ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޖެކްޝަނަކުން މީހަކު މަރާލާނެ ގޮތް ލަމްހާ ގޫގުލް ކުރި!

މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާ
ޝެއާރކޮށްލާ ކަހަލަދޯ؟

މީހެއްގެ ގަޔަށް އިންޖެންކްޝަނެއް ޖަހައި، އެނާގެ ހަށިގަނޑަށް ނުރައްކާ ކުރާނެ ގޮތް އިންޓަނެޓުން ހޯދައި އެކަމުގެ މައުލޫމާތުތައް ހަލީމަތު ލަމްހާ އޭނާގެ ލޯބިވެރިޔާ މާވިން އެސްވައިއަށް ކިޔައިދިންކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި އަދި ހަލީމަތުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ފަށާފަ އެވެ.

މިދިޔަ އޮކްޓޯބަރު 19 ގައި، މޭރީގެ މަރުވެފައިވާ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ، ނަރުހެއްގެ ގޮތުގައި ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަ އޭނާގެ ފިރިމީހާ މާވިން އެސްވައި އެވެ. ވިއްސާރަ ދުވަހެއްގައި ވާރެއާއި ތެމިގެން ހުރެ މާވިން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ދަންޖެހުނީކަމަށް ބުނެ އެވެ. އެކަމަކު އެ މަރުގައި ޝައްކުވާ ކަންތަކެއް ހުރުމުން ފުލުހުން އެ މައްސަލަ ތަހުގީގުކޮށް މާވިންގެ ޕާސްޕޯޓު ހިފެހެއްޓި އެވެ. އަދި އޭގެ ފަހުން މާވިން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ އެޕާޓްމަންޓް ބަލާ ފާސްކޮށް އޭނާ ހައްޔަރު ކުރީ އެވެ.

މި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިޔަށް ގެންދަނީ ވަކީވަކީންނެވެ. އެގޮތުން ލަމްހާގެ ޝަރީއަތުގައި ދައުލަތުން ބުނީ އިންސާނެއްގެ ހަށިގަނޑަކަށް އިންޖެކްޓުކޮށް އެ މީހެއްގެ ފުރާނައަށް ނުރައްކާ ކުރާނެ ގޮތްތައް ބަލައި، އޭނާ އެކަން ކުރާނެ ގޮތް މާވިންއަށް ކިޔައިދިން ކަމަށެވެ. ދައުލަތުގެ ވަކީލް ޕްރޮސެކިއުޓާރ އައިޝަތު ޝަމާ ވިދާޅުވީ މާވިން އާއި ލަމްހާ ދެމެދުކުރި ބައެއް މެސެޖުތައް ތަހުގީގަށް ހޯދާފައިވާ ކަމަށެވެ. އަދި އެ ހެކިތައް ޝަރީއަތަށް ހުށަހަޅާނެކަމަށް ވިދާޅުވި އެވެ. އެ މެސެޖުތަކުގެ ތެރޭގައި ވަކި ވައްތަރެއްގެ އިންޖެކްޝަނެއް ޖަހައިގެން މީހަކު މަރުވެދާނެކަން ޔަގީންކުރުމަށް ބުނެފައިވާކަމަށް ވެސް ދައުލަތުން ފާހަގަ ކުރި އެވެ.

މީގެ އިތުރުން މީހަކު ހޭނައްތާލެނެ ގޮތް، އިންޓަނެޓުން މާވިން ވެސް ހޯދާފައިވާކަމަށް ވަކީލު ވިދާޅުވި އެވެ.

ދައުލަތުން މިއަދުގެ ޝަރީއަތުގައި އެދުނީ، މައްސަލަ ނިމެންދެން ލަމްހާ ބަންދުކޮށްދިނުމަށެވެ.

ލަމްހާގެ ވަކީލު މިއަދުގެ އަޑުއެހުމުގައި ވިދާޅުވީ ދައުލަތަށް ލަމްހާ އާއި ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށެވެ. ރައްދުގައި ދައުލަތުން ބުނީ ދައުވާތައް ސާބިތު ކުރުމުގެ މަރުހަލާގައި، އެ ހެކިތައް ހުށަހަޅާނެކަމަށާއި، ލަމްހާ ދިރިއުޅުނު ކޮޓަރީގެ ތެރެއިން މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ބޭސްތަކާއި، އިންޖެކްޝަންސްތައް ފެނިފައިވާ ކަމަށެވެ. އަދި އެތަކެތީގެ ތަހުލީލަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ދައުލަތުން ވިދާޅުވި އެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އެވެ. ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް 06 އަހަރާއި 04 މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ފުލުހުން ބުނީ މޭރީ މަރާލާފައި ވަނީ މާވިން އާއި ލަމްހާ އެކަމަށް ދުރާލާ ރާވައިގެން މ. އުދުހޭކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގައިކަމަށެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުން މޭރީ މަރާލާފައި ވަނީ އޭނާގެ ނޭވާ ހާސްކޮށްލައިގެންނެވެ.

ލަމްހާގެ މައްޗަށް ކުރެވޭ ތުހުމަތުތައް މީޑިއާތަކުން ފާހަގަ ކުރުމުން އޭނާ ވަނީ އަމިއްލައިން ރާއްޖޭގެ އޮންލައިން ނޫހަކަށް އިންޓަވިއުއެއް ދީ މޭރީގެ މަރުގައި އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށް ބުނެފަ އެވެ. އަދި ކުރެވޭ ތުހުމަތުތައް ދޮގުކޮށް ހޮސްޕިޓަލުގެ އެހެން ނަރުހުންނާއި ގުޅޭގޮތުން ވާހަކަ ދައްކާފައި ވެއެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 25%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: