ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްގެ ނައިބްރައީސްގެ މަގާމުން މިސްބާހު ވަކިކުރުން: “ނުކުރާ ކަމަކަށް މާފަށް ނޭދެވޭނެ”!

ކައުންސިލްގެ ނައިބްރައީސްގެ މަގާމުން ވަކިކޮށްފައިވާ މިސްބާހު
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުރާ ކަމަކަށް މާފަށް ނޭދެވޭނެ ކަމަށް ގއ. މާމެންދޫ ކައުންސިލްގެ ނައިބު ރައީސްކަމުން ވަކިކޮށްފައިވާ މިސްބާހު މުޖްތަބާ ވިދާޅުވެއްޖެއެވެ.

މާމެންދޫގައި ކަންތައްތައް ވަމުންދާ ގޮތާއި މެދު ހިޔާލު ފާޅުކޮށް ސްޓޭންޑް ހިފަހައްޓަން މަސައްކަތް ކުރުމުން ރަށު ކައުންސިލްގެ ރައީސް އަހުމަދު އަޒީޒް އެކަމާއި ނުރުހުން ފާޅުކޮށްފައިވާކަމަށް އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި މިސްބާހު ވަނީ ވިދާޅުވެފައެވެ. އޭނާގެ އިތުބާރު ނެތްކަމަށާއި ނައިބްރައީސް ކަމުގެ މަގާމުން ވަކި ކުރުމަށް ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ. ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި އޭނާ ހުންނާނެ ކަމަށާއި އެހެންނަމަވެސް ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އޭނާ ވަކިވެފައިވާކަމަށް އަންގައި ކައުންސިލުން ވަނީ ބަޔާނެއްވެސް އާންމުކޮށްފައެވެ. އަދި އޭނާ މަގާމުން ވަކި ކުރަން ފާސްކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އާންމު އިޖްރާއީ ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިންވެސް ވަނީ ނިންމާފައެވެ.

ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ހުސްވުން

އޭނާ މަގާމުން ވަކިކުރީ ކޮން މައްސަލައެއްގައިކަން މާމެންދޫ ކައުންސިލުން ހާމަކޮށްފައިނުވިޔަސް، މާމެންދޫގައި ހުރި ވެލި ފުންޏަކުން ހުއްދަ ނެތި ވެލި ނަގާކަމަށް ބުނާ މައްސަލައެއް މީޑިޔާތަކުގައިވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެމައްސަލާގައި އޭނާއާއި ކައުންސިލްގެ ރައީސް އަޒީޒާއި މެދު ޚިޔާލުތަފާތުވުންތަކެއް ހުރިކަންވެސް ވަނީ ހާމަވެފައެވެ. އެހެންނަމަވެސް، ވެލި ފުނިން އޭނާގެ އަމިއްލަ ބޭނުމަށް ވެލި ނެގިކަމަށް ބުނާ ވާހަކަ މިސްބާހު ދޮގުކުރެއެވެ.

ސަންގު ޓީވީއަށް މައުލޫމާތު ދެއްވަމުން މިސްބާހު ވިދާޅުވީ ގާނޫނުގެ ރޫހާ ހިލާފަށް ކުރާ ކަމެއްކޮށްފައިވާކަން ފާހަގަކޮށް އެކަން އިސްލާހުކުރުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ. ނަމަވެސް އޭނާ ނުކުރާކަމަކަށް މައާފަށް ނޭދެވޭނެކަމަށް މިސްބާހު ވިދާޅުވިއެވެ. އެހެންނަމަވެސް އެކަމަކީ ކޮބައިކަން އޭނާއަށް އަންގާފައިނުވާކަމަށް ވިދާޅުވިއެވެ.

މިސްބާހު ވިދާޅުވީ ރަށު ކައުންސިލްގައި މަސައްކަތް ކުރަމުންދާ 2 ބަންގްލަދޭޝް މީހުން ވެލި ފުނިން ވެލި ނެގި މަންޒަރު އޭނާއަށް ފެނިގެން ވީޑިއޯކޮށް ފޭސްބުކްގައި ޝެއާ ކުރިކަމަށެވެ.

“އެއީ މިރަށު ވެލިފުންޏަކާއި ގުޅޭގޮތުން. އެ ވެލިފުނިން ކައުންސިލުން ވެލި ނަގައިގެން، އަޅުގަނޑު ވާހަކަދެއްކުމުން އެކަންތަކާއި އަސްލު ރައީސް ހިތްޕުޅާނުވޭ. އެ ހިސާބުން ފުރަތަމަ އަޅުގަނޑުގެ އިދާރީ މަސްއޫލިއްޔަތުތައް ނެގީ. ނަގާފައި އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އެޖެންޑާ ކުރީ” މިސްބާހު

އޭނާ ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާގޮތުން ފުރަތަމަ އޮންނާނީ ނަސޭހަތް ދޭން ކަމަަށްވާއިރު، ނަސޭހަތް ދޭން އެޖެންޑާ ކުރުމުން އެކަން ފާސްވެފައިނުވާ ކަމަށެވެ. އަދި ދޮގު ތުހުމަތުތަކެއް ބޮލުގައި އަޅުވައި އެކަމަށް އިއުތިރާފްވުމަށް އަންގާފައިވާ ކަމަށާއި އޭނާކުރި އެއްވެސް ޖިނާއީ ކުށެއްގެ ވާހަކައެއް ނަސޭހަތުގައިވެސް ފާހަގަކޮށްފައިނުވާކަމަށް މިސްބާހު ވިދާޅުވިއެވެ. އޭގައި އޮތީ ސާބިތުނުވާ ދޮގު ވާހަކަތަކެއްކަމަށާއި އޭނާ ލާމަރުކަޒީ ގާނޫނާ އެއްވެސް ވަރަކަށް ހިލާފުވެފައިނުވާ ކަމަށްވެސް މިސްބާހު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޒީޒާއި ސަންގުޓީވީއިން ސުވާލުކުރުމުން އަޒީޒް ވިދާޅުވީ ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން މިސްބާހު ވަކިކޮށްފައިވަނީ އެކި ކަންކަމުގައި އޭނާގެ އަމަލުހުރި ގޮތުން ކަމަށެވެ. އަދި މއީ ކައުންސިލް މެންބަރުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް އަޒީޒް ވިދާޅުވިއެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: