ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ގެނެވޭނީ ގައިން ތާހިރުވެގެން، އެމްޑީޕީން ކުރަނީ އެ މަސައްކަތް: ޝައުނާ

އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ފަދަ ތަރައްގީ ގެނައުމާއި އެކު މުޅި ރާއްޖެ އެއްކޮށް ބަދަލުކޮށްލި ޕާޓީއަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗު ކުރުމުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީ ގެނައި ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި ޕާޓީއިން އަބަދުވެސް ކުރަމުން އަންނަނީ ރައްޔިތުން އެދޭ ފަދަ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ކޮމަންޑޫ ދާއިރާގެ މެމްބަރު، އަލްމަރުހޫމް ހުސައިން ވަހީދު ދާއިރާގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ކުރި މަސައްކަތަށް ޝައުނާ ވަނީ ތައުރީފު ކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މެމްބަރު ވަހީދު ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަމުން އައީ އެއްވެސް ތަފާތު ކުރުމެއް ނެތި، ދާއިރާގެ 3 ރަށަށް ވެސް ހަމަހަމަ އުސޫލުން ތަރައްގީ ގެނައުމަށް ކަމަށެވެ. ކޮންމެ ދުވަހަކު އެމަނިކުފާނުގެ ދާއިރާއަށް މަންފާ ހޯދައި ދިނުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށް ޝައުނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ތާރިހުގައި، ޕާޓީ އެންމެ ފުރަތަމަ އުފެދިގެން އައި އިރުވެސް ދެކެވެމުން އައި ވާހަކައަކީ ސިޔާސީ އަދި މަދަނީ ހައްގު ހިފެހެއްޓުމަކީ ތަރައްގީ ގެނައުމަށް އޮތް ހުރަހެއް ކަމުގައި ކަމަށާއި ޕާޓީގެ މަސައްކަތް ބިނާވެފައި އޮތީ އަނިޔާވެރިކަމާއި ނުލާ ރައްޔިތުންނަށް ދިރިއުޅުމެއް ހޯދައި ދިނުމުގެ މައްޗަށްކަމަށް ޝައުނާ ވިދާޅުވިއެވެ.

މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި 16-17 ވަރަކަށް އަހަރާއި ދެމެދު އެމްޑީޕީން ވަނީ އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އިންގިލާބީ ބަދަލެއް ޕާޓީއިން ނުގެންނަ އެންމެ ރަށެއް ވެސް ނޯންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން 2008 ގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރާއި ހަވާލުވި އިރު ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބެމުން އައީ 7 ބިލިއަން ރުފިޔާކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ސަރުކާރާއި ހަވާލުވުމާއި އެކު ކުރެވުނު އެންމެ ފުރަތަމަ މަސައްކަތަކީ ޓެކްސް ގެ ސިޔާސަތު އިސްލާހު ކުރުން ކަމަށާއި އަދި އަލަށް ޓެކްސް ގެ ސިޔާސަތު ރާއްޖެގައި ތައާރަފް ކުރެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ސަރުކާރުގެ އާމްދަނީ ގެ ގޮތުގައި 28-30 ބިލިއަން ރުފިޔާގެ އަދަދެއް ޓެކުހުގެ ނިޒާމުން ލިބޭ ކަމުގައި ވިދާޅުވިއެވެ.

މިނސިްޓަރ ވިދާޅުވި ގޮތުގައި ކޮވިޑާއި އެކުވެސް ރާއްޖޭގެ ތަރައްގީ ގެނައުމަށް ނިންމާފައިވާ ހުރިހާ ރަށެއްގައި މަސައްކަތް ކުރިއަށް ދިޔައެވެ. ކަން މިފަދައިން ކުރެވިގެން ދިޔައީ މިހާރު އޮތް ދައުލަތަކީ ފުދުންތެރި ދައުލަތަކަށް ވާތީކަމަށާއި ޓެކްސްގެ ސިޔާސަތުތަކާއި އެކު އެކަމުގެ ފައިދާ ކުރީ ރައްޔިތުންނަށް ކަން ދޭހަވާ ކަމަށްވެސް ވިދާޅުވިއެވެ. މިނިސްޓަރ ވަނީ މިއީ އެމްޑީޕީއިން ރާއްޖެއަށް ގެނައި އިންގިލާބީ އެއް ބަދަލުގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

ހަމައެއާއި އެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް މަސައްކަތް ފެށި، ނިންމަމުންދާ އިރު މިއީ ވެސް އެމްޑީޕީން ތަންފީޒުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ތަރައްގީ ގެނެވޭނީ ގައިން ތާހިރުވެގެން ކަމަށައި ޕާޓީއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ހިދުމަތެއްކަމުގައެވެ.

“ތަރައްގީ ގެނެވޭނީ ގައިން ތާހިރުވެގެން.. ޕާޓީ އިން އިސްނަގައިގެން ކުރަމުން އަންނަނީ މި މަސައްކަތް. އެއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް. ” ޝައުނާ

މިނިސްޓަރ ވަނީ ރާއްޖޭގައި ތައުލީމު އުނގެނުމަށްޓަކައި މަތީ ސާނަވީ ފެންވަރުގައި ކިޔެވުމަށް، އާބާދިގެ 12،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ސަރުކާރުގެ ހަރަދުގައި ފުރުސަތު ދެވިފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށް ފާހަގަކުރައްވާފައެވެ. އެމްޑީޕީ އިން އިސްނެގުމުގެ މަތިން މި ސިޔާސަތުތައް ތަންފީޒު ނުކުރެވުނު ނަމަ މިއަދު މި ދަރިވަރުން ކިޔަވަމުންދާނީ އަމިއްލަ ހަރަދުގައި ކަމަށާއި ލޯންތައް ނެގުން ފަދަ ބުރަ އުފުލަން ޖެހޭނެ ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.

އެމްޑީޕީގެ މަސައްކަތަކީ ރާއްޖޭގެ މުސްތަގުބަލު ބިނާކުރުމާއި އެކު ގައުމަށް ތަރައްގީ ގެނައުމަށާއި ރައްޔިތުންނަށް ތާހިރު ދިރިއުޅުމެއް ހޯދައިދިނުމަށް ސިޔާސަތުތައް ރާވައި އެކަން ތަންފީޒު ކުރުމަށް ކުރެވޭ މަސައްކަތް ތަކެއް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އަދި ހަމައެއާއި އެކު ތަރައްގީ ގެނައުމުގައި ރައްޔިތުން އެދޭ ކަންކަމަށް އިސްކަން ދީގެން ހުރިހާ ރަށަކަށް ވީ ވައުދުތައް ފުއްދުމުގައި މަސައްކަތްކުރާނެ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: