ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހޯމް ސްޓޭ ޓުއަރިޒްމް ކުރިއަށްގެންދާނީ ކައުންސިލްތަކުން އެއްބާރުލުން ލިބޭ ރަށްތަކުގައި: މިނިސްޓަރ

ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް ސްޓޭ ޓުއަރިޒްމް ކުރިއަށްގެންދާނީ ކައުންސިލްތަކުގެ އެއްބާރުލުން ލިބޭ ރަށްތަކުގައި ކަމަށާއި ހޯމް ސްޓޭ ޓުއަރިޒްމްއާއެކު އިގްތިސާދު ފުޅާވެގެންދާނެކަމަށް ޓުއަރިޒްމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހޯމް ސްޓޭ ޓުއަރިޒްމްއަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބެމުންދާ ކަމަށެވެ. މިދައުރަށް އިންތިހާބުވެފައި ތިބި ކައުންސިލަރުންނަކީ ވަރަށް ގާބިލް، ކުޅަދާނަ ބައެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރިޒޯޓްތަކުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކޮށްފައިތިބި މީހުން ކައުންސިލްތަކުގައި އެބަތިބި ކަމަށާއި އެއީ ސިކުނޑި ތަޣައްޔަރުވެފައިވާ ބައެއްގެ ގޮތުގައި މީހުން ސިފަކުރި ކަމުގައިވިޔަސް އެމީހުންނަކީ އަހުލާގު ރަނގަޅު އަދި މަސައްކަތަށް ބަރާބަރު ބައެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ހޯމް ސްޓޭ ޓުއަރިޒްމްއަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓުއަރިޒްމްއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް ފުޅާވެފާކަމަށެވެ. އެގޮތުން 2010 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތެރޭގައި ގެސްޓްހައުސް ތައާރަފްކުރެވި، މިހާރު 90 ރަށުގައި ގެސްޓްހައުސްތައް ހިންގަމުންދާކަންކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު މިއޮތީ ސީދާ ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތަށް ކަންކަން މަގުފަހިކޮށްދެވިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ތިން ހަތަރު މިލިޔަން ރުފިޔާގެ އިންވެސްޓްމަންޓްކުރުމުގެ ފުދުންތެރިކަން ނެތް ފަދަ ރައްޔިތުންނަށް އޮތް ފުރުސަތެއް މިއީ. ގެސްޓެހައުސްއެއްގައި ހުންނަންޖެހޭ ރެސްޓޯރަންޓެއް ކޮންމެހެން ހުންނާކަށް ނުޖެހޭ. ކޮންމެހެން ތިން ކޮޓަރިއަށްވުރެ ގިނަވާކަށް ނުޖެހޭ. ވަކި ރިސެޕްޝަނެއް ހުންނާކަށް ނުޖެހޭ!” މިނިސްޓަރ

ހޯމް ސްޓޭ ޓުއަރިޒްމް ކުރިއެރުވުމުގައި ރަށްތަކުގެ ކައުންސިލްތަކުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރެއްވިއެވެ. ހޯމް ސްޓޭ ޓުއަރިޒްމްއަކީ ގޯސްކަމެއްގެ ގޮތުގައި ވަކި ބަޔަކު ދައްކަން މަސައްކަތްކުރާ ކަމަށާއި ގިނަ ފަހަރު އެވާހަކަތައް ގުޅިފައި ހުންނަނީ ކޮންމެވެސް އެހެން ކަމަކާއި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  ހޯމް ސްޓޭއާއި ދެކޮޅަށް ދައްކާ ވާހަކަތައްވެސް ގިނަ ފަހަރަށް ކޮންމެވެސް ގުޅިފައިވާކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުގައި އިންޑިޔާ އައުޓް ކެމްޕެއިނާއި މިވާހަކަތައް ގުޅުވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ބައެއް ހާލަތްތަކުގައި ހޯމް ސްޓޭ ޓުއަރިޒްމްގެ ސަބަބުން ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ހަގީގަތުގައިވެސް ކަންބޮޑުވުންތައް ހުރި މީހުންނާއި ދިމާވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެކަންކަމަކީ ގުޅިގެން ހައްލުކުރެވޭނެ ކަންކަންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހޯމް ސްޓޭ ޓުއަރިޒްމް ތައާރަފްވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް ސަރުކާރަށާއި މިކަމަށް އަމާޒުވެގެންދިޔައެވެ. މިކަމުގެ ސަބަބުން އެހެން ދީންތަކުގެ ކަންކަން ފެތުރިގެންދާނެ ކަމަށާއި ނިވާކަންކުޑަ ހެދުން ލުންފަދަ ކަންކަން ރަށު ތެރޭގައި އާންމުވެ އެކަމުގެ ސަބަބުން ރާއްޖޭގެ އާދަކާދަތަކާއި އުސޫލުތަކަށް ބުރޫ އަރާނެކަމަށް ބުނެ ގިނަ ބައެއްގެ ނުރުހުން މިކަމަށް އަމާޒުވެގެންދިޔައެވެ. މިފަދަ ވާހަކަތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ ދިވެހިންގެ އަގީދާއަކީ ވަރުގަދަ އެއްޗެއް ކަމަށާއި ފެށުނީއްސުރެވެސް އެކަން އޮތީ އެގޮތަށް ކަމަށެވެ.

“ކާބަފައިންގެ ޒަމާނުއްސުރެ ރާއްޖޭގައި އޮތީ އިސްލާމްދީން. ދިވެހިން އެނޫން ދީނަކަށް ފުރުސަތެއް ނުދޭނެ. ދިވެހިން ފުރުސަތު ނުދޭ ކަމަކަށް ބޭރު މީހުންނަކަށް ޖާގައެއް ނުހޯދޭނެ” މިނިސްޓަރ

މިނިސްޓަރ ވިދާޅުވީ ގެސްޓްހައުސް ވިޔަފާރީގައި ދިވެހިން 12 އަހަރު ހޭދަކުރިއިރު، އެފަދަ ގޯސްތަކެއް ހުރިނަމަ އެކަންކަމަށް ރިއާޔަތްކުރެވި ހައްލުކުރުމަށް މަސައްކަތްކުރެވިފައިވާނެ ކަމަށެވެ. ގެސްޓްހައުސްއިން ހޯމް ސްޓޭ ހެސްޓްހައުސްއަށް ބަދަލުވެގެންދިޔައިރު ކައުންސިލްތަކާއި ވިޔަފާރިތައް ހިންގާ ފަރާތްތަކުގެވެސް ޒިންމާއެއް އޮންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ހޯމް ސްޓޭ ޓުއަރިޒްމްއާއެކު ރާއްޖޭގެ އިގްތިސާދު ކުރިއަރައިދާނެކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ފަތުރުވެރިކަމުގެ ވާހަކަތައް ދެކެވޭ ހިސާބުން ފަތުރުވެރިންނަކީ ގޯސް ބައެއްގެ ގޮތުގައި ދެކޭ ދެކުން ބަދަލުކުރަންޖެހޭކަމަށާއި ރާއްޖެއަށް އަންނަ ފަތުރުވެރިންނަކީ ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ބަލައި އެކަންކަން ތަޖުރިބާކުރުމަށް އަންނަ ބައެއްކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: