ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގައި މަޖިލީސް ރައީސް އިނުން ރަނގަޅެއް ނޫން، މެމްބަރަކު އިންނަންވާނެ: އިލްޔާސް

މެމްބަރު އިލްޔާސް ލަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިނުން ރަނގަޅު ނޫންކަމަށާއި އެހެންނަމަވެސް މަޖިލީހުގެ މެމްބަރަކު ޖޭއެސްސީގައި އިންނަންވާނެކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވިދާޅުވެއްޖެއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހުށައަޅުއްވާފައިވާ އިސްލާހަށް ބަހުސްކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރު އިލްޔާސް ވިދާޅުވީ ފެހި ގާނޫނު އަސާސީ އެކުލަވާލުމުގެ  ކުރިއަށް ޖުޑިޝަރީ ދާއިރާއަކީ އޭރު ސަރުކާރުގެ ނުފޫޒު އެންމެ ބޮޑަށް ފޯރާ ދާއިރާ ކަމަށެވެ. ފެހި ގާނޫނު އަސާސީ އެކުލަވާލީ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ފާހަގަކުރެވުނު ގިނަ މައްސަލަތައް ހައްލުކުރުމަށްކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ އޭރު ޖޭއެސްސީ އެކުލަވާލީ އޭރު ފެންނަން އޮތް އެންމެ ރަނގަޅު ގޮތަށް ކަމަށެވެ. އެހެންނަމަވެސް ފާއިތުވި 15 ވަރަކަށް އަހަރަށް ބަަލައިލާއިރު ޖޭއެސްސީ ބަދަލުކުރަންޖެހޭކަން ހާމަވެފައިވާކަމަށް އިލްޔާސް ވިދާޅުވިއެވެ.

“ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭ! މިދައުރުގައި އެކަން ކުރާނަން!” އިލްޔާސް

މިހާރު ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތް ގޮތަށް އަލިއަޅުއްވާލައްވައި އިލްޔާސް ވިދާޅުވީ ބައެއް ކަންކަން ބަދަލުކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޖޭއެސްސީގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކު އިނުމަކީ މުހިންމުކަމެއް ކަމަށާއި އެކަމަށް އެންމެ ރަނގަޅުވާނީ އެޓާނީ ޖެނެރަލްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ރައީސްގެ ފަރާތުން ޖޭއެސްސީގައި އިންނެވުންކަމަށް އިލްޔާސް ވިދާޅުވިއެވެ. ދައުލަތުގެ އެންމެ މަތީ ބާރުގެ ވެރިޔާގެ ހައިސިއްޔަތުން ރައީސްގެ ފަރާތުން ޖޭއެސްސީގައި މީހަކު އިނުމަކީ މުހިންމުކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ.

ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިނުމަކީ ރަނގަޅު ކަމެއް ނޫންކަމަށް އިލްޔާސް ވިދާޅުވިއެވެ. އެހެންނަމަވެސް ޖޭއެސްސީގައި މަޖިލިސް މެމްބަރަކު އިނުމަކީ މުހިންމުކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ. ރައްޔިތުންގެ ކަންކަން ބެލުމަށް ރައްޔިތުންގެ ވޯޓުން ހޮވާފައިވާ މަންދޫބެއް އިނުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ކޮމިޝަނެއްގައި ފަނޑިޔާރުން މާގިނައިން ތިބުމަކީ މަސްލަހަތު ފުށުއަރާކަމެއްގެ ގޮތުގައި އިލްޔާސް ފާހަގަކުރެއްވިއެވެ. ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމިޝަން ބަދަލުކުރުމަށް މަސައްކަތްކުރާއިރު މިއަށްވުރެ ފުޅާކޮށް މަޝްވަރާކުރަންޖެހޭކަމަށް ވިދާޅުވިއެވެ. އަދި އެމްޑީޕީއިން އެކަނި އެއްބަސްވާ ކަންތައްތަކަކަށް ބިނާކޮށް އެބަދަލުތައް ނުގެނެވޭނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

މީގެ އިތުރުން އިލްޔާސް ވަނީ ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކަނި ބަދަލުކުރުމުން ނުފުދޭނެކަމަށް ވިދާޅުވެފައެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދުވެސް ގާނޫނުގައި ބަޔާންކޮށްފައިވާންޖެހޭ ކަމަށާއި ސަރުކާރު ބަދަލުވުމާއެކު އުއްތަމަ ފަނޑިޔާރު ބަދަލުކުރާ އުސޫލަށްވެސް ބަދަލު އަންނަންޖެހޭކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އިދިކޮޅުގެ ފަރާތުން މެމްބަރު ތޯރިގް މީގެކުރިންވެސް ވަނީ މަޖިލީހަށް އިސްލާހު ހުށަައަޅުއްވާފައެވެ. އެހެންނަމަވެސް އެމްޑީޕީގެ ސުޕަމެޖޯރިޓީއާއެކު އިސްލާހު މަޖިލީހުގެ ތަޅޫމުން ބޭރުކޮށްލާއިރު މިކަމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއްކަން ފާހަގަކޮށްލެވެއެވެ. ސަރުކާރުންވެސް ވަނީ  ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ލަސްވެފައިވާކަމަށްވެސް ވިދާޅުވެފައެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް މިފަހަރު ހުށައެޅި އިސްލާހަށް މެމްބަރުން ބަހުސްކުރައްވާއިރު އެމްޑީޕީ މެމްބަރުން ދާދި އެއް ވާހަކަތަކެއް އަންނަނީ ދައްކަވަމުންނެވެ. އޭގެ ތެރޭގައި ފަނޑިޔާރުން ޖޭއެސްސީގައި މާ ގިނަވުމާއި، މަޖިލީހުގެ ރައީސް އިންނެވުންފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިސްލާހު ހުށައެޅި ދުވަހު މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވައި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމާއިމެދު އެމަނިކުފާނުގެ ޚިޔާލުފުޅު ހިއްސާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: