ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަސް އަހަރުގެ އޮޑިޓުގައި މިހާރުގެ މެމްބަރުންގެ ދިހަ މަސް ހިމެނޭތީ އޭސީސީގެ ކަންބޮޑުވުން!

ކޮމިޝަންގެ މެމްބަރުން ކޮމިޓީގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

05 އަހަރުގެ މުއްދަތެއް ހިމެނޭ ޕާފޯމަސް އޮޑިޓު ރިޕޯޓަކަށް ރިއާޔަތްކޮށް މަގާމުން ވަކި ކުރާއިރު، އެ ރިޕޯޓުގައި މިހާރުގެ މެމްބަރުންގެ އެންމެ 10 މަސް ދުވަސް ހިމެނޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމާއި ބެހޭ މައްސަލަ މިވަގުތު އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އަދި ޖަވާބުދާރީވުމަށް ދިން މުއްދަތު ބުރާސްފަތި ދުވަހަށް ހަމަވީއިރު މެމްބަރުން ވަނީ ލިޔުމުން ޖަވާބުތައް މަޖިލީހުގެ އިދާރާއަށް ހުށަހަޅާފަ އެވެ. އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމާފައި ވަނީ ހިޔާނާތުގެ މައްސަލަތައް އެކަށީގެންވާ ސްޕީޑެއްގައި ކުރިޔަށް ނުގެންދެވޭތީ އާއި، ހާއްސަކޮށް އެމްއެމްޕީއާރުސީގެ މައްސަލަތަކުގެ ތަހުގީގު ލަސްވާތީ އެވެ.

އޭސީސީގެ މެމްބަރުން މަގާމުން ވަކި ކުރުމަށް ނިންމުމުގެ ކުރިން ވެސް މަޖިލީހުގެ ޖަލްސާތަކުގައި މެމްބަރުން މަގާމުން ވަކި ކުރުމަށް ގޮވާލައި ބަހުސްތަކެއް ކުރި އެވެ. އަދި މެމްބަރުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުތައްކޮށްފައި ވެއެވެ.

މަގާމުން ވަކި ކުރާ މައްސަލައިގައި ދިފާއަށް އޭސީސީން ބަޔާނެއް އާއްމުކޮށްފައި ވަނީ މިއަދުގެ ވަގުތެއްގަ އެވެ. އޮޑިޓު ރިޕޯޓަކީ 2015، ޖެނުއަރީ 01 އިން 2020 ޖުލައި 31 ގެ ނިޔަލަށް ކުރިޔަށް ގެންދެވިފައިވާ މަސައްކަތާއި ގުޅޭ ޕާފޯމަންސް އޮޑިޓެއްކަން ފާހަގަކޮށް އޭސީސީން ބުނީ މިހާރުގެ މެމްބަރުން ކޮމިޝަނަށް އައްޔަނު ކުރީ 2019، ސެޕްޓެމްބަރު 19 ގައި ކަމަށެވެ. އެހެން ކަމުން އޮޑިޓުގައި ހިމެނޭ 05 އަހަރުގެ މުއްދަތުގެ ތެރެއިން 04 އަހަރާއި 08 މަސް ދުވަހަކީ އެއީ ކުރީގެ މެމްބަރުންގެ މުއްދަތުކަން އޭސީސީން ބުންޏެވެ. އަދި މަގާމަށް އައްޔަނު ކުރި ފަހުން 02 އަހަރާއި 03 މަސް ދުވަސްވީއިރު، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީގައި އޮތް އޮޑިޓު ރިޕޯޓުގައި ހިމެނެނީ މެމްބަރުންގެ އެންމެ 10 މަސް ދުވަސް ކަމަށެވެ.

އޮޑިޓު ކުރެވޭނެ މުއްދަތެއްގެ ގޮތުގައި އޭސީސީއާއި ހިއްސާ ކުރީ 2015 އިން 2019 އަށް ނަމަވެސް، އެ މުއްދަތު 2020 ޖުލައިގެ ނިޔަލަށް ފުޅާކުރީ ކޮމިޝަނާއި މަޝްވަރާކޮށް އެއްބަސްވިގޮތާއި ހިލާފަށްކަމަށް ބަޔާނުގައި ވެއެވެ. އޭސީސީގެ ބައެއް މަސައްކަތްތައް 2020 ގެ ނިޔަލަށް ކުރިޔަށް ގެންދެވިފައިވާ މިންވަރު ބަލާފައިވާނެކަމަށް އޮޑިޓުގައި ބަޔާންކޮށްފައި އޮތް ނަމަވެސް އެއީ ކޮން ކަންތައްތަކެއްކަން ހިއްސާކޮށްފައި ނުވާކަމަށް ކޮމިޝަނުން ބުނެ އެވެ.

މީގެ އިތުރުން އޭސީސީން ބުނީ ރިޕޯގައި ހިމެނޭ މި ދައުރުގެ މެމްބަރުންގެ މަސަައްކަތަކީ ކޮވިޑުގެ ދުވަސް ވަރު ކަމަށެވެ. 04 މަސް ދުވަސް އެއީ ކޮވިޑުގެ ސަބަބުން މާލޭގެ ސަރަހައްދު އެއްކޮށް ލޮކްޑައުންކޮށް އޮފީސްތަކުގެ މަސައްކަތްތައް ހުއްޓިގެން ދިޔަކަން ފާހަގަކޮށް ކޮމިޝަނުން ބުނީ، މިއީ ތަހުގީގުތައް ކުރިޔަށް ގެންދިއުމަށް އެންމެ ދަތިތަކާއި ކުރިމަތިލާން ޖެހުނު ދުވަސްތައް ކަމަށެވެ. އަތޮޅުތަކަށް ދަތުރުކޮށް ކުރަމުން ގެންދިޔަ ތަހުގީގުތައް އެއްކޮށް މަޑުޖެހިގެން ދިޔަކަމަށާއި، ދައުލަތުގެ އިދާރާތްތަކަށް ގޮސް ހެކި އެއްކުރުން ވެސް ދަތިވެގެން ދިޔަ ކަމަށެވެ. އޮޑިޓުގައި މީގެއިން އެއްވެއް ކަމަކަށް ރިއާޔަތްކޮށްފައި ނުވާތީ އޭސީސީގެ ބަޔާނުގައި ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ ހިނގަމުންދާ ދައުރުގެ މެމްބަރުން މަގާމާއި ހަވާލުވީއިރު، އިވެލުއޭޝަން މަރުހަލާފައި ފިޔަވަޅު ނޭޅިހުރި 400 އަށް ވުރެ ގިނަ ޝަކުވާ އޮތް ކަމަށެވެ. އަދި ތަހުގީގު މަރުހަލާގައި އެކަަނި ވެސް 500 އަށް ވުރެ ގިނަ މައްސަލަ ހިމެނެ ކަމަށެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ ކޮމިޝަނަށް އެ މައްސަލައަކާއި ގުޅޭ ޝަކުވާ ހުށަހެޅުނު ފަހުން ނުބެލި ގިނަ ދުވަސް ވެފައިވާ މައްސަލަތަކެއްކަމަށް ވުމުން، އެ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށްގެންދިއުމަށް މަސައްކަތްތަކަށް ބަދަލުތަކެއް ގެނެވުނުކަމަށް އޭސީސީން ބުނެ އެވެ. އެގޮތުން، އިވެލުއޭޝަން މަރުޙަލާގައި ނުނިމިހުރި ޝަކުވާތައް އަވަހަށް ނިންމުމުގެ ގޮތުން، އިވެލުއޭޝަންގެ މަސައްކަތްތަކަށް ވަގުތީގޮތުން މުވައްޒަފުން އިތުރުކޮށް، އިވެލުއޭޝަން މަރުޙަލާގައި ގޮތެއް ނުނިމި ގިނަ ދުވަސްވީ މައްސަލަތަކުގެ އިވެލުއޭޝަން ނިންމުމަށް ހާއްސަ މަސައްކަތެއް ކުރިއަށްގެން ދެވުނުކަން ކޮމިޝަނުން ފާހަގަކުރެ އެވެ.

މީގެ ކުރިން ވެސް ފާހަގަކޮށްފައިވާ ބަޖެޓުގެ ދަތިކަމުގެ ވާހަކަތައް ތަކުރާރުކޮށް އޭސީސީން ބުނެފައި ވަނީ، ތަހުގީގުތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އޮފިސަރުންގެ ހުނަރާއި ގާބިލިއްޔަތު އިތުރު ކުރުމަށް ތަމްރީނުތައް ބޭނުންވާ ކަމަށެވެ. މި ދެ އަހަރު ވެސް ބަޖެޓު ބޭނުންވާ ކަންކަން ހުށަހެޅުމަށް ފުރުސަތެއް ލިބިފައި ނުވާތީ، އިންވެސްޓިގޭޓަރުންނަށް އަމާޒުކޮށް ޕްރޮގްރާމުތައް ހިންގުންވީ ދަތިކަމަކަށް ކަަމށް އޭސީސީން ބުންޏެވެ. އެކަންކަން ހައްލު ކުރަން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ބޭރުގެ އެކި އޭޖެންސީތަކާއި ގުޅިގެން ތަމްރީނުތައް ހަމަޖެހިފައި ވަނީ އަންނަ އަހަރުކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. ކޮމިޝަނުން ބުނެފައިވާ ގޮތުގައި މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ އިންވެސްޓިގޭޓަރުންނަށް ކޮރަޕްޝަނުގެ ކުށްތައް ތަހުގީގު ކުރުމަށް ހާއްސަ ލައިސެންސެއް ލިބޭނެ އެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އޭސީސީގައި ރެޖިސްޓްރީ ކުރި 7،113 މައްސަލައެއްގެ ތެރެއިން 5،476 މައްސަލައެއް ނިންމައި ދައުވާ ކުރެވޭ މިންވަރަށް ހެކި ހުރެ ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ މީގެ ތެރެއިން އެންމެ އިންސައްތަ އެކެވެ.  އޮޑިޓުން ފާހަގަކޮށްފައިވާ ގޮތުގައި 2019 އަދި 2020 ގައި އޭސީސީން ނިންމި މައްސަލަތަކުގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ރެޖިސްޓްރީކުރި މައްސަލައިގެ ތެރެއިން 329 މައްސަލައެއް އެއްވެސް މިންވަރަކަށް ވަޒަން ކުރެވިފައި ނުވާއިރު، ކޮންމެ މުވަޒަފަކު އެވްރެޖުކޮށް 110 ކޭސް އިވެލުއޭޓު ކުރަން ޖެހެ އެެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާތިމަތު އަނޫލާ އާއި މެމްބަރު އައިޝަތު އަބްދުﷲ އެވެ. މެމްބަރުން ވަކި ކުރުމަށް މަޖިލީހުގެ ކޮމެޓީން ނިންމި ފަހުން މެމްބަރު އިބްރާހިމް ޝަކީލް އާއި މެމްބަރު އަޝްރަފު ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: