ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ މައްސަލައެއްގައި، ހާލަތު އޮވެމެ ހެއްކަށް ނުފޫޒު ފޯރުވާނެ ގޮތެއް ދައުލަތަށް ބުނެ ނުދެވުނު!

ޖިންްސީ ގޯނާ އާއި ދެކޮޅަށް މާލޭގައި ކުރިޔަށް ގެންދިޔަ ހިނގާލުމުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ހެއްކަށް ނުފޫޒު ފޯރުވާނެ ގޮތެއް ދައުލަށް ސާބިތުކޮށް ނުދެވިގެން، އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއް ބަންދުން ދޫކޮށްލުމަށް އުތުރުގެ އަތޮޅެއްގެ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ

މިއީ މިދިޔަ އަހަރުގެ އޮގަސްޓު 06 ގެ ހެނދުނުގެ ވަގުތެއްގައި 15 އަހަރުގެ އަންހެން ކުއްޖަކާއި މެދު ދަކަމުން ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއްގައި ތުހުމަތުގައި ހައްޔަރު ކުރި މީހާ މެޖިސްޓްރޭޓު ކޯޓަކުން ދޫކޮށްލި މައްސަލަކެވެ. ތިން ފަހަރެއްގެ މަތީން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ފަހު، ދައުވާ އުފުލައި ސެޕްޓެމްބަރު 22 ގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައި ވަނިކޮށް، ކޯޓުން އޭނާ މިނިވަން ކުރުމުން ދައުލަތުން މައްސަލަ ހައިކޯޓަށް ހުށަހެޅީ އެވެ.

މެޖިސްޓްރޭޓު ކޯޓުން އޭނާ ދޫކޮށްލީ ދެ ޝަރުތެއް ކުރުމަށްފަހު އެވެ. އެއީ މައްސަލައިގައި ހެކި ބަސް ދޭން ހުރި އެއްވެސް މީހަކާއި ބައްދަލު ނުކުރުމާއި، އެއްވެސް ގޮތަކަށް އެ ފަރާތަކަށް ނުފޫޒެއް ނުފޯރުވުން އަދި ލިއުމުން ހުއްދަށް ހުށަހަޅައި ނޫން ގޮތަކަށް ރަށް ދޫކޮށް ފުރައިގެން ނުދިއުމެވެ.

ޖިންސީ ގޯނަގެ ދައުވާތަކެއް އުފުލާފައިވަނިކޮށް ފިރިހެން މީހާ ބަންދުން ދޫކޮށްލި ސަބަބެއްކަމަށް މެޖިސްޓްރޭޓު ކޯޓުގެ ހުކުމުގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި މެދު ހައްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ (ނ) ވާގޮތަށް ބަންދު އަމުރެއް އެގޮތަށް ދެމެހެއްޓުމުގެ ބޭނުމެއް އިތުރަށް ނެތްކަމަށް ބެލެވުމެވެ.

ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ދައުލަތުން ބުނީ، ހެކީންގެ ގޮތުގައި ތިބީ ކުއްޖާގެ އާއިލާގެ މީހުންކަމަށާއި އެ މީހުންނާއި ފިރިހެން މީހާ އާއި ދުވަސްތަކެއް ކުރިން ދިމާވެ ގާތް ގުޅުމެއް އުފެދިފައިވާތީ ހެކި ބަހަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އެ ފިރިހެން މީހާއަކީ ރަށުގެ ގަދަރުވެރި އަދި ނުފޫޒުގަދަކަމަށް ބުނާ ވިޔަފާރިވެރިއަކަށް ވުމުން އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން އެކި ބޭނުންތަކަށް އޭނާގެ ފަރާރުން އެހީ ހޯދާފައިވާކަމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ވެއެވެ. އަދި މައްސަލަ ހުށަހެޅީ އެ މީހުންކަމަށްވާއިރު ޝަރީއަތުގެ އަޑުއެހުންތައް ފަށައި ހެކިން ހާޒިރު ކުރުމުގެ މަރުހަލާ ނިމިފައި ނުވުމުން އޭނާ ބަންދުން ދޫކޮށްލާފައި ވަނީ ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ގާނޫނު ނަމްބަރު 2016/12 ގެ 212 ވަނަ މާއްދާގެ (ނ) އާއި ގާނޫނު ނަމްބަރު 2009/12 ގެ 36 ވަނަ މާއްދާއާއި ހިލާފަށްކަމަށް ދައުލަތުން ބުންޏެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށްތައް ކުރާ މީހުންނަކީ އެ މީހުންގެ ނުރައްކާ މުޖްތަމައުއަށް ނުފޯރާ ގޮތަށް އެކަހެރިކޮށްފައި ތިބެންޖެހޭ ބައެއްކަމަށް ހައިކޯޓުގެ ގަޒިއްޔާއެއްގައި ބުނެފައިވާ ނުކުތާ ފާހަގަކޮށް ދައިލަތުން ބުނީ ފިރިހެން މީހާ ބަންދުން ދޫކޮށްލީ ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި ހިލާފަށް ކަމަށެވެ. އެހެންވެ ދައުލަތުން އެދުނީ މެޖިސްޓްރޭޓު ކޯޓުގެ ހުކުމް ބާތިލުކޮށް، ފިރިހެން މީހާ ޝަރީއަތް ނިމެންދެން ރިމާންޑު ޖަލެއްގައި ބަންދު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.

ރައްދުގައި ފިރިހެން މީހާގެ ފަރާތުން ބުނީ، ހެކިންނަށް ނުފޫޒު ފޯރުވަފާނެކަމަށް ދައުލަތުން ބުނާ ބުނުން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ހެކިތަކުން ހަމައެކަނި އެނގެން އޮތީ، އެ ގެއަށް އޭނާ ދާން ފެށީ ތިން މަސްކުރިންކަމާއި އެވެސް ދެ ފަހަރަކުކަމަށްވުމުން ނުފޫޒު ފޯރުވޭނެފަދަ ގާތް ގުޅުމެއް ނޯންނާނެ ކަމަށެވެ. އަދި އެނާއަކީ މުޖްތަމައުގެ ގަދަރުވެރި މަގާމެއްގައި ހުރި މީހަކަށްވުމުން ނުފޫޒު ފޯރުވޭނެކަމަށް ބުނި ނަމަވެސް އެފަދަ ހާލަތެއް އުފެދޭނެ ގޮތެއް ދައުލަތަށް ބުނެ ދެވިފައި ނުވާކަމަށް ބުންޏެވެ.

ހައިކޯޓުން މައްސަލައިގައި ބުނީ ދައުލަތުން ފިރިހެން މީހާ ހެއްކަށް ނުފޫޒު ފޯރުވަފާނެކަމަށް ބުނަނީ ހެކިވެރިންނާއި ތުހުމަތު ކުރެވޭ މީހާއާއި އޮތް ގުޅުމެއްގެ ސަބަބުން ކަމަށެވެ. އަދި އޭނާ މުޖްތަމައުގައި އަދާ ކުރާ މަސައްކަތުގެ ސަބަބުން ގަދަރު ލިބިފައިވާތީ ކަމަށެވެ. ނަމަވެސް އެ ބާރު ބޭނުންކޮށް ހެއްކަށް ނުފޫޒު ފޯރުވޭނެ ގޮތެއް ނުވަތަ ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާކަމަށް ހުކުމުގައި ވެއެއެވެ. ދައުވާ ފޯމުތަކުން އެއް ފޯމުގައި ފިރިހެން މީހާ އެ ގެއަށް ދިއުމުގެ އިތުރުން ކުއްޖާގެ ފަރާތުން ހުށަހަޅާފައިވާ އެއް ހެކިވެރިއެއްގެ އެދުމަށް ގެއަށް މަސް ގެންގޮސް ދިނުމާއި، އަދި ސައިކަލު ހަދައިދިން ކަމަށް ބުނެފައިވާއިރު ނަމާދުކޮށް ގުރުއާން ކިޔަވަން ބުނެ ވަރަށް ގިނައިން ނަސޭހަތް ދޭ ކަމަށް ބުނެފައިވާ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ. އަދި އެ ކުދިންގެ މަންމަ ހެކިވެރިޔާގެ ފަރާތުން ދިހަ ހާސް ރުފިޔާގެ ލޯނަކަށް އެދުނުކަން ފޯމުތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ކުއްޖާގެ ބަޔާނުގައި އޭނާ ވަރަށް ގިނައިން އެގެއަށް އަންނަކަމަށް ބުނެފައިވުމާއި، މައްސަލަ ކޯޓަށް ހުށަހަޅަން އުޅޭކަން އެނގި އެގޮތަށް އެކަން ނުކުރުމަށް ގުޅައި އަދޭސްކުރިކަމަށް ބުނާއިރު މިއީ ނުފޫޒު ފޯރުވޭނެ ހާލަތެއްކަން ކޯޓުން ވެސް ފާހަގަ ކުރެ އެވެ. ނަމަވެސް ދައުލަތަށް އެކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށް މައްސަލައިގައި ވެއެވެ.

ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ ރައުޔަށް ފަނޑިޔާރު މުހައްމަދު ފައިސަލް ތާއީދު ކުރެއްވި އެވެ.

މި މައްސަލައިގައި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔު ތަފާތެވެ. ފަނޑިޔާރުގެ ރައުޔުގައި ވަނީ މިފަދަ މީހުންނާއި މެދު އަމަލު ކުރަންވާނީ، ގާނޫނުގައި އެ މީހުންޏާއި މެދު ދެކެފައިވާ ނަޒަރުންކަން ފާހަގަކޮށް ފަނޑިޔާރުގެ ރައުޔުގައި ވަނީ މިފަދަ މީހުންނަކީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއްކަމަސް ބަލައިގެން ހެކި ފޮރުވުމަށް ނުވަތަ ނުފޫޒު ފޯރުވަފާނެކަމަށް ބަލައިގެން ކަމަށެވެ. އަދި ބަންދުގެ ދެމެހެއްޓުމުގެ ބޭނުމެއް ނެތްކަމަށް ފިރިހެން މީހާ ބުނާ ބުނުން ސައްހަކަމަށް ކަނޑައެޅިދާނެ ގާނޫނީ ހުއްޖަތެއް އޮތްކަން ގަބޫލު ނުކުރާކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފިރިހެން މީހާ އާއި ކުއްޖާގެ އައިލާއާއި ގުޅުން އޮތުމުން ނުފޫޒު ފޯރުވިދާނެކަން އެނގެން އެބައޮތްކަމަށް ވެސް ފަނޑިޔާރު ޝަފީއުގެ ރައުޔުގައި ވެއެވެ. އެހެންވެ ފިރިހެން މީހާ ބަންދުން ދޫކުރަން މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރު ބާތިލު ކުރަންޖެހޭކަމަށް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވި އެވެ.

ތުހުމަތު ކުރެވޭ ފިރިހެން މީހާ ބުނީ އޭނާ އެއަށް ދިޔައީ ހާދިސާ ހިނގިކަމަށް ބުނާ ތާރީހުގެ ތިން މަސް ކުރިންކަމަށާއި، އެގެއަށް ގޮސްފައިވާނީ ދެ ފަހަރު ކަމަށެވެ.

މައްސަލައިގައި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އިއްތިފާގުން ނިންމީ، ފިރިހެން މީހާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމް ބާތިލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވީ ފަނޑިޔާރު ފާތުމަތު ފަރުހީޒާ އާއި، ފަނޑިޔާރު މުހައްމަދު ފައިސަލްގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ފަރުހީޒާ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: