ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއިން މަސައްކަތްކުރަނީ ނޭންގުމާއި ޖަހާލަތަކީ ފެޝަންކަމަށް ދައްކަން: ޖަމީލް

ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު. ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން މަސައްކަތްކުރަނީ ނޭންގުމާއި ޖަހާލަތަކީ ފެޝަންކަމަށް ދެއްކުމަށްކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންއާއި ދިމާކޮށް ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ ޖަމީލް ވަނީ ސަރުކާރު ހިންގެވުމުގައި ގެންގުޅުއްވާ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް ހިންގަން ހަވާލުކޮށްފައިވަނީ އެކަން ކުރަން ނޭންގޭ މީހުންނަށް ކަމަށާއި ވެރިކަމަށް އައުމަށްޓަކައި ކުރި ކެމްްޕެއިންތަކުގެ ތެރޭގައި ކުރުމަށް ބުނި އެއްވެސް ކަމެއް މިހާތަނަށް އައިއިރު ކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި ނުކުރުމަށް ވައުދުވެފައިވާ އެތައް ކަމެއް ކުރަމުންދާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ ޖާހިލުކަން މިމިންވަރަށް ޕްރޮމޯޓްކުރާ ބަޔަކު ރާއްޖޭގައި މިހާތަނަށް ވެރިކަން ކޮށްފައިނުވާ ކަމަށެވެ. ތަނެއްގައި އެއްޗެއް އެނގޭ މީހަކު ހުރިއްޔާ މިސަރުކާރުން ވަނީ ބާކީ ކޮށްލާފައި ކަމަށާއި ތަންތަނުގެ މަތިފަޑީގައި ތިބީ ތަންދޮރު ނުދަންނަ މީހުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ކުންފުނިތައް ބަނގުރޫޓުވެގެންދަނީ ތަންދޮރު ނުދަންނަ މީހުން ތަންތަނުގެ މަގާމްތަކުގައި ތިބުމުންކަމަށްވެސް ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލްގެ ވާހަކަތަކުގެ ތެރެއިން މިސާލެއްގެ ގޮތުގައި އައިލަންޑް އޭވިއޭޝަންގެ ވާހަކަތައް ވަނީ ފާހަގަކުރައްވާފައެވެ. އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އައިޝަތު ޖެނިފާއަށް ފާޑުވިދާޅުވެ ކުންފުނި 125 މިލިޔަން ޑޮލަރުން ބަނގުރޫޓުވެފައިވާކަމަށް ވިދާޅުވިއެވެ. އިދިކޮޅުގެ ބޭފުޅުންގެ އެކި ވާހަކަތަކުގައި މިފަހަކަށް އައިސް އައިލަންޑް އޭވިއޭޝަންއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތައް ވަނީ އިތުރުވެފައެވެ. އަދި ސަރުކާރުން އިންޑިޔާގެ ކުންފުންޏަކަށް ވިއްކާލުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ތެރޭގައި އައިލަންޑް އޭވިއޭޝަން ހިމެނޭކަމަށް އިދިކޮޅުން އަންނަނީ ތުހުމަތު ކުރަމުންނެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަހުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާގޮތަށްވެސް ޑރ ޖަމީލް ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވާއިރު ގުރްއާންގެ އާޔަތްތައް ބޭނުންނުކުރެއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމާއި ގުޅޭގޮތުން ވަނީ ސުވާލު އުފައްދަވާފައެވެ. ގުރްއާންގެ އާޔަތްތައް ވާންޖެހޭނީ އޭގެ ސަބަބުން މީހުންނަށް ހިތްހަމަޖެހުން ލިބޭކަމެއް ކަމަށާއި އެހެންނަމަވެސް ރައީސް ނަޝިދު ބޭނުންފުޅުވަނީ މަޖިލީހުގެ ތެރޭގައި ގުރްއާންގެ އާޔަތްތައް ބޭނުންނުކުރަންކަމުގައި ވިދާޅުވިއެވެ.

 “ރައީސް ނަޝީދަށް ގުރްއާން އަޑުއިވުމުން އުނދަގޫވޭ! މިހާތަނަށް އައިއިރު ޖަހާލަތާއި ކަންކަން ނޭންގުން ޕްރޮމޯޓްކުރާ ސަރުކާރެއް މިނޫނީ ނެތް!” ޑރ ޖަމީލް

ޑރ ޖަމީލް ވިދާޅުވީ މިހާރު މިއޮތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަކީ ޖާހިލުކަމާއި ނޭންގުން ޕްރޮމޯޓްކުރާ ސަރުކާރެއް ކަމަށެވެ. އެކަން އެގޮތަށް ދިމާވަނީ ޖާހިލު ވެރިއެއް ހުރުމުގެ ސަބަބުންކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. މިވާހަކަތަކާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ދައްކަވާ ބައެއް ވާހަކަތައްވެސް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ދަރިވަރުންގެ އިސްލާމް ފޮތްތަކުން ގުރްއާންގެ ވާހަކައާއި ދީނުގެ ކަލިމަތައް އުނިކުރުމަށް މެމްބަރުން ގޮވާލާފައިވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެނޫންވެސް ބޭފުޅުން ރަށްތަކަށް ވަޑައިގެންނެވުމުން ކުރަންޖެހޭ ސުވާލުތަކެއްވާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އެގޮތުން ޝަރުއީ ނިޒާމް މިހާތަނަށް އައިއިރު އިސްލާހު ކުރެވިފައިނުވަނީ ކޮން މެޖޯރިޓީއެއް ނުލިބިގެންތޯ އެބޭފުޅުންނާއި ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސް ސޯލިހު އިސްކޮށް ހުންނަވާ އިސްވެ ހުންނަވާ ކޯޓުތަކަށް އަތް ބާނަމުންދަނީ ކިއްވެތޯއާއި އެކަން ނުހުއްޓުވެނީ ކޮން މެޖޯރިޓީއެއް ނެތިގެންތޯ ސުވާލުކުރައްވަން ޖެހޭކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ކުޑަދުވަސްކޮޅެއް ބާކީ އޮތްއިރު ސަރުކާރުންނާއި އިދިކޮޅު ދެ ޕާޓީއިންވެސް އަންނަނީ ވަރަށް ފޯރިއާއެކު ކެމްޕެއިން ކުރިއަށް ގެންދަމުންނެވެ. ސަރުކާރުން ގިނަ މަޝްރޫއުތަކެއް އެދާއިރާގައި މިވަގުތުވެސް ހިންގަމުން އަންނާތީ އެއީ ނުފޫޒު ފޯރުވުމުގެ ގޮތުގައި އިދިކޮޅުން އަންނަނީ ސިފަކުރަމުންނެވެ. އަދި އެކަން އިލެކްޝަންސް ކޮމިޝަނާއިވެސް ހިއްސާކޮށް ދާދިފަހުންވެސް ވަނީ މިއިންތިހާބު މިނިވަންކޮށް ކުރިއަށްގެންދިޔުމަށް ބޭނުންވާކަމަށް ބުނެ ތިން ކަމެއް އިލެކްޝަންސްއަށް ހުށައަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: