ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަލާގެ ފަހަތުގައި ވާ މީހުންނާއި، ފަނޑު ކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ: ރައީސް ނަޝީދު

ކުރީގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ ފައިވާނާއި، ފޯނު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާގެ ފަހަތުގައި ވާ މީހުންނާއި، ފަންޑު ކުރި މީހުން އަދިވެސް ހޯދިފައި ނުވާތީ ކަންބޮޑުވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަށް އަންނަ ހަފްތާގައި އަހަރެއްވާއިރު ވެސް މިހާތަނަށް މައްސަލަ ކުރިޔަށް ދާނެކަމަށް ބެލެވުނު ސްޕީޑުގައި ކުރިޔަށް ނުދެ އެވެ. އަދި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދިން މީހުންނަކީ އެމަނިކުފާނަށް ނަފްރަތު ކުރާ ހަރުކަށި ފިކުރުގެ މީހުންކަމަށް ތަހުގީގީ އިދާރާތްތަކުން ބުނި ނަމަވެސް ހަމަލާގެ ފަހަތުގައި އާއި، އެއަށް ފަނޑު ކުރުމުގައި ބަޔަކު އުޅޭނެކަމަށް ގިނަ ބަޔަކު ބުނެ އެވެ.

އެކި ފަހަރު މަތީން ރައީސް ނަޝީދަށް ފާރަލައި ދިން ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު އެއްވެސް އިދާރާއަކަށް ލިބިފައި ނުވާކަމަށް ބުނެފައިވާތީ އެކަމުގެ ކަންބޮޑުވުންތައް ވެސް އޮތެވެ. އަދި މީޑިއާތަކުން ވެސް ވަނީ އެހާ ގިިނަ ދުވަހު ފާރަލައި، އަދި ހަމަލާ ދޭން އެހެން ފަހަރުތަކުގައި ވެސް މަސައްކަތްކޮށްފައި ވަނިކޮށް އައިއީޑީއެއް ގޮއްވާލަން އުޅޭކަން ނޭނގި އޮތް ސަބަބާއި މެދު ސުވާލު އުފައްދާފަ އެވެ.

ހަމަލާގެ މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި ކުރިޔަށް ދާއިރު ޖަލު ހުކުމެއް އައިސްފައިވާ ހަމައެކަނި މީހަކީ އައިއީޑީ ގޮއްވާލިކަމަށް ބުނާ އަދުހަމް އަހުމަދު ރަޝީދެވެ. މައްސަލައިގައި 09 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، ފުލުހުން ބުނީ މީގެ ތެރެއިން 04 މީހުންނަކީ ބޮން ތައްޔާރުކޮށް ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވީ މީހުން ކަމަށެވެ.

މި މައްސަލައިގައި ރައީސް ނަޝީދާއި އަރިސް ބޭފުޅުން ވެސް ކަންބޮޑުވުންފާޅުކޮށް ވާހަކަ ދައްކަވަ އެވެ. އަދި އެކަމުގެ ހަގީގަތް ފޮރުވަން މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ކުރެވިފައި ވަނިކޮށް ބޭރުގެ މީޑިއާއެއްކަމަށް ވާ “ދަ ވިއޯން” އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ މިހާތަނަށް އައިއިރު ވެސް ހަމަލާގެ އަޑީގައި ތިބި މީހުން ހޯދިފައި ނެތުމުން ކަންބޮޑުވާކަމަށެވެ. ކަމުގެ ހަގީގަތް އަދި މިހާތަނަށް ހޯދިފައި ނުވާއިރު ރައީސް ނަޝީދު ވަނީ ފަންޑު ކުރި ބަޔަކާއި، އެ މީހުންނަށް ބޮން ހަދަން އެނގުނު ގޮތެއް، އަދި އެހާ އެޑްވާންސް ޓެކްނޮލޮޖީއެއް ބޭނުން ކުރި ގޮތާއި ބެހޭ ގޮތުން އުފެދޭ އެއްވެސް ސުވާލަކަށް ޖަވާބު ނުލިބޭ ކަމަށެވެ.

ޖަވާބު ނުލިބޭ އެތައް ސުވާލުތަކެއް ހުރިއިރު އެމަނިކުފާނުގެ އުންމީދަކީ ސަރުކާރުން ވީހާވެސް އަވަހަށް މައްސަލަ ނިންމުންކަން ފާހަގަ ކުރެއްވި އެވެ.

“އަދިވެސް ޖަވާބު ހޯދަން ޖެހޭ އެތައްހާސް ސުވާލެއް އެބަހުރި، އަޅުގަނޑު އުންމީދު ކުރަން، އަޅުގަނޑު ގަބޫލުކުރަނީ، ސަރުކާރުން އެކަން ކޮށްދެއްވާނެ ކަމަށް” ރައީސް ނަޝީދު

ހަމަލާ އަމާޒުވިކަމަށް ބެލެވޭ ސަބަބާއި މެދު ނޫސްވެރިޔާ ސުވާލު ކުރުމުން ރައީސް ނަޝީދު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެވޭނީ ފުލުހުންނާއި ތަހުގީގީ އިދާރާތްތަކަށް ކަމަށެވެ. އެހެން ކަމުން ފުލުހުންނާއި ކޯޓު މެދުވެރިކޮށް އެ ޖަވާބު ބޭނުންވާކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ނަޝީދު ވަނީ ހަރުކަށި ފިކުރާއި ހަދުފަހަނަޅައިދިނުމާއި ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މުޖްތަމައުގެ ތެރޭގައި މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުންގެ އަދަދު އިތުރުވަމުން ދާ ކަމަށެވެ. އަދި ވަޒީފާގެ ގޮންޖެހުންތައް ހުރުމުގެ ސަބަބުން، ގިނަ ޒުވާނުން ތިބީ މަސައްކަތެއް ނެތިފައިކަމަށާއި މިކަންކަމަށް ފަރުވާތެރިވެ ރަނގަޅު މުޖްތަމައުއެއް ބިނާ ކުރުމުގައި މަސައްކަތް ކުރަން ރައީސް ނަޝީދު އިލްތިމާސް ކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ޓެރަރިޒަމް ނައްތާލުމުގެ ޕްރޮގްރާމުތަކާއި، އަދި ޒުވާނުނަށް ހާއްސަކޮށް ވަޒީފާގެ ތަމްރީނުތައް މުހިންމުކަމަށެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުންނާއި ސިފައިން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޮޑެތި އޮޕަރޭޝަންތައް ހިންގި އެވެ. އަދި ތަހުގީގުގެ މައުލޫމާތުތައް ދެމުން ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލަ ދޭން މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި އެމަނިކުފާނު ކަސްރަތު ކުރައްވަން ނިކުންނަވާ ވަގުތުތަކުގައި މޭރީ ބްރައުން ކައިރީ އެއްޗެސް ގޮއްވާލަން ރޭވުމާއި، އެމަނިކުފަނުގެ އަނބިކަބަލުން ލައިލާ އަލީގެ ގެކޮޅު މ. ޔާގޫތުގޭގައި ވެސް އެއްޗެއް ގޮއްވާލަން މަސައްކަތް ކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ރައީސް ނަޝީދަށް މި ހަމަލާ ދިނީ އެމަނިކުފާނު ދީނަށް ފުރައްސާރަ ކުރާކަމަށް ބުނެ ދީނުން ބޭރުވެފައިވާކަމަށް އަމިއްލައަށް ކަނޑައަޅަައި ލޭ ހުއްދަ ކުރުމަށް ފަހު ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: