ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނުކުރާނެ: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖުޑިޝަލް ސާވިސް ކޮމިޝަންގައި އިންނަވައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ނުކުރައްވާނެކަމުގެ ޔަގީންކަން އޮންނަކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މެމްބަރު އިންތި ވިދާޅުވީ އިންސާފާއި ހަމަހަމަކަމާއި ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އެމްޑީޕީގެ ވައުދުތަކެއްކަމަށެވެ. އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން އެވާހަކަތައް ނުދައްކާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަކީ މިސަރުކާރުގެ ރިޔާސީ ވައުދަކަށް ވާއިރު ސަރުކާރުން އެކަމުގެ އެއްވެސް މަސައްކަތެއް ނުކުރާތީއާއި ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އިދިކޮޅުން ހުށައަޅާ އިސްލާހަކީ ރަނގަޅު ނިޔަތެއްގައި ހުށައަޅާ އިސްލާހެއް ނޫންކަމަށް އެމްޑީޕީއިން ދެކިލައްވަނީ ކީއްވެތޯ ސުވާލުކުރުމުން އިންތި ވިދާޅުވީ ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އެމްޑީޕީއިން ބޭނުންވާ ބަދަލު ޖޭއެސްސީއަށް ގެންނާނެކަމަށާއި އެހެންނަމަވެސް ކޮންމެ ކަމަކަށްވެސް ވަކި ވަގުތެއް އޮންނާނެކަމަށް އިންތި ވިދާޅުވިއެވެ.

އިދިކޮޅުގެ ފަރާތުން ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް އެކިފަހަރުމަތިން ވަނީ ހުށައަޅާފައެވެ. އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީއާއެކު އެއިސްލާހު ބޭރުކޮށްލަނީ އިދިކޮޅުން ހުށައަޅާ ނިޔަތް ރަނގަޅު ނޫންކަމަށް ބުނެއެވެ.

އެކަމަށް އިޝާރާތްކުރައްވާ އިންތި ވިދާޅުވީ ޖޭއެސްސީ ސިޔާސީކަމަށް ބަލައި ސިޔާސީ ބޭފުޅުން ނުތިބޭގޮތަށް ޖޭއެސްސީއަށް ބަދަލު ގެނައުމަށް އިސްލާހު ހުށައަޅުއްވާއިރު ޖޭއެސްސީގެ ހިންގުމަށް އައި ބަދަލަށްވެސް ބަލައިލުން މުހިންމު ކަމަށެވެ. އެގޮތުން ޖޭއެސްސީ ހަރަކާތްތެރިވޭތޯ ނުވަތަ ނިންމުންތައް ނިންމާތޯއާއި ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ކިހާ މިންވަރަކަށްތޯ  ވިސްނާލުން މުހިންމުކަމަށް އިންތި ވިދާޅުވިއެވެ.

“މީގެކުރިން ނުފެނޭ ޖޭއެސްސީގައި އެއްވެސް ހަރަކާތެއް. ފާޅުކަންބޮޑު މައްސަލަތައްވެސް ފޮރުވާ ތަނެއްގެ ގޮތުގައި އެތަން އޮތީ!” އިންތި

އިންތި ވިދާޅުވީ ހަމަ މިކޮމްޕޮޒިޝަންގައި މިހާރު ތިއްބެވި މެމްބަރުންނާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން ވަތްގަނޑުތަކުގައި ފޮރުވާފައި ހުރި މައްސަލަތައްވެސް ބަލަމުންދާ ކަމަށާއި މިކޮމްޕޮޒިޝަންގައި އާ ސުޕްރީމް ކޯޓެއް އެކުލަވާލާފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެކަމުގެ ސަބަބުންވެސް ޝަރުއީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނުވިކަމަށް ވިދާޅުވިއެވެ.މީގެ ކުރިން ޖޭއެސްސީއިން ކުރި މަސައްކަތްތަކަށް އިޝާރާތްކުރައްވާ އިންތި ވިދާޅުވީ އޭރު ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ އިންސާފަށް މަލާމާތްކުރާ އުސޫލުން ނިންމުންތައް ނިންމިއިރުވެސް ޖޭއެސްސީއިން އެއްވެސް ކަމެއް ކޮށްފައިނުވާކަމަށެވެ.

“ސައުތު އެފްރިކާގެ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރެއް ރާއްޖެ އައިސް ހެއްދެވި ދިރާސާއަށްފަހު ވިދާޅުވީ ޖޭއެސްސީއިން ސިޔާސީ ބޭފުޅުން ވަކިކުރުމުން އެތަން ސިޔާސީ ނުފޫޒުން މިނިވަންވާނެކަމަށް ބެލުމަކީ ޅަ ވިސްނުމެއްކަމަށް” އިންތި

ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލަވާލުމަށް ބެސްޓް ޕްރެކްޓިސްއެއް އެކުލަވާލެވިފައިނުވާކަމަށްވެސް އިންތި ވިދާޅުވިއެވެ. އެކަމުގައި އޮންނާނެ އެންމެ ރަނގަޅު ގޮތަކީ ވެރިކަމަށް އަންނައިރު ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމުގެ ވައުދުގައި އެމަސައްކަތް ފެށުންކަމަށް އިންތި ވިދާޅުވިއެވެ.

އެމްޑީޕީ ފިޔަވައި އެހެން ޕާޓީއަކުން ޖުޑިޝަރީ ދާއިރާ އިސްލާހުކުރުމުގެ ވާހަކަ ނުވެސް ދައްކާކަމަށް އިންތި ވިދާޅުވިއެވެ. މިހާރު ދިރާސާ ކުރަންވެފައި އޮތް ކަމަކީ ޖޭއެސްސީގައި މަޖިލިސް ރައީސް އިނުމަކީ ރަނގަޅު ނުވަތަ ނުރަނގަޅު ކަމެއްތޯ ބެލުންކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވައިގެން އެކޮމިޝަނަށް ކޮރަޕްޝަން ވައްދައިގެން ކަންކަން ނުކުރާނެކަމުގެ ޔަގީންކަން އޮތުމަކީ ލިބޭ ހިތްހަމަޖެހުމެއްކަމަށް އިންތި ވިދާޅުވިއެވެ.

މިހަފްތާ ތެރޭގައިވެސް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ހުށައެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ވަނީ ބޭރުކޮށްލާފައެވެ. އިދިކޮޅުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ހުށައެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ނުތިބޭނެ ގޮތަކަށް ކޮމްޕޮޒިޝަން ބަދަލުކުރުމަށެވެ. އެހެންނަމަވެސް އެމްޑީޕީއިން މިފަހަރަުވެސް އެއިސްލާހު ބޭރުކޮށްލީ އިސްލާހު ހުށައެޅުއްވި ނިޔަތް ރަނގަޅު ނޫންކަމަށް ބުނުމަށްފަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: