ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގު ފޯމުތަކަށް ޕާޓީތައް ޖޫރިމަނާ ކުރާއިރު، ފިންގާޕްރިންޓު ބެލޭނެ ގޮތެއް އީސީގެ ނެތް!

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާ ފޯމުތައް ސައްހަ ނޫންނަމަ ފޯމް ހުށައަޅާ ޕާޓީ ޖޫރިމަނާ ކުރުމަށް ނިންމިއިރު، އިލެކްޝަންސް ކޮމިޝަނުގައި ފޯމްގައިވާ ފިންގާ ޕްރިންޓް ސައްހަތޯ ބެލޭނެ ގާބިލިއްޔަތުކަން ނެތްކަމަށް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވެއްޖެއެވެ.

ޕާޓީތަކުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކާއި މެދު ބޮޑެތި ކަންބޮޑުވުން ފާޅުކޮށް، ދަފްތަރު އޮޅުވާލާ “ވަގު ފޯމް” ރަޖިސްޓްރީކޮށް އީސީގެ ފަރާތުން ޕާޓީތަކަށް މެންބަރުން ހަމަކޮށްދިނުމަށް މަސައްކަތް ކުރާކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އާންމު ވާހަކަތަކެކެވެ. މިހާރު އެނެއްކާވެސް މި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެވާހަކަތަކުގެ އަޑު ގަދަވެ ނުފޫޒުގެ ބޭނުންކޮށް ޕާޓީތަކުގެ މެންބަރުން ވަގަށް ނަގާ އެހެން ޕާޓީތަކުގެ ތަފްތަރުގައި ހިމަނާކަމަށް ބުނެ ތުހުމަތުކުރަމުން އަންނަ މި ދަނޑިވަޅުގައ،ި “ސަންގު” ގެ ސުވާލަކަށް ހަބީބު ވިދާޅުވީ ސިޔާސީ ޕާޓީތަކުން އީސީއަށް ހުށައަޅާ ފޯމްތައް ޕްރޮސެސް ކުރުމުގައި ލަސްވުމުގެ ސަބަބަކީވެސް ފޯމުތައް ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައް ނިންމުމަށް ވަގުތު ނަގާތީކަމަށެވެ.

ފޯމްތައް ސައްހަތޯ ކަނޑައެޅުމުގައި ބައްލަވަނީ ދެ ކަމަކައްކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން އެބޭފުޅުންނަށް ލިބޭ ފޯމްތަކުގެ މައުލޫމާތު ކޮންމެ އާދިއްތަ ދުވަހަކު ވެބްސައިޓުގައި އިއުލާންކުރަންކަމަށާއި މިފަދައިން އިއުލާނުކޮށް އެއްވެސް ފަރާތެއްގެ ޝަކުވާއެއް އެބަ އޮތްތޯ ބައްލަވަންކަމުގައި ވިދާޅުވިއެވެ. އަދި ފޯމުގައިވާ ވެރިފަރާތުގެ ނަންބަރުގެ ގޮތުގައި ލިޔެފައިވާ ނަންބަރަށް، އެމީހަކު ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވުމަށްޓަަކައި ފޯމެއް ފުރާ ހުށައެޅިއްތޯ ސުވާލުކޮށް އެއްވެސް ޝަކުވާއެއް އޮތްތޯ، މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ ކުރިން ބައްލަވަންކަމުގައި ހަބީބް ވިދާޅުވިއެވެ.

މިގޮތަށް ފޯމްގެ ވެރި ފަރާތާއި ސުވާލުކޮށް އެއްވެސް ޝަކުވާއެއް އައިސް، އެއީ ސައްހަ ފޯމެއް ނޫންކަން ކަށަވަރުވެއްޖެނަމަ ފޯމް ހުށައަޅާފައިވާ ސިޔާސީ ޕާޓީ 5،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އީސީން ވަނީ ނިންމާފައެވެ. އަދި މިފަދައިން ތަކުރާރު ވަނީނަމަ 10،000 ރުފިޔާއަށް ޖޫރިމަނާގެ އަދަދު ބޮޑުވާނެކަމަށާއި ފޯމުގައި ހެކިވެރިއެއްގެ ގޮތުގައި ސޮއި ކުރާ ފަރާތްތަކުގެވެސް މައުލޫމާތު ބަލައި ސައްހަ ނޫންނަމަ އެ ފަރާތްތަށްވެސް ކުށްވެރިވެ ޖޫރިމަނާ ވާނެކަމަށް އީސީން ވަނީ ކަނޑައަޅާފައެވެ.

ބޮޑު އަދަދުން ސިޔާސީ ޕާޓީތައް ޖޫރިމަނާ ކުރުމަށް ނިންމިގެން ދިޔައިރުވެސް ހަބީބް ވިދާޅުވި ގޮތުންނަމަ އީސީގައި ފޯމްތަކުގައި ޖަހާފައި އޮންނަ ފިންގާ ޕްރިންޓަކީ ރީޑަބަލް އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ގާބިލިއްޔަތުކަމެއް ނެތެވެ. ހަބީބް ވިދާޅުވީ ފިންގާ ޕްރިންޓް ވެރިފައި ކުރާނެ މެޝިނެއް އީސީގައި ނެުމުން މީގެ ކުރީގައި މިކަންތައް ކޮށް އުޅުނީ ފުލުހުންގެ އެހީތެރިކަމާއިއެކުކަމަށެވެ.

” ފޯމާއިއެކު ހުށައަޅާފައި އޮންނަ އައިޑީ ކާޑުގައި ހުންނަ މައުލޫމާތަކާއި ފޯމުގަ ހުންނަ މައުލޫމާތުތަކާ، ދެން އައިޑީ ކާޑުގަ އޮންނަ ގޮތަށް ސޮއި ކޮށްފަ އޮތްތޯއާއި ދެން އޭނާގެ ސޮއިތޯ އަދި ފިންގާ ޕްރިންޓް ރަނގަޅަށް ޖަހާ، ސާފު ވާން ޖެހޭނެ، އެކަމަކު އަޅުގަނޑުމެންގެ މި ގާބިލުކަމެއް ނެތް. ފިންގާ ޕްރިންޓަކީ ރީޑަބަލް އެއްޗެއްތޯ ނުވަތަ ނޫންތޯ ބެލުމުގެ ގާބިލުކަމެއް ނެތް އެއީ ފިންގާ ޕްރިންޓް ވެރިފައި ކުރާ މެޝިނެއް އިލެކްޝަންސް ކޮމިޝަނަކު ނެތް” ހަބީބު

ނަމަވެސް އެތައް ހާސް ފޯމެއް ހުށަހަޅާއިރު ހުރިހާ ފޯމެއް ހިފައިގެން ފުލުހަށް ދާން ޖެހުމުން އެބޭފުޅުންނަށްވެސް ވަރަށް ބޮޑު ބުރައަކަށް ވާކަމަށާއި ފުލުހުންވެސް ވަނީ އެބޭފުޅުންނަށް އިސީގެ އެ ޓާސްކް ނެގެން ނެތްކަމަށް ބުނެފައިކަމަށް ހަބިީބްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ބަލައި ފާސްކޮށް ޝަރީއަތަށް ހުށައަޅަން ޖެހޭ ފޯމެއް ނަމަ އީސީގެ ފަރާތުންވެސް ޝަރީއަތަށްދާކަން ފާހަގަކޮށް ހަބީބް ވިދާޅުވީ އާންމު ފަރާތްތަކުންވެސް އެމީހުންގެ ނަމުގައި އޮޅުވާލައިގެން ފޯމް ހުށައެޅުމުގެ ސަބަބުން ޝަރީއަތަށްދާކަމަށެވެ. އަދި މިފަދަ ހާލަތްތަކުގައި ފުލުހުން ވެރިފައި ކޮށްދެއްވާކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރަށް އީސީން ވަނީ 3000 މެންބަރުން ހަމަނުވާ ޕާޓީތައް މި މަހުގެ 14 ގެ ކުރިން މެންބަރުން ހަމަނުވެއްޖެނަމަ އުވާލާނެކަމަށް ބުނެ މިފަދަ 4 ޕާޓީއަކަށް ނޯޓިސް ދީފައެވެ. ނޯޓިސް ދެވުމާއިއެކު ބައެއް ޕާޓީތަކުން އައީ މިކަމުގެ ސަބަބަކީ އީސީކަމަށާއި ފޯމު ހުށައެޅި ނަމަވެސް ޕްރޮސެސް ނުވާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް މީޑިއާތަކާއިވެސް ޝަކުވާތައް ހިއްސާކުރަމުންނެވެ.

މިކަމާއި ގުޅިގެން ހަބީބް ވިދާޅުވީ އެބޭފުޅުން ޕްރޮސެސްކުރުމުގައި ބަލަނީ ފޯމް ހުށައަޅާ ތަރުތީބަށްކަމަށާއި ނަމަވެސް މިހާރު ފޯމްތައް ޕްރޮސެސްކުރަމުން ދަނީ މެންބަރުން ހަމަނުވެއްޖެނަމަ މި މަހުގެ 14 ގައި އުވާލުމަށް ނޯޓިސް ދެވިފައިވާ ޕާޓީތަކަށް އިސްކަން ދީގެންކަމަށެވެ. އެގޮތުން ނޯޓިސް ދެވިފައިވާ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ފޯމް ހުށައަޅާފައިވަނީ އެމްއާރްއެމްގެ ފަރާތުންކަމަށް ފާހަގަކުރައްވާ ހަބީބް ވިދަޅުވީ އެ ފޯމްތަކުގެ މަސައްކަތްތަށް މިހާރު ކުރިއަށްދާކަމަށެވެ.

އިތުރަށް ޕާތީއަށް މީހުން ވައްދާ، މެންބަރުން ހަމަކުރުމަށްޓަަކއި މަސައްކަތްކޮށް ފޯމް ހުށައަޅާފައިވީ ނަމަވެސް އަދި މިހާތަނަށް 4 ޕާޓީން ކުރެ އެއްވެސް ޕާޓީއަކަށް މީހުން ހަމަވެފައިނުވާކަމަށް ހަބީބް ހާމަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: