ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލެންޑުގައި ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކެމްޕެއިނެއް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލެންޑް މާކެޓުގައި ރާއްޖެ އިޝްތިހާރުކުރުމަށް އިޓާކާ އާއެކު އެމްއެމްޕީއާރުސީ (ވިޒިޓް މޯލްޑިވްސް) އިން ކެމްޕެއިނެއް ފަށައިފިއެވެ.

އެއް މަހަށް ކުރިއަށް ގެންދާ މި ކެމްޕެއިން ފެށިފައިވަނީ މި ޖެނުއަރީ މަހުއެވެ.

30 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިޓާކާ އަކީ ޕޮލެންޑުގެ އެންމެ މަޤުބޫލު އެއް ޓުއަރ އޮޕަރޭޓަރެވެ. އިޓާކާއިން ދުނިޔޭގެ 100 މަންޒިލަކަށް ހާއްސަ ޓުއަރ ޕެކޭޖުތައް ޕޯލިޝް މާކެޓުގެ ކަސްޓަމަރުންނަށް ވިއްކައެވެ. 2018 ވަނަ އަހަރު އެކަނިވެސް އިޓާކާ އިން ވަނީ 915،000 ކްލައިންޓުންނާއި މުއާމަލާތްކޮށްފައެވެ.

ޕޯލިޝް މާކެޓުގެ 30% ހިއްސާކުރާ އިޓާކާ އަކީ އެ ޤައުމުގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކުރެވޭ ޓުއަރ އޮޕަރޭޓަރެކެވެ. އެމްއެމްޕީއާރުސީއިން އިޓާކާ އާއެކު ހިންގާ ކެމްޕެއިންގެ ސަބަބުން ރާއްޖެ މި މާކެޓުގައި އިތުރަށް އިޝްތިހާރު ވާނެ ކަމަށް ބެލެވެއެވެ.

އެމްއެމްޕީއާރުސީ އާއި އިޓާކާ ކުރިއަށް ގެންދާ ކެމްޕެއިންގެ ދަށުން ޑިޖިޓަލް އަދި އައުޓްޑޯ މާކެޓިންގެ ހަރަކާތްތައް ހިންގޭނެއެވެ. މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބޭ ތަފާތު ތަޖުރިބާތައް މި ކެމްޕެއިންގެ ޒަރިއްޔާއިން އިޝްތިހާރުކުރެވޭނެއެވެ. އަދި ރާއްޖޭ އަކީ ޕޯލިޝް މާކެޓްގެ ފަތުރުވެރިން ޒިޔާރަތް ކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖޭގެ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑުތަކާއި، މިތަންތަނުގައި އެޅިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި މަންޒިލްގެ އެންމެ ފަހުގެ ޓްރެވަލް ގައިޑްލައިންސް މި ކެމްޕެއިންގެ ޒަރިއްޔާއިން ޕޯލިޝް މާކެޓުގެ ފަތުރުވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކާއި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަންގައިދެވޭނެއެވެ.

މި ކެމްޕެއިންގައި ރާއްޖޭގެ އިޝްތިހާރުތަކާއި، މައުލޫމަތު ޕޯލިޝް ވެބްސައިޓްތަކާއި، ޕޯޓަލްތަކުގައި އަދި ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި ދައުރުކުރާނެއެވެ. އަދި ރާއްޖޭގެ މައުލޫމާތު ހިމެނޭ ޕުޝް މެސެޖްޓަކާއި، އީމެއިލް އިޓާކާގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭނެއެވެ. މީގެއިތުރުން ޕޯލިޝް އެޕް ޓީވީ މެދުވެރިކޮށް ރާއްޖޭގެ އިޝްތިހާރުތައް ދައްކާ، ޕޮލޭންޑުގެ އާންމުން ގިނަ ދެ ތަނެއްގައި ރާއްޖޭގެ އިޝްތިހާރު ދައްކާނެއެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ޕޯލިޝް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހެއްޓުމެވެ. އަދި މި ދަޑިވަޅުގައި ރާއްޖެއަށް ޑައިރެކްޓް ފްލައިޓް އޮޕަރޭޓްކުރާ ޕޮލޭންޑުގެ ހަމައެކަނި ފްލައިޓް މެދުވެރިކޮށް އަންނަ މީހުން އިތުރުކޮށް، ބުކިން އިތުރުކުރުމެވެ. ހާއްސަކޮށް ޕީކް ސީޒަންގައި މި މާކެޓުން ރާއްޖެ އަންނަ މީހުން އިތުރުކޮށް، ޗާޓާ އޮޕަރޭޝަންސްތައް އިތުރުކުރުމަށް މަގުފަހިކުރުމެވެ.

2021 ވަނަ އަހަރުގެ ޑިސެންބަރު 29 ގެ ނިޔަލަށް ރާއްޖެއަށް 1،323،706 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މީގެތެރެއިން 23,597 މީހުން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ ޕޮލޭންޑުންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެ، ހިންގަމުންނެވެ. މިގޮތުން އެމްއެމްޕީއާރުސީއިން ވަނީ ވެބިނާ، ރޯޑް ޝޯ، ފެމިލަރައިޒޭޝަން ޓްރިޕްތައް އިންތިޒާމްކުރުމުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ހިންގާފައެވެ. އަދި މިފަދަ މާކެޓުތަކުގައި ބާއްވާ ފެއާ އަދި އެގްޒިބިޝަންތަކުގައި ބައިވެރިވަމުންނެވެ.

2021 ވަނަ އަހަރު އެކަނިވެސް އެމްއެމްޕީއާރުސީއިން ރާއްޖޭގެ މަޤުބޫލުކަން ބައިނަލްއަޤްވާމީ ފެންވަރުގައި ދަމަހައްޓާ، އިތުރުކުރުމުގެ މަޤްސަދުގައި ވަނީ 22 މާކެޓަކަށް އަމާޒުކޮށް 260 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައެވެ. މީގެތެރޭގައި އެކި ނޫސް، މަޖައްލާ، ޓީވީ އިންޓަރވިއުތަކާއި، މާކެޓިން ކެމްޕެއިންތަކުގެ އިތުރުން ވެބިނާ، ފެމިލިރައިޒޭޝަން ދަތުރުތައް އަދި ފެއަރ އަދި އެގްޒިބިޝަންތަކުގައި ވަނީ ބައިވެރިވެފައެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައިވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ‘ވޯލްޑް ޓްރެވަލް އެވޯރޑްސް’ (ޑަބްލިއުޓީއޭ) 2021ގައި ‘ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން’ ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙުގާ ވަރަށް ޙާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޙާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮއްފައިވެއެވެ.

މީގެ ތެރޭގައި، 2022ވަނަ އަހަރުގެ ފުރަތަމަ ކުއާރޓާގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: