ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭހުގެ ވިޔަފާރިކުރުމަކީ އެއްވެސް އިރެއްގައި ހިޔާލުވެސް ކުރިކަމެއް ނޫން: ރޮޒެއިނާ

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭހުގެ ވިޔަފާރިކުރުމަކީ އެއްވެސް އިރެއްގައި ހިޔާލުވެސް ކުރިކަމެއް ނޫންކަމަށާއި މެޑިކަލް މާފިޔާއެއްގެ ގޮތުގައި ސިފަކޮށް ދައްކަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ޕީސީއާރް ޓެސްޓު ކިޓުތަކާއި އޭނާއާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. ވަރަކަށް ފަހަރު ޕީސީއާރް ޓެސްޓު ހެދުން ފިޔަވައި ޕީސީއާރްއާއި ގުޅުންހުރި އެއްވެސް ކަމެއް ނުކުރާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އަބުރުގެ ގާނޫނެއް މިވަގުތު ނެތުމާއެކު ގިނަ ބަޔަކު ބޭނުންހާ ވާހަކައެއް ދައްކަމުންދާކަން ފާހަގަކުރެއްވިއެވެ. އެއްވެސް އަސްލެއް ނެތް ވާހަކަތައްވެސް އެއީ ތެދެއްކަމަށް ގަބޫލުކުރާ މިންވަރަށް އެވާހަކަތައް ފަތުރަމުންދާކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މިދިޔަ އަހަރު ކޮވިޑު-19 މާލޭގައި އެންމެ ގޯސްވެ ދުވަސްވަރުގެ ތެރޭގައި ރޮޒެއިނާ ހުޅުމާލޭގައި ކްލިނިކެއް އެޅުމަށް ބިޑު ހުށަހެޅި ހަބަރު މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނެވެ. އޭރު ރޮޒެއިނާ ބިޑު ހުށަހެޅީ ޝަރުތު ހަމަނުވެކަމަށް ބުނެ ވާހަކަ ދެކެވެން ފެށުމުން އޭނާގެ ހިއްސާ އޮންނަ ޑީވައިއެމް ކުންފުނިން ބުނީ ބިޑް ހުށަހެޅުމުގައި ބޭނުންވާ ހުރިހާ ލިޔުންތަކެއް ފުރިހަމަވާނެ ކަމަށެވެ. ކުންފުނި އުފެއްދިތާ މާ ގިނަ ދުވަހެއް ނުވެ އެ ބިޑު ރޮޒެއިނާއަށް ލިބުނުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެއީ ކޮރަޕްޝަންގެ ގޮތުގައި ސިފަކޮށް ވާހަކަ ދެއްކެވި އެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި މި މައްސަލަ ފެންމަތިވީ، ރައީސް ނަޝީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި ގުޅުން ގޯސްވެފައި ވަނިކޮށެވެ. ރައީސް ނަޝީދު ވަނީ ރޮޒެއިނާއަށް އެ ބިޑު ލިބުނީ ފައްޔާޒުގެ ނުފޫޒުންކަމަށް ވިދާޅުވެފަ އެވެ. އެކަން މީޑިއާތަކާއި ހަމައަށް އައީ ވެސް އެމްޑީޕީގެ ގައުމީ މަޖިލީސް ގުރޫޕެއްގައި ރައީސް ނަޝީދު އެ ވާހަކަތައް ދެއްކެވެމުންނެވެ.

ރޮޒެއިނާއަކީ އަލަށް ބޭހުގެ ވިޔަފާރީގެ ތެރެއަށް ވަދެވަޑައިގެންނެވި ބޭފުޅެއްގެ ގޮތުގައި ވާހަކަ ދެކެވިނިކޮށް، ދާދިފަހުން ޓްވިޓާ ތެރޭގައިވެސް މިވާހަކަތަށް ރޮޒެއިނާ ވަނީ ރައްދު ދީފައެވެ. ރޮޒެއިނާ އަކީ މެޑިކަލް މާފިއާއެއްގެ ގޮތުގައި ސިފަ ކުރުމުން އެ ޓްވީޓަށް ރައްދު ދެއްވައި ވިދާޅުވީ އޭނާ އަކީ ޕީސީއާރުގެ ވިޔަފާރި ކުރާ މީހެއް ނޫން ކަމަށެވެ.

ވަރަށް ބޮޑަށް ނުރުހުންވެ ހުންނަވައި ރޮޒެއިނާ ވިދާޅުވީ، މިއީ ލީޑަރެއްގެ ލަގަބު ދީގެން “ވަގެއް” ގޮވައިގެން އުޅޭތީ ޖެހިގެން އުޅޭ ބައްޔެއްކަމަށެވެ. ބެލެވޭ ގޮތުގައި ރޮޒެއިނާ އެ އިޝާރާތް ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ

ކާކުކަން ނޭނގޭ އެކައުންޓަކުން ކުރި ޓްވީޓަކަށް ރޮޒެއިނާ މިފަދަ މޭރުމަކުން ރައްދު ދެއްވުމުން އާއްމުންގެ ފާޑުކިއުންވެސް އަމާޒުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ބަސް މަގު ރަނގަޅު ވާންޖެހޭކަން ފާހަގަކޮށް ބައެއް އާއްމުން ވަނީ ދޮގު ތުހުމަތުތަކަށް ވެސް އެ ނޫން ގޮތަކަށް ރައްދު ދެވޭނެކަން ފާހަގަކޮށްފަ އެވެ.

ހުޅުމާލޭގައި ކްލިނިކުގެ ބިޑުގެ މައްސަލަ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅި އެވެ. ހުޅުމާލޭ ލޮޓް ނަމްބަރު 11628 ގައި ކްލިނިކެއް ހަދާނެ ފަރާތެއް ހޯދަން އިއުލާނު ކުރުމުން ކުރިމަތިލީ ދެ ކުންފުންޏަކުންނެވެ. އެއީ ޑީވައިއެމް ޕްރައިވެޓް ލިމިޓެޑް އާއި މެޑިކުއިޕް ޕްރައިވެޓް ލިމިޓެޑުންނެވެ. ތަޖުރިބާއަށް ބަލާއިރު މެޑިކުއިޕް ކުންފުންޏަކީ ތަޖުރިބާ ގިނަ ކުންފުންޏެކެވެ. ބިޑު އިއުލާނުގައިވާ ގޮތުން ތަޖުރިބާއަށް ބަލަނީ ހުށަހަޅާ ކުންފުނީގެ ނުވަތަ އަމިއްލަ ފަރުދަކު ހުށަހަޅާނަމަ އެ ފަރުދެއްގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: