ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިގްތިސާދީ ލޮޅުންތަކަށް ރައީސްގެ އިރުޝާދަކީ ހަރަދުތައް ކުޑަ ކުރުން!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކާއި، އޭގެ ސަބަބުން ކުރިމަތިލާން ޖެހޭ ހީނަރުކަމަށް ތައްޔާރުވެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރެއްވި މުވައްޒަފުންގެ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވެވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔެ ހޭދަ ކުރަން ޖެހުނު ދެ އަހަރަށް ފަހު، އެތައް ގައުމެއްގެ އިގްތިސާދު އިނދަ ޖެހުނެވެ. އެތައް އަހަރުތަކެއް ވަންދެން ކުރި މަސައްކަތުން ކޮޅަށް ޖެހި، އިގްތިސާދާއި ހޯދި އާމްދަނީގެ ވަސީލަތްތައް ބަންދުވެގެން ދިއުމުގެ ސަބަބުން ބައެއް ގައުމުތައް ބަނގުރޫޓުވާ ހާލަތަށް ވެސް ދިޔަ އެވެ. އެހެންވެ އެފަދަ ގައުމުތަކުން އެޅި ބޮޑެތި ފިޔަވަޅުތަކުގެ ތެރޭގައި، ހަރަދު ބޮޑު މަޝްރޫއުތައް މަޑު ޖައްސާލުމާއި، ހަރަދުތަކަށް ވުރެ އާމްދަނީ ލިބޭނެ ވަސީލަތްތައް ފުޅާ ކުރުން ފާހަގަ ކުރެވެ އެވެ.

މި ބަލިމަޑުކަމުން އަރައިގަނެވުނު ތަނުން ދެން އެކި ގައުމުތަކުން ކުރިމަތިލާން ޖެހުނީ، ރަޝިއާ – ޔުކްރެއިންގެ ހަނގުރާމައިގެ އަސަރުތަކާއި އެވެ. ތަކެތީގެ އަގު އުފުލި، ދުނިޔޭގެ ބާޒާރުގައި އިންތިހާއަށް ތެލުގެ އަގު އުފުލިފައިވާއިރު އޭގެ އަސަރު ދަނީ ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ވެސް ކުރަމުންނެވެ. ނަމަވެސް ބޮޑެތި ލޯނުތަކެއް ނަގައި ރާއްޖެ މަޝްރޫއުތައް ހިންގަމުން ދާ މިދަނޑިވަޅަކީ، ދައްކަން ޖެހޭ އިތުރު ބައެއް ލޯނުތައް ނުދެއްކި ވާ ވަގުތެކެވެ.

މިފަދަ އެކި ސަބަބުތަކާއި ހެދި އާއި، ފައިސާ ޗާޕު ކުރުމުގެ ސަބަބުން އަދި މިނިމަމް ވޭޖާއި، ރިސޯޓު ކުލިއަށް މައާފު ދިނުމުން އިންފްލޭޝަނަށް ކުރި އަސަރުތަކުން 2023 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ ބަނގުރޫޓުވެދާނެކަމުގެ އިންޒާރު ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ވަނީ ދީފަ އެވެ. އަދި އެފަދަ ހާލަތެއް އުފެދިދާނެކަން މަރުކަޒީ ބޭންކު އެމްއެމްއޭގެ ގަވަނަރު ވެސް ވިދާޅުވި އެވެ.

ނަމަވެސް ރައީސް ސޯލިހާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެފަދަ ހާލަތެއް ނެތްކަމަށެވެ. މި އިންޒާރު ސީރިއަސްކޮށް ނެގުމަށް ގޮވާލައި ފާޑުކިއުންތަކާއި، ނުރުހުން އަމާޒުވެފައި ވަނިކޮށް ރޭ ބޭއްވި ހަފްލާގައި ވާހަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދުނިޔެއަށް އަންނަ އެތައް ބަދަލަކަށް ދިވެހިރާއްޖެ ސަމާލުވާން ޖެހޭކަމަށެވެ. ސިޔާސީ ގޮތުންނާއި، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން އަންނަ ކޮންމެ ހީނަރުކަމެއްގެ މައްޗަށް ސަމާލުވެ ތިބުން މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން ކަމަށެވެ.

އެންމެ މުހިންމު ފިޔަވަޅެއްގެ ގޮތުން ހަރަދުތައް ހިފަހައްޓައި، ކުޑަ ކުރުމަށް ރައީސް އިލްތިމާސް ކުރެއްވި އެވެ. އަދި އިގްތިސާދު ކުރުމާއި ފަހަށް ރައްކާ ކުރުމާއި، ކަރަންޓު ހަރަދު ކުޑަކޮށް ހަކަތައިގެ ބާވަތްތައް ބޭނުން ކުރާ މިންވަރު ދަށް ކުރުމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

“މި ކަންކަމާ ކުރިމަތިލުމުގައިވެސް، އެދެވޭ ނަތީޖާއެއް ނެރެވޭނީ ފަރުދީ ޒިންމާ އަދާކުރާ މިންވަރަކުން. އެންމެ މުހިންމު ކަމަކީ ހަރަދުތައް ކުޑަކުރުން. ކޮންމެ ކަމެއްގައިވެސް އިގްތިސާދުކުރުމާއި ފަހަށް ރައްކާކުރުމަށް ސަމާލުކަން ދިނުން. ކަރަންޓު ހަރަދު ކުޑަ ކުރުން، ހަކަތައިގެ ބާވަތްތައް ބޭނުންކުރާ މިންވަރު ދަށްކުރުން.” ރައީސް ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ މިއީ ފަރުދީ ގޮތުން ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނާނީ ގައުމީ ފެންވަރުގައިކަމަށާއި، ސަބަބަކީ އިގްތިސާދީ ގޮތުން ގައުމީ ފެންވަރުގައި އުފުލަން ޖެހޭ ބުރަތައް ކުޑަވެގެން ދިއުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަރަދުތައް ކުޑަކުރަން ރައީސް ސޯލިހު އިލްތިމާސް ކުރެއްވި ނަމަވެސް ނިމިދިޔަ ހަފްތާގައި އއ. އުކުޅަސްގައި އޮތް “ވިޔަވަތި” ކޮންފަރެންސްގައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅު ކަމަށާއި ގައުމު ބަނގުރޫޓުވާ ހިސާބަށް ނުދާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: