ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުވިފައި އޮތް އައިއެސްއަށް ތާއީދު ކުރާކަމަށް ބުނެވޭނެ ގާޖައެއް ނެތް: އަލިމަނިކު

އަލިމަނިކު އަކީ ހިމަންދޫ ހަމަނުޖެހުމުގެ މައްސަލައިގައި 10 އަހަރުގެ ހުކުމެއް ތަންފީީޒު ކުރި މީހެއް
ޝެއާރކޮށްލާ ކަހަލަދޯ؟

އުވިފައިވާ އައިއެސް ޖަމާއަތަށް ތާއީދު ކުރާކަމަށް ބުނެ ކުރާ ދައުވާތަކަށް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލި މައްސަލައިގެ ތެރެއިން ހައްޔަރުކޮށްފައިވާ އަބްދުﷲ އަލިމަނިކު ބުނެފި އެވެ.

އައިއީޑީއެއް ގޮއްވާލައި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާގައި ފުލުހުން ޖުމްލަ 10 މީހަކު ހައްޔަރު ކުރިއިރު އޭގެ ތެރޭގައި އަލިމަނިކު ހިމެނެ އެވެ.

އަލިމަނިކަކީ 2007 ގައި އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުމަށްފަހު ދައުލަތުން ދައުވާކުރި 18 މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ މައްޗަށް ކޯޓުން އިއްވީ 10 އަހަރުގެ ހުކުމެކެވެ. އެހެން ނަމަވެސް އޭނާގެ ހުކުމުގެ ދުވަސްތަކެއް ބާކީ އޮއްވައި، މައާފު ދީ މިނިވަން ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ދައުވާ އިއްވުމަށް މިއަދު ކްރިމިނަލް ބޭއްވި އަޑުއެހުމުގައި އަލި މަނިކު ބުނީ، އޭނާގެ މައްޗަށް ކުރާ ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. ވަކި ޖަމާއަތެއް ހަދައިގެން ނަމާދު ކުރުމާއި ހުއްދަ ނެތި ދީނީ ނަސޭހަތް ދީ އަމިއްލައިން އެއީ “ފަނޑިޔާރެއްގެ” ގޮތުގައި ނިންމައިގެން އުޅޭކަމަށް ތުހުމަތުތައް ކުރާތީ އަލިމަނިކު ބުނީ އޭނާއަކީ ޖަމާއަތުގައި ނަމާދުކޮށް، ހުކުރު ނަމާދު ވެސް ކުރާ މީހެއްކަމަށާއި އެކަން އޭނާ ދަންނަ އެންމެނަށް ވެސް އެނގޭނެ ކަމަށެވެ.

އަލިމަނިކު ބުނި ގޮތުގައި ތަހުގީގުގެ ތެރެއިން އޭނާއާއި ދެކޮޅަށް ހެކި ބަސް ދޭ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަދޭނެކަމަށް ފުލުހުން ބުނިކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. އަދި ފުލުހުން އެފަދަ ހެކި ބަހާއި އެކު އެހެން ހެކިތައް ހުށަހެޅިޔަސް، ދިފާއަށް ހުށަހެޅޭނެ ހެކިތައް ހުންނާނެކަމަށް އަލިމަނިކު ބުންޏެވެ.

މީގެ ކުރިން ވެސް ބަންދުގެ މުއްދަތު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުންތަކުގައި ދިފާއަށް ގިނަ ވާހަކަތަކެއް ދައްކާފައިވާ އަލިމަނިކު ވަނީ އާއިލާގައި ހަރުތައް ބަލަހައްޓާ ހަމައެކަނި މީހަކީ އޭނާކަމަށް ބުނެ ބަންދަށް ލުޔެއް ދޭން އެދިފަ އެވެ. އަދި ބަލި ހާލަތުގެ ޝަކުވާތަކެއް ކުރި ނަމަވެސް އެކަމަށް އެއްވެސް އަޅާލުމެއް ކަރެކްޝަންސްގެ ފަރާތުން ނުލިބޭތީ އެކަމުގެ ޝަކުވާތައް ކުރި އެވެ.

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ އަލި މަނިކު އޭނާގެ ދިފާއަށް ބުނީ، ހިމަންދޫ މައްސަލައިގައި އިއްވި ހުކުމަށް މައާފު ދިނީ މި ސަރުކާރުންކަމަށްވާއިރު އޭނާއަކީ ބޮމެއް ގޮއްވާލަފާނެ ނުވަތަ ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެ މީހެއްކަމަށް ޝައްކެއް އޮތް ނަމަ ދޫ ނުދިނީސްކަމަށް ބުނެފަ އެވެ.

ޕާކިސްތާނުން ކިޔަވައިގެން ރާއްޖެ އައިސް ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުމުގައި އަލިމަނިކު އިސްކޮށް ހަރަކާތްތެރިވީކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވެ އެވެ. އޭނާގެ އެންމެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި ހިމަންދޫގައި ހަރުކަށި ފިކުރުގެ ގްރޫޕަކާއި އެކު ފުލުހުންނާއި ކުރިމަތިލުން ހިމެނެ އެވެ.

އޭނާ ހައްޔަރު ކުރީ ހަމަލާއެއް ދީފާނެކަމުގެ އިތުރު ތުހުމަތުތަކަކާއި އެކު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: