ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަންތައް އުފެއްދުން: ލޮލުގައި އަޅުވާ އަނދުނެއްގެ ތެރެއިން ކުރާ ބޭކާރު ހަރަދެއް!

ދައުލަތުގެ 2022 ވަނަ އަހަރުގެ ބަޖެޓު ފޮތް/ ފޮޓޯ: މިހާރު - ނިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިކަމުގެ ބޭނުމަށް ރައްތަށް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮމިޝަނެއް އުފައްދަވާފައި ވަނީ 2018، ނޮވެމްބަރުގަ އެވެ. އެ ކޮމިޝަންގެ މެމްބަރުންގެ މަސްއޫލިއްޔަތެއްގެ ގޮތުގައި އޮތީ، 2012 އިން ފެށިގެން ދައުލަތަށް ގެއްލުންވާ ގޮތަށް ހިންގާފައި ހުރި ކޮރަޕްޝަންގެ އަމަލުތަކާއި، އަދި މާލީ މަންފާތަކާއި ނާޖާއިޒް ފައިދާ ނަގައި ހިންގާފައި ހުރި މައްސަލަތައް ބަލައި އެކަމުގައި ޝާމިލު ވާ މީހުންނަށް ފިޔަވަޅު އެޅުމެވެ. އަދި ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ލިބޭނެ މަގެއް ހޯދުމުގެ ޒިންމާއާއި އެކު، ކޮމިޝަނަށް އޮތީ ގާނޫނީ ބޮޑެތި ބާރުތަކެއް ދީފަ އެވެ. އޭގެ ރެރޭގައި ތަހުގީގަށް މީހުން ހާޒިރު ކުރުމާއި އަދި ދައުވާ ކުރުމުގެ ބާރު ލިބިދެ އެވެ.

ހިޔާނާތުގެ މައްސަލަތައް ބެލުމަށް ވަކި މުވައްސަސާއެއް އޮއްވައި، ބޮޑެތި ބާރުތަކެއް ދީ ކޮމިޝަނެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިނގި ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅާފައި ނުވާތީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަމަށް ބުނެ އެވެ. އެހެންވެ މިނިވަންކަމާއި އެކު މައްސަލަ ބަލާނެ މަގެއް ހޯދުމުގެ ގޮތުން ރިޔާސީ ކޮމިޝަންތައް އުފެއްދީ އެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް ތިން އަހަރުވެ ހަތަރު ވަނަ އަހަރާއި ގާތް ވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވެސް އެންމެ ހޫނު އެއް މައުޟޫއަކީ ރިޔާސީ ކޮމިޝަންތަކަށް ކުރަމުންދާ “ބޭކާރު” ހަރަދުތަކާއި ގުޅޭގޮތުންނެވެ. ކޮމިޝަންތައް ވަގުތުން ވަގުތަށް އުވާލަން ޖެހޭކަމަށް މެމްބަރުން ގަބޫލު ކުރާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންގެ ބޮޑު އުންމީދެއް އޮތް އިންސާފު ލިބުމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، އެސެޓް ރިކަވަރީ ކޮމިޝަނަށް އެބޭފުޅުން އެދޭ މިންވަރަށް މައްސަލަތައް ބެލިފައި ނުވުމެވެ.

އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސް އައްޔަނު ކުރެއްވި މެމްބަރުން: މި ކޮމިޝަނަށް ނަތީޖާއެއް ނުނެރެވޭތީ ކޮމިޝަން ވަނީ އުވާލާފައި/ ފޮޓޯ: ރައީސް އޮފީސް

އިއްޔެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުވާލެއްވި އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ފަހުން މީޑިއާތަކާއި ބައްދަލު ކުރީ 2021 މޭއި މަހުގެ ތެރޭގަ އެވެ. އެ ޕްރެސް ބްރީފިންގައި ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު މައުލޫމާތު ދެއްވީ އެމްއެމްޕީއާރުސީގެ މައްސަލަކާއި ގުޅޭގޮތުންނެވެ. އޭނާ ވިދާޅުވީ ރަށްތައް ވިއްކައިގެން ލިބެންޖެހޭ 04 ބިލިއަން ރުފިޔާ ދައުލަތަށް ގެއްލުންވެފައިވާކަމަށާއި މައްސަލަތަކުގެ ތެރެއިން އިތުރު ބައެއް ކަންކަން ފާހަގަވަމުންދާތީ އެ އަދަދު އިތުރު ވުމުގެ ވެސް ފުރުސަތު އެބައޮތް ކަމަށެވެ.

ކޮމިޝަން އުވާލުމަށް ނިންމިއިރު، އައްސަދު ހުންނެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަނަކަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ކެމްޕެއިނަށް ގދ، ގއ އަތޮޅުގަ އެވެ.

މިވީ ދުވަސްތަކުގެ ތެރޭގައި ކޮމިޝަނަށް އަމާޒުވި ފާޑުކިއުންތަކުގެ ތެރޭގައި، ލިސްޓުގައި ނަންއޮތްކަމަށް ބުނާ 281 މީހުންގެ ތެރެއިން ވަކި ބައެއްގެ ނަން އުނި ކުރަން އުޅުނުކަމުގެ ވާހަކަ ހިމެނެ އެވެ. ނަމަވެސް އެކަން އައްސަދު ދޮގު ކުރި އެވެ. އެ ޕްރެސްގައި އެނާ ވިދާޅުވީ ލިސްޓުގައި ނަން އޮތް އެންމެނަށް ދައުވާ ކުރުމާއި މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ. އެއީ ނަން އުނި ކުރުމެއް ނޫންކަމަށް އެނާ ވިދާޅުވެ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަކަށް ހުންނެވި އަސްއަދު ނޫސްވެރިންގެ ބައްދަލުވުމެއްގައި: މި ކޮމިޝަނަށް ނަތީޖާއެއް ނުނެރެވި ވަނީ އުވާލާފައި – ފޮޓޯ/ ރައީސް އޮފީސް

2020، ޖުލައި މަހުގެ ތެރޭގައި ހިޔާނާތާއި ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން ރައީސަށް އެރުވި އެވެ. އޭރު ވެސް އައްސަދު ވިދާޅުވަމުން ގެންދެވީ މައްސަލަތައް ބަަލައި، ދައުވާ ކުރުމަށް ފޮނުވުމުގެ މަރުހަލާގައި ވާކަމަށެވެ. އެކަމަށް އުފެދޭ ސުވާލުތަކަށް ކޮމިޝަނުން ތަކުރާރުކޮށް ދޭ އެއް ޖަވާބަކީ ހެކި ހޯދުމުގައި ހުރި އުނދަގޫތަކެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އައްސަދު ފާހަގަ ކުރެއްވީ ބޭންކިން ނިޒާމުގެ ތެރެެއިން އައި އުނދަގޫތަކެވެ. އިތުރު އެއް ގޮންޖެހުމެއްގެ ތެރޭގައި އައްސަދު ފާހަގަ ކުރެއްވީ ކޮވިޑު-19 ގެ ސަބަބުން މައްސަލަތައް މަޑު ޖެހުމެވެ.

ކޮމިޝަން އުވާލިއިރު މިހާތަނަށް ކޮމިޝަނަށް ކުރެވިފައި ހުރި މަސައްކަތަކާއި މެދު ސުވާލު އުފެދެ އެވެ. އޭސީސީގައި ވެސް މައްސަލަތައް ފުނިޖެހިފައި ހުރި އިރު، ގާނޫނީ ހުސްކަމެއްގެ ތެރޭގައި ތަން އޮތުމަށް ފަހު އާ ފަސް މެމްބަރުން އައްޔަނުކޮށް މަގާމުގެ ލިޔުން ހަވާލު ކުރީ އިއްޔެ އެވެ.

ހިޔަނާތް ބެލުމުގައި އޭސީސީއަށް ވެސް އަދި މިހާރު ވުޖޫދުގައި ވެސް ނެތް އެސެޓް ރިކަވަރީ އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް ސޯލިހާއި މި ސުވާލު ކުރެވިފައި ވެއެވެ. އެމަނިކުފާނު ދެއްވާ ޖަވާބަކީ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށެވެ. އެކަމަކު ނަތީޖާއެއް ނުނެރެވުނު، ކޮމިޝަނަށް ކުރި ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ވާހަކަ ކޮބާތޯ އެވެ. ތަބަކަށް ލައި އެކި މީހުންނަށް މަގާމުތައް ދީ، ނަތީޖާއެއް ނެރެވުނަސް ނުނެރެވުނަސް ދައުލަތެއް ވަރިހަމަވެފައި އޮތުމަކީ އެއީ ހެޔޮ ވެރިކަމުގެ ސިފައެއް ނޫނެވެ.

އޭސީސީއަށް އަލަށް އަޔަނު ކުރި މެމްބަރުންނާއި، އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭތީ މަގާމުން ވަކި ކުރަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި މެމްބަރުން/ފޮޓޯ: ފައިލް

ކޮރަޕްޝަނަށް “ޒީރޯ ޓޮލަރެންސް” ގެ ސިޔާސަތުގެ ދަށުން ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވީ އެމްއެމްޕީއާރުސީގެ މައްސަލަައިގައި ނުފޮރަޅާ އެންމެ ގަލެއް ވެސް ނުބާއްވާނެކަމުގެ ވައުދާއި އެކު އެވެ. ނަމަވެސް ނަތީޖާއެއް ނުނެރެވޭ ކޮމިޝަނަކަށް ބޮޑެތި ހަރަދުތައް ކުރުމުގެ ބޭނުމެއް ނެތްކަން އެމްޑީޕީގެ މެމްބަރުން ވެސް ގަބޫލު ކުރެ އެވެ. އެކަމަކު އުވާލައިގެން ވެސް ވާނެ ފައިދާއެއް ނެތެވެ. މި މީހުންގެ މުސާރަ އާއި، ކެއުމާއި ދަތުރުތަކަށް ކުރި ހަރަދު ބޭކާރުވީ އެވެ. ހަގީގަތުގައި ހެޔޮ އެއްގޮތެއް ވެސް ނެތެވެ.

މީގެ ކުރިން ވެސް ރިޔާސީ ކޮމިޝަންތަކެއް އުފެއްދި، ލިބުނު ފައިިދާއެއް ނެތް!

ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި، ބާރު ހުރި މީހުން ކޮރަޕްޝަންގެ އަމަލުތައް ހިންގުމުން ކިޔައި އުޅެނީ “ވައިޓް ކޮލާރ” ކްރައިމްއެވެ. އެ މީހުންނާއި ދުވަހަކު ވެސް ގާނޫނު އަރާ ހަމައެއް ނުކުރެ އެވެ. ވެރިކަމެއް ބަދަލުވެ ކޯޓަކަށް ދަމައި ނަގާފާނެ އެވެ. އޭގެ ފަހަތުން ދެން ހުންނަ މީހާ ނިކުމެ، އޭނާއަށް ހިމާޔާތް ދޭނެ އެވެ.

ގާނޫނީ އިމުގެ ތެރެއިން އަތް ލެވޭވަރަށް ވުރެ އެ މީހުން ބާރުގަަދަވުމުގެ ނަތީޖާއަކީ، މައްސަލައެއް ފެށޭ ބާރު މިނުގައި އޮއްބާލުމެވެ. ނުވަތަ ދިގުދައްމާލުމެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތް ނޫނަސް މީގެ ކުރިން ބޮޑު ހިޔާނާތްތަކުގެ މައްސަލަ ފަޅާއަރުވާލާފައި އެބަހުއްޓެވެ. އެފްޕީއައިޑީއާއި ހިޔާނާތުގެ މައްސަލައަކީ މީގެއިން އެއް މައްސަލަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އުފެއްދެވި ކޮމިޝަނަކުން އެފްޑީއައިގެ ބަލަން ފެށި އެވެ. ލިބުނު ކުރިއެރުމެއް ނެތެވެ. އެސްޓީއޯގެ ދަށުން ހިންގަމުން ދިޔަ މަހުގެ ވިޔަފާރި ކުރާ އެފްޕީއައިޑީގެ ހިޔާނާތް ހިނގާފައި ވަނީ 90 ގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ. ކުންފުނީގެ މަސައްކަތަކީ މަސް ރާއްޖޭން ބޭރަށް މަސް އެކްސްޕޯޓު ކުރުމެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުންނެވީ ރައީސް މައުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އިލްޔާސް އިބްރާހިމެވެ.

ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ލިބުނު ފައިސާ އާއި ކުންފުނީގެ އެކި ކަންކަމަށް ހިޔާނާތްވެފައިވާ ފައިސާގެ އަދަދު 380 މިލިއަން ޑޮލަރަށް ވުރެ މަތިވާނެކަމަށް ބެލެވެ އެވެ. މިއީ ތާރީހުގެ ވެސް އެންމެ ބޮޑު ހިޔާނާތެވެ.

މީގެ އިތުރުން އެއާ މޯލްޑިވްސްގެ ހިޔާނާތުގެ ފައިސާގެ އަދަދު 4.7 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.

Dhivehi vara bimmatheegai!
އެއާ މޯލްޑިވްސްގެ ބޯޓުތައް ހަލާކުވާން ދޫކޮށްލާފައި: އެއާލައިން އެއްކޮށް ބަނގުރޫޓުވި މައްސަލައިގައި އެއްވެސް މީހަކަށް ފިޔަވަޅެެއް ނޭޅުނު/ ފޮޓޯ: އަވަސް

އެއްވެސް ކޮމިޝަނަކަށް އެތަނެއް އުފެއްދި މަގްސަދު ހާސިލު ކުރެވިފައި ނުވެ އެވެ. ރައީސް މުހައްމަދު ނަޝީދު ރިޔާސީ ކޮމިޝަނެއް އުފެއްދެވީ ރައީސް މައުމޫންގެ ސަރުކާރުގައި ހިނގި ކޮރަޕްޝަނާއި ހިޔާނާތްތައް ބެލުމަށެވެ. ކުރެވުނު މާބޮޑު ކަމެއް ނެތެވެ. އޭގެ ފަހުން ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ހޯދުމަށް، ވެރިކަމާއި ހަވާލުވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އުފެއްދެވި އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ހިނގައިދިޔަ ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށްކަމަށް ބުނެ ރައީސް ޔާމީން އުފެއްދެވި ކޮމިޝަނަށް ވީނުވީއެއް ނޭނގެ އެވެ. ގެއްލުނު ދައުލަތުގެ އެއްވެސް މުދަލެއް ނުހޯދި ވަނިކޮށް ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެ ރައީސް ޔާމީންގެ ސަރުކާރުގައި ހިނގި ކަންކަން ބެލުމަށް ވަކިވަކި ކޮމިޝަންތަކެއް އުފެއްދެވި އެވެ. އެއީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަން، އަދި ކުޑަކުދިންގެ ކޮމިޝަނެވެ.

Maldives' asset recovery commission finds billions in unpaid taxes
ރައީސް ޔާމީން އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓް ރިކަވަރީ ކޮމިޝަނުން 2017 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެެރެއިން/ ފޮޓޯ: ރައީސް އޮފީސް

މި ކޮމިޝަންތަކަށް ވެސް އެކަށީގެންވާ މަސައްކަތް ނުކުރެވޭތީ އުފެދޭ ސުވާލަކީ، ކޮމިޝަނުން ވެސް ބަލާނީ ވަކި ބައެއްގެ މައްސަލަތައް ތޯ އެވެ؟ އަދި އެބޭފުޅުން ދުވާނީ ވަކި ބައެއްގެ ފަހަތުން ތޯ އާއި ސަރުކާރުގެ ތެރެއިން ނުވަތަ ކޯލިޝަން ޕާޓީއއްގެ ތެރެއިން ހިމާޔަތް ނުހޯދާނެ ތޯ އެވެ. ވަޒީރުންގެ މަޖިލީހުން ފެށިގެން ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބޭފުޅުންގެ މަސްލަހަތު ފުށުއަރާ ކަންކަން ހިނގާ ނަމަ ބެލުމުގެ ހިތްވަރު އެބަހުރި ތޯ ސުވާލު އުފެދެވެ.

ކޮމިޝަންތަކުގެ ތަޖުރިބާ ހިތިކަން ތާރީހުން އެއޮތީ ފެންނާންށެވެ. މައްސަލަތައް ބަލާނެ މުއްދަތު ކަނޑައަޅަނީ، ތިމާ ނުރުހޭ މީހާގެ މައްސަލަ ފެނޭތޯ އެވެ. ރައީސް ނަޝީދު، ރައީސް މައުމޫންގެ މައްސަލައެއް ފެނޭތޯ މަސައްކަތް ކުރެއްވި ގޮތަށް، ރައީސް ޔާމީން މަސައްކަތް ކުރެއްވީ ރައީސް ނަޝީދުގެ މައްސަލަތައް ފެނޭތޯ އެވެ. އެއަށް ފަހު ވެރިކަމަށް ވަޑައިގެން ރައީސް ސޯލިހު ވެސް ތާރީހެއް ކަނޑައަޅުއްވައި ވިދާޅުވީ މިދިޔަ ވެރިކަމުގެ މައްސަލަތައް ބަލާނެ ވާހަކަ އެވެ. އެހެންނޫންނަމަ، ރާއްޖޭގެ ތާރީހުގައި ހިނގައިދިޔަ މާ ބޮޑެތި ވައްކަންތައް އެއޮތީ ފެންނާށެވެ.

ކޮރަޕްޝަން ނައްތާލައްވާނެ ކަމުގެ ވައުދާ އެކު ވެރިކަމަށް ވަޑައިގެން، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމަނައިގެން ކޮމިޝަނެއް އުފެއްދެވުމަކީ ރަނގަޅު ފެށުމެކެވެ. ނަމަވެސް އެ ސިޔާސަތުގައި ނުހިފެ އެވެ. އަމަލުން ކަން ނުދެއްކެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް އަބްދުﷲ ޔާމީން އަދި ރައީސް މުހައްމަދު ނަޝީދު ވެސް ރިޔާސީ ކޮމިޝަން އުފެއްދެވި، ވީ ފައިދާއެއް ނެތް/ ފޮޓޯ: ފައިލް

ދެން އޮތީ އޭސީސީގެ މައްސަލައަކީ ކޮބައިތޯ އެވެ. ތަން ހަމަހަގީގަތުގައި ވެސް ސިޔާސީ ވަނީތޯ، ނުވަތަ ބަޔަކު މީހުން ދެއަތާއި ދެ ފައި ވެސް ބާނައިގެން ތިބެ ނުފޫޒެއް ފޯރުވަނީ ތޯ އެވެ. ފަހަރުގައި މިއީއެއް ވާހަކައަކަށް ވެދާނެ އެވެ. އޭސީސީއިން މައްސަލައެއް ނިންމާ ހިސާބުން މަޖިލީހުގެ މެމްބަރުން އެކަމާ ނުރުހިދާނެ އެވެ. އިދިކޮޅު ނުރުހިދާނެ އެވެ. ނޫނީ ސަރުކާރު ނުރުހިދާނެ އެވެ. އެއަށް ބޭނުންކޮށް އުޅެނީ “ޒާތީ” ޓެގެވެ.

އޭސީސީއިން މައްސަލައެއްގައި ގޮތެއް ނިންމާ ހިސާބުން އެ ބޮލާލާ ޖަހާ އެތައް ބައެއް އެބަތިއްބެވެ. މީގެ ދުވަސްތަކެއް ކުރީން ހެންވޭރުކޮޅު ޕާކުގައި އެޅި ފާހަނާބަރިއެއްގެ މައްސަލައިގައި މާލޭގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި އެވެ. އޭގެ ފަހަތުން ފޮނުވީ ރައީސް މުހައްމަދު ނަޝީދުގެ ރަސްމީ ދަތުރުފުޅެއްގެ ކޮންމެވެސް 444 ރުފިޔާއެއްގެ މައްސަލަ އެވެ. އެހާހިސާބުން މަޖިލީހުގެ މެމްބަރުންނަށް އޭސީސީހާ ނުބައި ނުލަފާ ބައެއް ނެތެވެ. ބޮޑެތި މައްސަލަތައް އޮއްވައި، ކުދި ކުދި ކަންތަކުގެ ފަހަތުން ދުވާތީ ހަމަ ހައިރާންވި ބައެއް މެމްބަރުން ވެސް ތިއްބެވެ.

ކޮރަޕްޝަން ނުހުއްޓުވިގެން އުޅެނީ ކޮމިޝަނެއް ނެތިގެން ނޫނެވެ. ގާނޫނީ ނިޒާމު ދޯހަޅިވުމަކުންނެއް ވެސް ނޫނެވެ. ވަކި މީހަކަށް ބެލުމެއް ނެތި ހިޔާނާތުގައި ބައިވެރިވާ އެންމެންނާ މެދު ފިޔަވަޅު އަޅަން ޖެހޭކަމަށް ހަރު އަޑުން ގޮވިޔަސް، އޭގެ ފަހަތުން އޮންނަނީ ކޮންމެވެސް ނުފޫޒެއް ވައްދާފަ އެވެ. މާގާމުން ވަކި ކުރަން ޖެހިދާނެކަމަށް ބުނެ އެވެ.

ގައުމުގައި ނެތިގެން އުޅެނީ ކޮމިޝަނެއް ނޫނެވެ. ނެތީ އިހުލާސްތެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: