ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުގެތަކަށް އިތުބާރެއް ނެތް: މައްސަލައަކީ ރައީސް ޔާމީން މިނިވަންވުން!

އެމްޑީޕީގެ ބައްދަލުވުމެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރު ގެތައް އަދިވެސް މިނިވަންނުވާ ކަން ފާހަގަކޮށް ރައީސް އަބްދުﷲ ޔާމީން މިނިވަންވެގެންދިޔައީ ފަނޑިޔާރުގެތަކުން އިންސާފުވެރިކޮށް މަސައްކަތް ނުކުރާތީކަމަށް އެމްޑީޕީ މެމްބަރުން ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީ މެމްބަރުން ވަނީ ރައީސް ޔާމީން މިނިވަންވެގެންދިޔައީ ފަނޑިޔާރުންގެ އިހުމާލުންކަން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ފަނޑިޔާރުގެތައް އަދިވެސް އިންސާފުވެރިނުވާކަމަށާއި ރައްޔިތުންގެ އިތުބާރު ފަނޑިޔާރުގެތަަކަށް ނުލިބޭކަމަށް އެމްޑީޕީ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.

ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާހިރުގެ ވާހަކަފުޅުގައި ފަނޑިޔާރުން މިވަގުތު މަސައްކަތްކުރައްވާ ގޮތް ބަދަލުކުރަންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފަނޑިޔާރުންގެ ވިސްނުން ބަދަލުވާންޖެހޭކަން ފާހަގަކުރައްވާ ދައުލަތަށް ހިޔާނާތްތެރިވިކަން ޔަގީންވާއިރު ކުދި ކުދި ކަންކަމުގެ ސަބަބުން ޝަރުއީ މަރުހަލާއިން މީހުން ދޫވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

“ނަގައިފިކަން ކައިފިކަން އެނގޭ! ލަފްޒަކާއި ނަމްބަރަކާއި ފިއްޔަކާއި ހުރެ ދޫވެގެން ދިޔުމަކީ އިންސާފު ލިބުންކަމަށް ގަބޫލެއް ނުކުރެވޭ” ޒާހިރު

ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްގެ ވާހަކަފުޅުގައި ފަނޑިޔާރުންނަށް މެޓަރނިޓީ ލީވް ނުވަތަ ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީގެ ވާހަކަދައްކާއިރު ފަނޑިޔާރުންނަށް ޒިންމާ ފުރިހަމައަށް އަދާކުރެވޭތޯ ބަލަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ. ފަނޑިޔާރުގޭގެ ބޭނުމަކީ އިންސާފު ގާއިމްކުރުން ކަމުގައިވާއިރު ހުކުރު ހޮނިހިރާއި އެހެނިހެން ބަންދުތަކަކީ ފަނޑިޔާރުންނަށް ހައްގު ޗުއްޓީތައްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ކުރިން މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރަނީ ކިހާ މިންވަރަކަށްތޯ ބަލަންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ފާހަގަކުރެއްވި ގޮތުގައި ފަނޑިޔާރުންނަށް ދޭންވާ ހައްގުތަކާއި އެހެނިހެން އިނާޔަތްތައް ދިނުމަށް ފުރިހަމައަށް ތާއީދެވެ. އެހެންނަމަވެސް އާދައިގެ ކުދި ކުށްތަކުގައި ހުށައެޅޭ މައްސަލަތައް ކޯޓު މަރުހަލާގައި ފަސް ހައަހަރު ވަންދެން އޮތުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން ޒުވާން ކުދިންނަށް ވަޒީފާއަަށް ނުދެވި ދިރިއުޅުން ހަލާކުވެގެން ދާންޖެހޭ ހާލަތަށް ދާކަން ފާހަގަކުރެއްވިއެވެ.

“މީހަކު މަރާލައިގެން ކޯޓަށް ގެންދާ މީހާ، ޑްރަގް ގެންގުޅޭ މީހާގެ މައްޗަށް ކުށް ސާބިތުނުވޭ! ދައުލަތުގެ ވެރިޔަކު މަޖީދީމަގު މެދުގައި މަރާލަން އުޅުނު މީހާގެ މައްސަލަ މޭޒުމަތީ ފައިލްކޮށްފައި އޮތުން ބަލައިނުގަނެވޭ!” ނިހާދު

ފަނޑިޔާރުންނަށް ވިހެއުމާއި ގުޅިގެން ދޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތެއްގެ ޗުއްޓީއަކަށް ހެދުމަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމެވެ. މިއާއެކު އެމްޑީޕީ މެމްބަރުން އަންނަނީ އަދިވެސް ފަނޑިޔާރުގެތައް އިސްލާހުނުވާކަން ފާހަގަކުރައްވާ ޚާއްސަގޮތެއްގައި ރައީސް ޔާމީން ސުޕްރީމް ކޯޓުން މިނިވަންވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވިދާޅުވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: