ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި މާލޭ ރައްޔިތުންނަށް ގޯތިދޭނެ ގޮތުގެ ތަފްސީލް ހާމަކުރައްވައިފި

ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައި ވުމާއި ގުޅިގެން އެކަމުގެ އިތުރު ތަފްސީލް ހޯދުމަށް މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ހައުސިންގ މިނިސްޓަރު އަރިހުން އެދިވަޑައިގަންނަވާފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ ގޮތުން 5000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ކުރިއަށް ދާ ކަމަށާއި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެ ކަމާއި މާލޭ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަޅު ފަޅު ހިއްކައިގެން މަދުވެގެން 2000 ގޯތި ދިނުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައިވާތީ އެ މަސައްކަތުގެ ތަފްސީލާއި، މަޝްރޫއު ނިމޭނެ ކަމަށް ލަފާކުރާ ތާރީހާއި ފަންޑިންގެ މަސައްކަތް ގޮސްފައިވާ ހިސާބު ހޯއްދެއްވުމަށް އެދޭ ކަމަށެވެ.

ހުޅުމާލޭގައި އިމާރާތް ކުރާ ފަސްހާސް ހައުސިންގ ޔުނިޓްގެ ތަފްސީލާއި ގުޅޭ ގޮތުން އަސްލަމް ވިދާޅުވެފައިވަނީ އެ މަޝްރޫއު ކުރިއަށް ދަނީ ރާއްޖެއާއި ބޭރު ހިމެނޭ ގޮތަށް ތިން ކުންފުންޏަކާއި ހަވާލު ކުރެވިގެން ކަމަށެވެ. އެއީ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަޅާ ފްލެޓްތަކަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ ފްލެޓްތަކެއް ކަމުގައި އަސްލަމް ވިދާޅުވިއެވެ. ޖުމްލަ 1042 ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ މަޝްރޫއުގައި ހިމެނެނީ 120 ކައުންސިލް ހައުސިންގ ޔުނިޓާއި 682 މިޑްރޭންޖް ހައުސިންގ ޔުނިޓްގެ އިތުރުން 240 އެޕޯޑަބަލް ހައުސިންގ ޔުނިޓެވެ.

ފަސްހާސް ހައުސިންގ ޔުނިޓް ގާއިމް ކުރުމަށް ހަވާލު ކުރެވުނު ދެވަނަ ކޮންޓްރެކްޓަރު ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓް އިންޑިއާގެ ފަރާތުން  ދެހާސް ހައުސިންގ ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޕްރޮޖެކްޓަކީ ޑިވޮލޮޕަރ ފައިނެންސް އުސޫލުގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ. މި މަޝްރޫއުގެ ދަށުން 600 ކައުންސިލް ހައުސިންގ ޔުނިޓާއި 1400 އެފޯޑަބަލް ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައެވެ.

މި ޕްރޮޖެކްޓްގެ ތިންވަނަ ކުންފުންޏެއްގެ ގޮތުގައި ހިމެނެނީ އެންޑީސީ އިންޑިއާ ލިމިޓެޑްއެވެ. އެ ކުންފުނިން ވެސް 2000 ހައުސިންގ ޔުނިޓް ހުޅުމާލޭގައި ގާއިމްކުރުމަށްވަނީ ނިންވާފައެެވެ. މި ޕްރޮޖެކްޓް ވެސް ކުރިއަށްދާނީ ޑިވޮލޮޕަރ ފައިނޭންސް އުސޫލުންނެވެ. ޕްރޮޖެކްޓްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 600 ކައުންސިލް ޔުނިޓާއި 1400 އެފޯޑަބަލް ހައުސިންގ ޔުނިޓް ކަމުގައި އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ހުޅުމާލެއިން 1000 ގޯތި ދޫކުރުމާއި ގުޅޭގޮތުން މިހާރުވެފައިވާ ތައްޔާރީ ތަކުގެ ތެރޭގައި ގޯތިދޭނެ ސަރަހައްދެއް ކަނޑައަޅައި ޗާޓްކުރެހި ފާހަގަ ކުރެވިފައިވާ ކަމުގައި އަސްލަމް ވިދާޅުވިއެވެ.

މި މަޝްރޫއުއަކީ ސަރުކާރުގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

އަދި މިވަގުތު ކުރިއަށް ދަނީ އެ ސަރަހައްދުގެ މަގުތައް ހެދުމާއި ކަރަންޓާއި ނަރުދަމާ ގާއިމްކުރުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ކަމުގައިވާ ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީ އަދި އެޗްޑީސީ އާއި އެކު ކުރެވޭ މަޝްވަރާތައް ކުރުމާއި މަސައްކަތް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތެވެ.

ގިރާވަރު ފަޅުން ގޯތިދިނުމާއި ގުޅިގެން ހާމަކުރެއްވި މައުލޫމާތުގައިވާ ގޮތުން ގިރާވަޅު ފަޅު ހިއްކައިގެން ދިނުމަށް ހަމަޖެހިފައިވަނީ ދެހާސް ގޯއްޗެވެ. އަދި މިވަގުތު ކުރިއަށްދަނީ ބިން ހިއްކުމަށް ކުރަންޖެހޭ ސާވޭ އާއި ލޭންޑް ޔޫސް ޕްލޭން ހެދުމުގެ މަސައްކަތެވެ.

މި މަޝްރޫއަކީ ލޯނުނަގައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށާއި އެކަމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާކަމުގައި އަސްލަމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: