަތު ލިބި، ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރުމުގެ ފުރުސަތު ގަބޫލު ކުރައްވަފާނަން ތޯ ސުވާލު ކުރުމުން ޑރ. ޖަމީލް ވިދާޅުވީ މުސްތަގުބަލުގައި ހިނގާފާނެކަމަކަަށް ވާހަކަ ދެއްކުން ފަސޭހައެއް ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރަނީ ބަދަލެއް ބޭނުންވެގެން ނޫންކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ އޭނާއަކީ ވަރަށް ގިނަ މައްސަލަތަކުގައި ގާނޫނީ ވަކީލުކަން ކުރައްވައި، ގަނޫނީ އެހީތެރިކަން ފޯރުކޮށްދޭ މީހެއް ކަމަށެވެ. އެހެން ކަމުން ވަކި މީހެއްގެ ފަރާތުން މަންފާއެއް ލިބިދާނެކަމަށް މަސައްކަތް ކުރަނީކަމަށް ދެކުން އެއީ އެންމެ ރަނގަޅު ގޮތެއްނޫންކަން ފާހަގަ ކުރެއްވި އެވެ.

“ވަކި އެއްޗެއްގެ ބަދަލުގައި ނުވަތަ އެއްޗެއް ހޯދުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން މިއީ..” ނޫސްވެރިޔާގެ ސުވާލުގެ ޖަވާބުގައި ޖަމީލް ވިދާޅުވި އެވެ.

ޑރ. ޖަމީލު ވިދާޅުވީ މުސްތަގުބަލަށް ވާހަކަ ދެއްކެން ނެތްކަމަށާއި، އެހެން ނަމަވެސް މިވަގުތު އެފަދަ އެއްވެސް ކަމަކަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ. ސިޔާސީ މަސައްކަތް ކުރުމަކީ އެއީ ވަކިކަމެއް ހޯދަން އުޅޭކަމުގެ ވިސްނުން ގެންގުޅޭ ސަބަބެއް ނޫންކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

ވަކީލުކަން ކުރެއްވީތީ އޭގެ ބަދަލެއް ދޭން އެދޭނަމަ މިއީ އެންމެން ކުރި މަސައްކަތަކަށްވާއިރު ހުރިހާ ވަކީލުންނަށް ވެސް ކޮންމެވެސް މަގާމެއް އޮންނާނެ ނޫންތޯ ޑރ. ޖަމީލު ސުވާލު އުފެއްދެވި އެވެ. ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަންވުން އެއީ ހަމަޖެހުމުގެ ނޭވާއެއް ލެވޭވަރުގެ ހާލަތެއް ނޫންކަމަށާއި ސަރުކާރުން ރައީސް ޔާމީނަށް އެއަށް ވުރެ ބޮޑެތި އުނދަގޫތައް ކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެ ފައިސާ ލޯންޑާރ ކުރިކަން ސާބިތުވެ، ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019، ނޮވެމްބަރު 28 ގަ އެވެ. އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުގެ ހުކުމް، ހައިކޯޓުން ދެމެހެއްޓި އެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ޖުމްލަ 22 އިސްތިއުނާފީ ނުކުތާއާި އެކު އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: