ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުގެ ކާމިޔާބު އަހަރަކަށްފަހު އިންގިލާބީ ބަދަލަކާ ދިމާލަށް!

ރާއްޖެއައި ފަތުރުވެރިންތަކެއް
ޝެއާރކޮށްލާ ކަހަލަދޯ؟

2021 ވަނަ އަހަރުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބަލައިލާއިރު، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އަހަރެކެވެ. ކޮވިޑްގެ ހާލަތުގައި ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލައި ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް 2021 ވަނީ އަހަރު ހޯދިއެވެ.

2021 ވަނަ އަހަރަށް އެންމެ ފުރަތަމަ ކަނޑައެޅި އަމާޒަކީ އެއް މިލިއަން ފަތުރުވެރިން ގެނައުމެވެ. އަހަރު ނިމެއް ދުވަސްކޮޅެއް އޮއްވައި އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެއް މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރިއެވެ. ރާއްޖެއަށް އައި އެއް މިލިއަން ވަަނަ ފަތުރުވެރިޔަކީ ފްރާންސަށް ނިސްބަތްވާ ވިންސެންޓް ޕިޓާއު ނަމަކަށް ކިޔާ ފިރިހެނެކެވެ. އޭނާ އައުމާއެކު ޓޫރިޒަމް މިނިސްޓްރީއިންނާއި މޯލްޑިވްސް މާކެޓީންގް އެންޑް ޕަބްލިކް ރިލޭޝަން އެމްއެމްޕީއާރުސީއިންނާއި އަދިވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އިސްބޭފުޅުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އޭނާއަށް މަރުހަބާ ކިޔާފައެވެ.

އެއް މިލިއަަން ވަނަ ފަތުރުވެރިޔާގެ އަމާޒަށް ވާސިލްވުމާއެކު ދެން އަމާޒު ހިފީ 1.3 މިލިޔަން ވަނަ ފަތުރުވެރިޔާއަށެވެ. އެއަމާޒަށްވެސް ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ވާސިލްވެފައެވެ. 1.3 މިލިއަން ވަނަ ފަތުރުވެރިއެއްގެ ގޮތުން ރާއްޖެ ޒިޔާރަތްކޮށްފައިވަނީ ރޮމޭނިއާގެ ރައްޔިތެއްކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ.

2021 ވަނަ އަހަރު އެންމެ ގިނަ ފަތުރުވެރިން އައި ދުވަހުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޑިސެމްބަރު 26 ވަނަ ދުވަހެވެ. އެދުވަހު ރާއްޖެއަށް 7،098 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒްމް މިނިސްޓްރީއިން ބުނެއެވެ. މިދުވަހަކީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އޭގެކުރިން އެންމެ ގިނައިން ފަތުރުވެރިން އައި ދުވަހެއްގެ ގޮތުގައި އޮތީ މިމަހުގެ 18 ވަނަ ދުވަހެވެ. 18 ވަނަ ދުވަހު 6،955 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ބޯޑަރު ހުޅުވާލުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާ ކޮޅަށް ޖަހައި، އިހުއޮތް ހާލަތަށް ގެންދިޔުމަށް މިނިސްޓްރީއިންނާއި އެމްއެމްޕީއާރްސީއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަހަރުގެ ޖުލައިމަހުން ފެށިގެން ކޮންމެ މަހަކުވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނަނީ ޒިޔާރަތްކުރަމުންނެވެ. އަދި އޭގެ ކުރިން މާޗް މަހުގެ ތެރޭގައިވެސް އެއްލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ހުސްވި އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް، އެންމެ ބޮޑު ފާޑުކިޔުމެއް އައި އެއް ކަމަކަށް ވެގެންދިޔައި އިންޑިޔާ ފަތުރުވެރިންގެ ކަރަންޓީން ހަބަކަށް ރާއްޖެ ހެދުމެވެ. އެހެންނަމަވެސް އެކަމަކީ ރާއްޖޭގެ ފަތުރުވެރިކަން 2021 ވަނަ އަހަރުގެ ތެރޭގައި ކޮޅަށް ޖެހުމަށްޓަކައި ސަރުކާރުން ގެންގުޅުނު އެންމެ ވަރުގަދަ އުކުޅެވެ. މެދުއިރުމަތީގެ ގައުމުތަކަށް ވަޒީފާއަށް އަދި ޗުއްޓީއަށްދާ އިންޑިޔާގެ ފަތުރުވެރިންގެ ޓްރާންސިޓް ކަރަންޓީން ހަބަކަށް ހެދީ ރާއްޖެއެވެ.

އެންމެ ފުރަތަމަ އަތޮޅު ތެރޭގެ އެކި ރަށްރަށުގައި މިގޮތަށް މީހުން އުޅެން ފެށުމާއެކު ގިނަ ކަންބޮޑުވުންތަކެއް އަންނަން ފެށިއެވެ. ރަށްތަކުގެ ތެރޭގައި އިންޑިޔާގެ ފަތުރުވެރިން ކަރަންޓީނަށް އައުމަށްފަހު ކޮވިޑްގެ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުނުކުރާކަމުގެ ޝަކުވާތަކާއި އެއް ތަނެއްގައި އެތައް ގިނަ ބަޔަކު ތިބިކަމުގެ ޝަކުވާތައް އަންނަމުން ދިޔައެވެ. ރަށްތަކުގެ އިތުރުން މާލެ ސަރަަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ފުރިބާރުވަމުން ދިޔައެވެ. މާލެ ސަރަހައްދުގައިވެސް ކޮވިޑްގެ ފިޔަވަޅުތަކަށް ސަމާލުކަމެއް ދިނުމެއްނެތި އާންމު ތަންތަނުގައި އިންޑިޔާގެ ފަތުރުވެރިން އުޅެމުންދާކަމުގެ ޝަކުވާތައް އާންމުވެގެންދިޔައެވެ. ޚާއްސަގޮތެއްގައި އެދުވަސްވަރަކީ އިންޑިޔާގައި އާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުންދިޔަ ދުވަސްވަރުކަމުން ގިނަބައެއްގެ ކަންބޮޑުވުމަކަށް މިކަން ވިއެވެ.

ފާޑުކިޔުންތަކަށް ފަރުވާލެއް ނުބަހައްޓައި ސަރުކާރުންނާއި ޓޫރިޒްމް މިނިސްޓްރީއިން ދިޔައީ މިކަމަކީ ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށާއި އަދި ގެސްޓްހައުސް ވިޔަފާރިތައް ހިންގާ އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން އެތައް ފައިދާއެއް ވާނެކަމެއްގެ ގޮތުގައި ފާހަގަކުރަމުންނެވެ. އަދި އުސޫލުތައް ހިފަހައްޓައި ބަލަހައްޓާނީ ގެސްޓްހައުސްތަކުންނާއި ކައުންސިލްތަކުންކަމަށް މިނިސްޓްރީއިންވެސް ދިޔައީ ފާހަގަކުރަމުންނެވެ.

އަހަރު ނިމިގެން ދިޔައީ ތަފާތު އެކި ގޮންޖެހުންތަކާއެކުވެސް، ފަތުރުވެރިކަމުގެ ދާއިރާއިން ކާމިޔާބީތަކެއް ހާސިލްކުރަމުންނެވެ. 2019 ވަނަ އަހަރު ނުވަތަ ކޮވިޑްގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އަދި ނުދިޔައެއް ކަމަކު ބޯޑަރު އެއްކޮށް ބަންދުކުރުމަށްފަހު އަލުން ހުޅުވާލި ގައުމަކާއި އަޅާ ބަލާއިރު ރާއްޖެއިން ހޯދި ކާމިޔާބީތައް ބޭރު ގައުމުތަކުންވެސް ފާހަގަކުރެއެވެ.

ކާމިޔާބު 2021 ވަނަ އަހަރަކަށްފަހު 2022 ވަނަ އަހަރަށް ފަތުރުވެރިކަމުގެ ދާއިރާއިން ކުރިމަތިލީ އަނެއްކާވެސް އައު އުންމީދުތަކަކާއެކުގައެވެ. ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންދިޔުމުގެ އުންމީދުގައެވެ. އެމްޑީީޕީގެ ފުރަތަމަ ވެރިކަމުގައި ރިޒޯޓު ފަތުރުވެރިކަމުން ގެސްޓް ހައުސް ފަތުރުވެރިކަމަށް ފުޅާކުރުމަށްފަހު އެމްޑީޕީގެ ދެވަނަ ވެރިކަމެއްގައި ހޯމްސްޓޭ ފަތުރުވެރިކަމަށް މިހާރު މިވަނީ ފަތުރުވެރިކަން ފުޅާކުރެވިފައެވެ. ނިކަމެތި ރައްޔިތު މީހާއަށް އާންމުދަނީ ލިބޭނެ އައު ދޮރެއް ހުޅުވައިދިނީއެވެ. އިންގިލާބީ ބަދަލެއް ގެނައުމުގެ އުންމީދާއިއެކުގައެވެ.

ކޮންމެއަކަސް ފާއިތުވި ދެ އަހަރަކީވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މުވައްޒަފުންނަށް އުނދަގޫ، ދަތި ދެއަހަރެވެ. މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރުމުގައި މެދުނުކެނޑި އެތައް ދުވަސްތަކެއް ހޭދަކުރަން ޖެހުނީ ކޮވިޑްގެ ސަބަބުން އެޅި ފިޔަވަޅުތަކުން އެމުވައްޒަފުންގެ ހައްގުތަކާއި ބޭނުންތަކަށް އެތައް ގޮތަކުން އަސަރުކުރަމުން ދިޔުމުންނެވެ. ދައުލަތަށް ލިބޭނެ އާމްދަނީއަކަށް އެކަނި ބެލުމަށްފަހު، މުވައްޒަފުންގެ ހައްގުތަކަށް މިނިސްޓްރީއިންވެސް އަދި ރިޒޯޓްތަކުންވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމުގެ ޝަކުވާތައް މެދުކެނޑުމެއްނެތި މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާތަކުން އަންނަމުން ދިޔައެވެ.

މި ފެށުނު 2022 ވަނަ އަހަރަށް މިނިސްޓްރީއިން އަންދާޒާކުރަނީ ދެމިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އެހެން އަހަރުތަކެކޭވެސް އެއްގޮތަށް އާމްދަނީގެ ބޮޑުބައެއް ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. އަދި މި އަމާޒަށް ވާސިލްވެ ކޮވިޑްގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތަށް ފަތުރުވެރިކަން ގެންދިޔުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފަތުރުވެރިކަމަށް ހުޅުވި އައު ދޮރާއިއެކު ދާއޮރާއަށް އިންގިލާބީ ބަދަލެއް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: