ޅ. ހިންނަވަރު ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ހިންނަވަރު ކައުންސިލާއި ބައްދަލުކުރެއްވުމުން ހިންނަވަރު ކައުންސިލަރުން ވަނީ ރަށުގައި ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ކުރިޔަށްގެންދަވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލުން ވަނީ ކައުންސިލާއި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި އަދި ކައުންސިލުން ހުރި ކަންބޮޑުވުންތައް ފާހަގަކުރައްވާފައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިންނަވަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށްދާއިރު ކައުންސިލާއި ރައްޔިތުން ގެންނަން ބޭނުންވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވުމާއި، ސްކޫލްގެ އިމާރާތް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވިއެވެ. ސްކޫލަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަޖެއްސުމުގައި ހުރި ދަތިތަކާއި ރަށުގައި ބޭންކުގެ ބްރާންޗެއް ގާއިމުކުރުމާއި މަޝްރޫއުތައް ފެށުމަށްފަހު ހުއްޓުމެއްނެތި ކުރިޔަށް ގެންދިޔުމަށް ރައީސް އަރިހުން ވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލު ބައްދަލުކުރެއްވުމަށްފަހު ހިންނަވަރު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިންނަވަރުގެ ތަރައްޤީގެ މަޝްރޫއުތަކުގެ އިތުރު ތަފްޞީލުތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ހިންނަވަރުގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު އޮތީ ޓެންޑަރިންގެ މަރުޙަލާގައި ކަމަށާއި ބަނދަރު ބޮޑުކުރުމާއި އައު ބަނދަރެއް ހެދުމުގެ މަސައްކަތް ކުރިޔަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލުގެ އިމާރާތް ހެދުމުގެ މަސައްކަތް ބަޖެޓުގައި ހިމެނޭކަމަށާއި މަގު ހެދުމާއި ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކުރުމާއި ކަރަންޓުގެ ވިއުގަ ރަނގަޅުކުރުމާއި 100 ހައުސިންގ ޔުނިޓް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ކައުންސިލާއި ރައްޔިތުންގެ ބައްދަލުވުމުގައި ފާހަގަކުރެއްވި ބޭންކް ބްރާންޗެއް ހިންނަވަރުގައި ގާއިމްކުރުމަށް އެދިފައިވާތީ އެކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަރައްޤީގެ ކަންކަން ސަރުކާރުން ކުރިޔަށް ގެންދަވާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯއްދަވައިގެން އެ ރަށެއްގެ ރައްޔިތުން އެންމެ އެދޭގޮތަށްކަން ފާހަގަކުރައްވާފައެވެ.

ކައުންސިލާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ހިންނަވަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން ވަނީ އެ ކޮމެޓީއިން ކުރިއަށް ގެންދަން ބޭނުންވާ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އިމާރާތެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މާބަނޑު މީހުން އަތޮޅު ހޮސްޕިޓަލަށް ފަސޭހައިން ދަތުރުކުރެވޭނެ ފެރީއެއްގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވުމުން ރަށުގެ ރައްޔިތުން ވިދާޅުވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިން ވަނީ ހިންނަވަރުގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މަޑިވަރާއި ހިންނަވަރުގެ އިތުރުން ފެލިވަރު، ނައިފަރު، އޮޅުވެލިފުށި، އަދި ކުރެންދޫއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.