ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް ބީބީސީއާއެކު އެއްބަސްވުމަކަށް!

ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަޤްވާމީ ގޮތުން ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި އެމްއެމްޕީއާރިސީއާއި ބީބީސީ ގްލޯބަލް ނިއުސްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ފަރާތުން ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ، ބީބީސީގެ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކޮށްފައިވަނީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަން އެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި، ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ރާއްޖެ މާކެޓް ކުރުމެވެ. އަދި މި މެސެޖް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ވާހަކައިން ގެނެސްދިނުމެވެ.

މި ކެމްޕެއިނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ އެމްއެމްޕީއާރުސީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތްކަމަށެވެ. އަދި މިފަދަ ހަރަކާތްތަކަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމުގައި ތޮއްޔިބު ވިދާޅުވިއެވެ. ތޮއްޔިބް ވިދާޅުވީ ބީބީސީއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތައް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށެވެ. އަދި މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، މި ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީގެ އެކި ޕްލެޓްފޯމްތައް މެދުވެރުކޮށް ބައިނަލްއަޤްވާމީ ފެންވަރުގައި ޕްރޮމޯޓު ކުރެވޭނެކަމަށެވެ.

މިކަމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބީބީސީ ގްލޯބަލް ނިއުސްގެ ކޮމާޝަލް ޑިވެލޮޕްމަންޓު އޭޕެކްގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް، އެލިސްޓާ މެކްއިވާން ވިދާޅުވީ ފަތުރުވެރިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ދަތުރުފަތުރުކުރުމަށް ރާވަމުންދާއިރު، ރައްކާތެރިކޮށް ފަތުރުވެރިކަން ކުރެވޭނެ ގޮތްތަކާއި، ފަތުރުވެރިކަމާބެހޭ އެކި މަންޒިލްތަކުގެ ސައްހަ މައުލޫމާތު އަދި މަންޒިލްތަކުން ލިބޭ ސަޤާފީ އަދި ތަފާތު އެހެން ތަޖުރިބާތަކުގެ މައުލޫމަތު ބޭނުންވާކަމަށެވެ. އަދި ރާއްޖޭގެ މިފަދަ ވާހަކަތައް ބައިނަލްއަޤްވާމީ އޯޑިއަންސްއަށް ގެނެސްދިނުމަށް އެމްއެމްޕީއާރުސީއާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިވާތީ އެކަމާ އުފާކުރައްވާކަމަށާއި، ބީބީސީ ސްޓޯރީވޯކްސް އަކީ މިކަން ކުރުމުގެ އެތައް ގަރުނެއްގެ ތަޖުރިބާ ލިބިފައިވާ ބައެއް ކަމަށެވެ.

މިއީ އެމްއެމްޕީއާރުސީއިން ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މަޤްސަދުގައި ހިންގާ މި ކެމްޕެއިން ފަށާފައިވަނީ ޑިސެންބަރު 2021 ގައެވެ. މާޗް 2022ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާވާ މި ކެމްޕެއިންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ތަންތަން އަދި ސަޤާފަތް އެކި ބާވަތުގެ ކޮންޓެންޓު މެދުވެރިކޮށް ބީބީސީގެ ޑިޖިޓަލް އަދި ބްރޯޑްކާސްޓް ޕްލެޓްފޯމްތަކުގައި ގެނެސްދޭނެއެވެ. މިގޮތުން ރާއްޖޭގެ ވީޑިއޯތަކާއި އާޓިކަލްތަކާއި އިޝްތިހާރުތައް އަދި ސޯޝަލް މީޑިއާ ޕޯސްޓްތައް މި ކެމްޕެއިންގެ ތެރެއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމުކުރެވޭނެއެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ އައު އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި، މިފަދަ ހާލަތާއި ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓްކުރުމެވެ. މިގޮތުން ރާއްޖެއަކީ އެންމެ ރައްކާތެރި މަންޒިލްކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކުގައި އެޅިފައިވާ ހަރުދަނާ ފިޔަވަޅުތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ ރަށްތައް ގުދުރަތީ ގޮތުން އުފެދިފައިވަނީ ވަކި ވަކިން ކަމުން، މިއީ ގައިދުރުކަން ދެމެހެއްޓުމަށް ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. އަދި ރައްޖޭގެ ތަފާތު ހިދުމަތްތަކާއި، ތަޖުރިބާތައްވެސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕްރޮމޯޓުކުރެވޭނެއެވެ.

ރާއްޖެ ދުނިޔޭގެ ފެންވަރުގައި އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ބެލެނިވެރި ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ.

މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަލުން އާރާސްތުކުރުމަށް އެމްއެމްޕީއާރްސީ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގާ ބައިވެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކުގެ އެއްބާރުލެއްވުމާ އެކު ކުރިޔަށް ގެންދެވުނު ޙަރަކާތްތަކުގެ ނަތީޖާއަކަށްވީ، ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދުވަހުން ދުވަހަށް ހަލުވިކަމާއެކު އިތުރުވެގެން ދިއުމެވެ. ޤުދުރަތީގޮތުން އެކަހެރި ރަށްތަކަކަށް ބެހިފައިވާ ޤައުމަކަށްވުމާއި، ރާއްޖޭގެ ރިސޯޓުތަކަކީ ފެށުނީއްސުރެ ‘ވަން އައިލެންޑް، ވަން ރިސޯޓް’ ކޮންސެޕްޓްއަށް ހަދާފައިވާ ރިސޯޓުތަކަށްވުމާއި، މީގެއިތުރުން، ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަކީ ކޮވިޑްގެ ޙާލަތުގައިވެސް ފަތުރުވެރިންނަށް ރައްކާތެރި ތަނެއްކަމުގައި މުޅި ދުނިޔެއިން ބަލައިގަތެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ‘ވޯލްޑް ޓްރެވަލް އެވޯރޑްސް’ (ޑަބްލިއުޓީއޭ) 2021ގައި ‘ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން’ ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮއްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގާ ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ. މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: