ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ އިސްވެރިންގެ ޤާނޫނީ ޒިންމާއުފުލަން ނުކެރުމަކީ ޤާނޫނު އަސާސީ ކަންފަތިވުން: ރައީސް ޔާމީން

ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގައި  ތިބި އިސްމީހުންނަށް އެމީހުންގެ ޤާނޫނީ ޒިންމާ އުފުލަން ނުކެރޭ ނުކެރުމަކީ ޤާނޫނު އަސާސީ ކަންފަތިވުންކަމުގައި ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ޗެނަލް 13އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ކޮމަންޑޫ ދާއިރާ އިންތިހާބާއި ގުޅިގެން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ގޮނޑި އަދަދު އިތުރުވެގެން ފާއިތުވެދިޔަ ތިން އަހަރު ސަރުކާރަށް ކުރެވުނު  ކަމެއް ނެތްކަމާއި ދެންވެސް ކުރެވޭނެ ކަމެއް ނެތް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެކަން ކޮމަންވެލްތުގެ އޮބްޒާވަރ ގުރޫޕްގެ ރިޕޯޓްގައި ހިމަނާފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިއްބެވީ ކޮރަޕްޝަނުގެ ޢަމަލުތަކުގެ މަތީގައި ކަމަށް  ތުހުމަތު ކުރެއްވައި ރައީސް ޔާމީން ވިދާޅުވީ މިތިން އަހަރަކީ މިހާތަނަށް ސަރުކާރަކުން ޤާނޫނާއި ހިލާފަށް އެންމެ ގިނަ އަމަލު ހިންގި ތިން އަހަރުކަމަށެވެ. މުޅި ދައުލަތް ނުކުމެތިބީ އިންޑިއާ އައުޓް ހުއްޓުވަން ކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމަކީ ހަމައެކަނި ރައްޔިތުންގެ މަޖިލީސް މެމްބަރުންގެ ހައްގެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެއީ އެންމެނަށް ޤާނޫނު އަސާސީން ލިބިފައިވާ ހައްގެއްކަމަށް ވިދާޅުވިއެވެ. ޚާރިޖީ ސިޔާސަތަށް ބުރުއަރާ ޤާނޫނު ފާސް ކުރެވިދާނެ ކަމަށާއި ނަމަވެސް އިންޑިއާ އައުޓް ކިއުން ނުހުއްޓޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ރައްޔިތުން އެކަން ނުހުއްޓާނެ ކަމަށާއި އެކަން ހުއްޓުވަން ބޭނުންނަމަ މިވަގުތުވެސް މަގުމަތިން ބިޑިއަޅައިގެން ގެންގޮސް ޖަލަށް ލާންވީ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

“އުތުރު ތިލަފަޅުގެ އެއްބަސްވުން ހާމަކުރަން ނުކެރިގެން އުޅެނީ ޤައުމީ ސަލާމަތާއި ގުޅުން ހުރި މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް އެސަބަބު އާންމު ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވޭ” ރައީސް ޔާމީން

ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާއި ސިފައިންނަށް އިންޓަލިޖަންސް ލިބޭ ހަމައެކަނި މަސްދަރަކީ އިންޑިއާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ސަލާމަތުން ދެމިއޮތުމުގައި ބޭނުންކުރެވެނީ ހަމައެކަނި  އިންޑިޔާއިން ދޭ އިންޓެލިޖެންސް މައުލޫމާތުތޯ ވަނީ ސުވާލު އުފައްދާފައެވެ. މިސަރުކާރަށް ލިބޭނީ އިންޑިޔާއިން ފުރާނާލާފައި ދިން އެއްޗެއް އެކަނި ކަމަށްވެސް ވިދާޅުވިއެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ގެއްލުމެއް ކުރިޔަސް ނުވަތަ ނުރައްކަލެއް ދިނަސް އެކަން ކުރާނީ އެމްޑީޕީގެ ފަރާތުންކަމަށެވެ. އަދި އެކަން ކުރުމަށް ފަހު ޕީޕީއެމް ބޮލުގައި އަޅުވައި އެކަން ދިމާވީ އިންޑިއާ އައުޓް ކެމްޕޭންގެ ސަބަބުން ކަމުގައި ބުނާނެ ކަމަށާއި އެއީ އެމްޑީޕީއިން އަބަދުވެސްކަން ކުރަމުން އަންނަގޮތް ކަމަށް ވިދާޅުވިއެވެ.

އިގްތިސާދީ ހާލަތަށް އަލިއަޅުއްވާލައްވައި ރައީސް ޔާމީން ވިދާޅުވީ ޑޮލަރުގެ އަގު އުފުލިގެން ދިއުމަކީ އާކަމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޑޮލަރުގެ ތާށިކަން އައި ނަމަވެސް އެކަން ހައްލު ވި ކަމަށާއި މި ސަރުކާރުގެ ހާލަތު އެއަށްވުރެ ގޯސް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. ރާއްޖޭގެ ވިޔަފާރި ތަކާއި ޚިދުމަތުގެ އަގު އުފުލިގެން ދާނެ ކަމަށާއި އޭގެތެރޭގައި ގޭގެ ކުއްޔާއި ތެލާއި އާންމު ވިޔަފާރިތައް ހިމެނޭ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރު ހިންގަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް ކަމުގައި ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ކޮވިޑުގައި ނެގެން ހުރި ފައިދާތައް ސަރުކާރުން ނުނެގީ ކީއްވެތޯ ސުވާލު އުފައްދަވައި ރައީސް ޔާމީން ވިދާޅުވީ ރިސޯޓް ހެދުމަށް އިންވެސްޓަރުންނަށް ފުރުސަތު ހުޅުވާލެއްވި ނަމަ ކޮވިޑްގެ ތެރޭގައިވެސް ރަށްތައް ތަރައްގީކުރެވުނީސް ކަމުގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލު ހިންގުމަށް ބޭނުންވާ ފައިސާގެ ބަދަލު ރައްޔިތުންގެ ކިބައިން ނުހޯދި ނަމަވެސް ހިދުމަތަށް ކޮންމެވެސް އަގެއް ހޮސްޕިޓަލް ބޭނުންކުރާ މީހުން އަތުން ނެގުމަށް އެމަނިކުފާނުގެ ވިސްނުމުގައި ހުރިކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމާއި ދުވަހުން ދުވަހަށް މަސް ކިރުމުގައި މިސަރުކާރު ފެެއިލްވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި މަސްވެރިންނަށް މަސްކިރުމާއި ގަތުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދީފައިވާނެކަމަށާއި ނަމަވެސް މިއަދު މިވަނީ އިޤްތިސާދީ މައްސަލަތަކަށް އަޅާނުލެވި ހައްލު ނުކުރެވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރުން މަޝްރޫއުތައް ހިންގަމުން އަންނަނީ ޤާނޫނާއި ހިލާފަށް ކަމަށާއި އެކަން ކުރަމުން އަންނަނީ ދައުލަތުގެ ބަޖެޓުގައި ހިމެނިފައި ނެތް ބަޖެޓުން ބޭރު މަޝްރޫއުތަށް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. މިސަރުކާރުގެ ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމުގެ މަޝްރޫއުތަކަށް ފާޑުވިދާޅުވެ ހިއްކާ ނިމިފައިވާ ފަޅުތައް އަލުން ހިއްކަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އެކަން އެހެން ދިމާވަނީ މަޝްރޫއުތަކުގެ ފެންވަރު ދަށްވުމުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކޮމަންޑޫ ދާއިރާގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓަށް ބެލުމެއްވެސް ނެތިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިސަރުކާރަކީ ނަމުން މުއްސަނދި، ކަމުން ސުމެއްގެ ސަރުކާރެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ޔާމީން ވިދާޅުވީ ހުރިހާ ކަމަކަށް ފަތިސް އައިސްގެން ނިންމާލާނަމަ އެއްވެސް ކަމެއް ފުރިހަމައަށް ނިންމާނުލެވޭނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: